އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ހެރަލްޑް ހޯލްޓް ކޮންމެވެސް ބަޔަކު ވަގަށް ނެގީހެއްޔެވެ. ބޮޑު މަހެއް ކައިލީ ހެއްޔެވެ. ވީގޮތެއް ކަށަވަރުކަމާއެކު ބުނަން އެނގޭ މީހަކު ނެތެވެ. އޭނާ ވަނީ ގެއްލިފައެވެ. އެ ހާދިސާއަށް 58 އަހަރު ފުރިގެންދިޔައިރު ރަސްމީގޮތުން ބަލަނީ މޫދަށް ގެނބިގެން އަވަހާރަވީ ކަމުގައެވެ. އެކަމަކު ރަޝިޔާއިން ނުވަތަ ޗައިނާއިން އޭނާ ވަގަށް ނަގައިގެން ސަބްމެރީނެއްގައި ގެންދިޔައީ ކަމަށް ގަބޫލުކުރާ މީހުންވެސް ވަރަށް ގިނައެވެ. ހާދިސާ ހިނގައިދިޔަ ގޮތުގެ މައްޗަށް ބަލައިލަމާ ބަހީއެވެ. އެއީ 1967 ވަނަ އަހަރުގެ ޑިސެމްބަރު 17 ވަނަ ދުވަހެވެ. އުމުރުފުޅުން 59 އަހަރުގެ ހޯލްޓް ހުންނެވީ ބޮޑުވަޒީރުގެ މަގާމުގައެވެ. އޭނާގެ ބޮޑުވަޒީރުކަމަށް އޭރު ދެ އަހަރުވާން އޮތީ ކައިރިވެފައެވެ. ޗުއްޓީއެއްގައި އެދުވަހު ހޯލްޓް ވަޑައިގެންނެވީ މެލްބަން ސިޓީގެ ކައިރިން ޝިވިއޮޓް ބީޗޭ ކިޔުނު ގޮނޑުދޮށަށެވެ. އެއީ މޫދުކުޅިވަރާއި ކެޔޮޅުކަމުގައި އޭނާ އާއްމުގޮތެެއްގައި ވަޑައިގެން އުޅުއްވާ ތަނެކެވެ.
ހޯލްޓަކީ ކުޅަދާނަ ފެތުންތެރިއެކެވެ. ފީނާ މީހެކެވެ. ދަގަނޑު ޖަހައިގެން މަސްހިފުމަކީ ވަރަށް ގިނައިން ކުރައްވާ ކަމެކެވެ. އެކަމަކު ޝިވިއޮޓް ބީޗަށް އެދުވަހު ވަޑައިގެންނެވީ މަސްހިފުމަކަށް ނޫނެވެ. މޫދަށް އެރިލައި ކުޑަކޮށް ފަތާލުމަށެވެ. އަރިހުގައި އިތުރު ހަތަރު މީހަކުވެސް ދިޔައެވެ. ހަށިފާރަވެރިޔަކު ނެތެވެ. ރަސްމީ މަސައްކަތުގައި އުޅުއްވާއިރު އަރިހުގައި ހަށިފާރަވެރިން ތިއްބަސް ޗުއްޓީގައި އެކަމެއް ނޯވެއެވެ. މިނިވަންކަން ނުވަތަ ޕްރިވެސީ ގެއްލެނީ ކަމަށް ވިދާޅުވެ ހަށިފާރަވެރިން ނުގެންދަވަައެވެ. ހޯލްޓްގެ އަނބިކަނބަލުން ޒާރާ ހޯލްޓް ވިދާޅުވެފައިވަނީ ހަށިފާރަވެރިން ނުގެންދަވަނީ ވަގު ބިޓުންގެ ކަންކަން ސިއްރު ކުރެއްވުމަށް ކަމުގައެވެ. ކޮންމެއަކަސް އެދުވަހު ހޯލްޓްގެ އަރިހުގައި ޝިވިއޮޓް ބީޗަށް ދިޔަ ހަތަރު މީހުންގެ ތެރޭގައި އަނބިކަނބަލުން ޒާރާއެއް ނުހިމެނެއެވެ. ގެންދެވީ މާޖޮރީ ގިލެސްޕީއޭ ކިޔުނު އަންހެނަކާއި އެ އަންހެން މީހާގެ ޒުވާން އަންހެން ދަރިފުޅާއި މިދެންނެވި އަންހެން މީހާގެ ރަހުމަތްތެރި އެހެން ދެ ފިރިހެނެކެވެ.
މާޖޮރީ ގިލެސްޕީއަކީ ހޯލްޓްގެ ވަގު ބިޓެކެވެ. ލޯބިވެރިއެކެވެ. އެކަމަކު މި އަންހެންމީހާ އޭރުވެސް ހުރީ މީހަކާ އިނދެގެންނެވެ. ބޮޑުވަޒީރު ހޯލްޓް މޫދަށް ފައިބާވަޑައިގެންނެވިއިރު މާޖޮރީ ގިލެސްޕީގެ ދެމައިންނާއި އެހެން ފިރިހެނަކު ތިބީ އެއްގަމުގައި ބަލަހައްޓައިގެންނެވެ. އަރިހުގައި އެކަކު ފޭބިއެވެ. އޭނާ ހުރީ އިސްކޮޅު ޖެހޭ ހިސާބުގައެވެ. އެކަމަކު ހޯލްޓް ވަޑައިގެންނެވީ އެއަށްވުރެ ތަންކޮޅެއް ބޭރަށެވެ. އިސްކޮޅު ނުޖެހޭ ހިސާބަށެވެ. ދެން ފެނުނީ ކައިރިން ބޮކިތަކެއް އަރާފައި އަޑިޔަށް ގެނބުނު މަންޒަރެވެ. އޭގެ ފަހަކުން ޚަބަރެއް ނުވިއެވެ. ގެއްލުނީއެވެ. މި ޚަބަރު އެއްގަމަށް ލިބުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ފެށުނެވެ. އަޑިންނާއި މަތިންނެވެ. އެއީ އޮސްޓްރޭލިޔާގެ ތާރީޚުގައިވެސް މިހައިތަނަށް ހިންގުނު އެޒާތުގެ އެންމެ ބޮޑު ސާރޗް އޮޕަރޭޝަނެވެ. ޖެހިގެން އައި ޖެނުއަރީ މަހުގެ މެދަކާ ހިސާބަށް މި އޮޕަރޭޝަން ކުރިއަށް ގެންދިޔައެވެ. މުޅި އައްސޭރީގައި އަތްފުނާ އެޅިއެވެ. އެކަމަކުވެސް ހިލަމެއް ނުވިއެވެ.
މިޔަރެއްގެ ޝިކާރައަކަށްވީ ކަމަށް ބަލައިގެން އެހިސާބުން ބޮޑެތި މިޔަރުތަކެއް ހިފައި އޭގެ ބަނޑު ފަޅާލައިގެން ބެލިކަމަށްވެސް ބުނެވެއެވެ. ހޯލްޓްގެ ހަށިގަނޑު ނުފެނުނެއް ކަމަކު އޭނާ އަވަހާރަވީ ކަމަށް ބަލައިގެން މެލްބަންގެ ސެއިންޓް ޕޯލް ފައްޅީގައި ޑިސެމްބަރު ބާވީސްވަނަ ދުވަހު މެމޯރިއަލް ސާރވިސްއެއް ބޭއްވިއެވެ. މިކަމުގައި އެމެރިކާގެ ރައީސް ލިންޑަން ބީ ޖޮންސަނާއި އިނގިރޭސި ބޮޑުވަޒީރު ހެރަލްޑް ވިލްސަނާއި އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސްއާއި މިހެންގޮސް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގެ ލީޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އޮސްޓްރޭލިޔާގެ ތާރީޚުގައިވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެންމެ ގިނަ ލީޑަރުން އެއްތަންވި ދުވަހަކީ އެދުވަހެވެ. ކޮންމެއަކަސް މި އެއްވުމަކުން ރަޝިޔާއާއި ޗައިނާގެ ވެރިޔަކު ނުފެނެއެވެ. އެއިން ގައުމަކުން ސަބްމެރިން ބޭނުންކޮށްގެން ހޯލްޓް ވަގަށް ނެގީކަމުގެ ވާހަކައިގެ އަޑު ގަދަވުމުގެ ސިއްރަކީ އެއީ ކަމަށް ވެދާނެއެވެ. ޗައިނާ އާއި ރަޝިޔާއަކީ ކޮމިއުނިސްޓް ގައުމުތަކެވެ.
ހޯލްޓަކީ ކޮމިއުނިޒަމާ ވަރަށް ދެކޮޅު ބޭފުޅެކެވެ. އުތުރު ވިއެޓްނާމުގެ ކޮމިއުނިސްޓް ސަރުކާރާ ދެކޮޅަށް އެމެރިކާއިން އޭރު ކުރަމުންދިޔަ ހަގުރާމައިގެ އެންމެ މުހިންމު އެއް ބައިވެރިޔަކީ އޮސްޓްރޭލިޔާއެވެ. އެމެރިކާއަށް ވަޑައިގެންފައި ތިމަންނާމެން މިތިބީ ވީ ހާލެއްގައި ވާން އެމެރިކާޔާ އެކުގައޭ ވިދާޅުވީވެސް ހޯލްޓެވެ. އުތުރު ވިއެޓްނާމަށް އެހީވަމުން ދިޔައީ ޗައިނާއާއި ރަޝިޔާއިންނެވެ. އެހެންވީމާ ހޯލްޓަކީ ހަގީގަތުގައިވެސް ރަޝިޔާ އާއި ޗައިނާގެ ބޮޑު ހަތުރެކެވެ. އެވަރަކުން އަދި ނުނިމެއެވެ. ޓައިވާނަކީ ގައުމެއް ކަމަށް ބަލައިގެން ޓައިވާނުގައި އޮސްޓްރޭލިޔާގެ އެމްބަސީއެއްވެސް ހޯލްޓް ވަނީ ގާއިމު ކުރައްވައިފައެވެ. އެހެންވެ ހޯލްޓަކީ މާގަދައެއްކޮށް ޗައިނާ ރުޅިއަރާ ލީޑަރެކެވެ. އޭރު ޗައިނާގެ ލީޑަރަކީ މަޝްހޫރު މާއޯ ޒެޑޮންއެވެ. ރަޝިޔާގެ ވެރިކަމުގައި ހުންނެވީ ލިއޮނިޑް ބްރެޒިނެވް އެވެ. ގައުމެއްގެ ވެރިޔަކު މިޒާތަށް ވަގަށް ނެގޭވަރުގެ ކުޅަދާނަކަން ޗައިނާގެ ކިބައިގައި އޭރު ނެތަސް އެކުޅަދާނަކަން ރަޝިޔާގެ ކިބައިގައި ހުރެދާނެއެވެ.
ޗައިނާއާ ގުޅުވައިގެން އަދި އެހެން ތިއަރީއެއްވެސް އޮވެއެވެ. ބޮޑުވަޒީރު ހޯލްޓަކީ ޗައިނާގެ ސިއްރު ޖާސޫސެކޯލައެވެ. އެކަން ފަޅާއަރާނެކަން ޔަގީންވީމާ ޗައިނާގެ ސަބްމެރީނެއްގައި ފިއްލަވައިގެން ވަޑައިގަތީ ޔޯލައެވެ. މިއީ ތެދަކަށްވުން ގާތެއް ނޫނެވެ. އެހެނީ ހޯލްޓަކީ އަބަދުވެސް ޗައިނާއަށް ނަފުރަތު ކުރެއްވި ބޭފުޅެކެވެ. އޭނާގެ އަނބިކަނބަލުން ޒާރާ ވިދާޅުވެފައިވަނީ ޗައިނީޒް ފުޑަށްވެސް ހޯލްޓް ނަފުރަތު ކުރައްވާ ކަމުގައެވެ. ކޮންމެއަކަސް ހޯލްޓަށް ވީ އެއްޗެއްވެ ނިމިއްޖެއެވެ. ހަށިގަޑެއް ނުފެނުނެވެ. ދުވަސްވަރަކީ ފިނި ހަގުރާމައިގެ އުދާސްތައް އެންމެ ގަދަވި ދުވަސްވަރެވެ. އެހެންވީމާ ޗައިނާ ނުވަތަ ރަޝިޔާއިން އޭނާ ވަގަށް ނެގީކަމުގެ ތިއަރީތަކަށް ޖާގަ ލިބުނީއެވެ. ތެދަކަށްވެސް ވެދާނެއެވެ. މިވާހަކައިގެ ހަނދާންތައް އައުކުރުމުގެ ބޭނުމަކީ އެމެރިކާއިން ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ ވަގަށް ނެގުމުގެ ހާދިސާ ދާދިފަހަކުން ހިނގާފައިވާތީ ދުނިޔޭގެ ގައުމުތަކުގެ ވެރިން ވަގަށް ނެގުމުގެ އެހެން ވާހަކައެއް ބަޔާންކުރުމެވެ.
އިމާދު ލަތީފު
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ
ަުއޮސްޓްރޭލިޔާ