އިސްދޫ ކަލައިދޫ އެއާޕޯޓް މަޝްރޫއަށް ބޭނުންވާ 600 މިލިޔަން ރުފިޔާ ބަޖެޓްގައި ހިމަނައިގެން މިހާރު ހަމަޖައްސާފައިވާނެ ކަމަށް މިނިސްޓާ އޮފް އިންފްރާންސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.
މިިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ، އަހްމަދު ޝަމްހީދު، ލިޔުމުން ޖަވާބު ހޯއްދެވުމަށް މިނިސްޓަރާ ކުރެއްވި ސުވާލަށް ލިޔުމުން ޖަވާބު ދެއްވަމުންނެވެ.
މެންބަރު ސުވާލު ކުރައްވާފައި ވަނީ، ރާއްޖޭގެ ކިތައް ރަށުގައި މިވަގުތު އެއާޕޯޓް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ކުރިއަށްދޭތޯ އާއި އެ މަޝްރޫއުތައް ނިންމުމަށް އިތުރަށް ބޭނުންވާނެކަމަށް އަންދާޒާ ކުރެވެނީ ކިހާ ފައިސާއެއްތޯ އޮޅުން ފިލުވުމަށެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޑރ. މުއްތަލިބު ވިދާޅުވީ އެ މިނިސްޓްރީގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް ކޮށްގެން މިހާރު ފަސް އެއާޕޯޓެއް ތަރައްގީ ކުރުމުގެމަސައްކަތް ކުރިއަށްދާ ކަމަށެވެ.
އެ މަސައްކަތްތައް ހުރީ، އެކި މަރުހަލާތަކުގައި ކަމަށާއި، މަޝްރޫއުތައް ނިންމުމަށްޓަަކައި ކަނޑައަޅާފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަމަވެސް، ލ. އިސްދޫ ކަލައިދޫ އެއާޕޯޓް އަދި ކޮންޓްރެކްޓް ކުރެވިފައި ނުވާތީ އެ މަޝްރޫއަށް ބޭނުންވާ 600 މިލިޔަން ރުފިޔާ މިހާރުވަނީ ބަޖެޓުގައި ހިމަނައިގެން ހަމަޖެހިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް