މިހާރު މަސައްކަތްތައް ކުރިއަށްގެންދާ ހުރިހާ އެއާޕޯޓެއް 2028 ގެ މެދެއްހާ ހިސާބަށް ނިންމައި ހުޅުވިގެންދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުން ފާހަގަކުރުމަށް ސެންޓްރަލް ޕާކުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވަނީ، އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުމުން އުމްރާނީ ބޮޑެތި މަސައްކަތްތަކެއް މަޑުޖެހުނުކަން ފާހަގަކުރައްވައިފައެވެ.

އެގޮތުން ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާއި ދަރަނި ދެއްކުމަށް ފައިސާ ހާއްސަކުރަން ޖެހުމުން ރައްޔިތުންނަށް ބުރަ ކުޑަކުރުމުގެ ގޮތުން މަޝްރޫއުތައް މަޑުޖައްސައިލެއްވީ ކަމަށް ވިދާޅުވިއެވެ. ނަމަވެސް އަންނަ އަހަރު ތަފާތުވާނެ ކަމަށާއި، ސޮއިކުރެވިފައިވާ މަޝްރޫއުތަކުގެ މަދުވެގެން 70 ޕަސެންޓު ނިންމައި ރައްޔިތުންނާ ހަވާލުކުރާ އަހަރަކަށް ވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ބިން ހިއްކުމުގެ މަސައްކަތުގައި ބޭނުންކުރާ ތިން ގުނަ ބޮޑު ޑްރެޖަރެއް އަންނަ މާޗު މަހު ރާއްޖެ ގެނެވޭނެ ކަމަށާއި، އޭގެ ފައިސާ މިހާރު ދައްކައި ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެހެންމެ ބޮޑުހިލަ ބަލްކުކޮށް ގެންނަން ފެށުމާއެކު އެމްޓީސީސީގެ ގާބިލުކަން ބޮޑުތަނުން އިތުރުވެފައިވާ ކަމަށާއި، ގިނަ ރަށްރަށުގައި އެއްފަހަރާ މަގު ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިގުތިސާދީ ތަރައްގީއާ ގުޅޭގޮތުން ރައީސް ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ޓާމިނަލް ކުރު މުއްދަތެއްގެ ތެރޭގައި ހުޅުވައި ނިންމާލެވުނު ކަމަށާއި، ހަނިމާދޫ އެއާޕޯޓު ވެސް ނިންމާފައިވާކަން ފާހަގަކުރައްވައިފައެވެ. ތިލަފުށީ ޕޯޓާ ގުޅޭގޮތުން ރައީސް ވިދާޅުވީ ހަ ގުނަ ބޮޑު ސަރަހައްދަކަށް ބަދަލުވެގެންދާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އަންނަ އަހަރުގެ ނޮވެމްބަރު ތެރޭގައި ހުޅުވާނެ ކަމަށެވެ.