ގައުމީ ފުޓްސަލް ޓީމުން ސަރަހައްދީ ޗެމްޕިއަންކަން ހޯދި ހޯދުމަކީ ގައުމީ ފެންވަރުގައި މިހާރަށްވުރެވެސް ބޮޑަށް ފާހަގަކުރަން ޖެހޭ ކާމިޔާބީއެއް ކަމަށް ބ. އޭދަފުށީގެ ކެޕްޓަން އިޝާން އިބްރާހީމް (ސައްޓު) ބުނެފިއެވެ.

ރާއްޖޭން ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތް ކާމިޔާބުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ސަރަހައްދީ ގައުމުތައް ކައިރިން ތަފާތު ބޮޑުކޮށް ރާއްޖެ މޮޅުވެފައިވާ އިރު، ޓީމު ފެނުނީ ތަފާތު ރޫހެއްގައި މޮޅު ކުޅުމެއް ކުޅުނުތަނެވެ. ކާމިޔާބީއާއެކު ޓީމުން ރާއްޖެ އައުމުން މިނިސްޓަރު އަބްދުﷲ ރާފިއުއާއި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް)ވެސް ބައިވެރިވެލެއްވި ހާއްސަ ހަފްލާއެއް އާޓިފިޝަލް ބީޗުގައި ބާއްވާފައިވެއެވެ. އެއީ ހަވާ އެރުވުމާ އެކުގައެވެ.

އެ އުފާފާޅުކުރުންތައް އެންމެ އެކަށީގެންވާ ގޮތެއްގައި ނުފެނުނު ކަމަށް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވާ އިރު، ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ޓީމުގެ އަގު ވަޒަންކުރުމަށް ހާއްސަ އައްޑަނައެއް އަރުވަން ނިންމައި، ރޭގެ މެޗުތަކުން އެކަން ފަށައިފައެވެ. ކާމިޔާބީ ފާހަގަކުރުމުގެ މުހިއްމު ކަމާ ގުޅޭ ގޮތުން "ވަން ސްޕޯޓްސް"އިން ސައްޓުއާ ސުވާލުކުރުމުން އޭނާ ބުނީ، މިހާރަށްވުރެވެސް ބޮޑަށް ގައުމީ ފެންވަރުގައި ކާމިޔާބީ ފާހަގަކުރަން ޖެހޭ ކަމަށެވެ.

"އަސްލު ސާފް ސަރަހައްދުގައި ބޭއްވި ފުޓްސަލް މުބާރާތުގައި ހުރިހާ މެޗަކުން މޮޅުވެގެން 18 ޕޮއިންޓާއެކު ނިންމާލީމަ، އަޅުގަނޑު އަމިއްލައަށް ގަބޫލުކުރާ ގޮތުގައި ގައުމީ ފެންވަރުގައި ފާހަގަކުރަން ޖެހޭ ކާމިޔަބީއެއް މިއީ. ރާއްޖެ ބޭސްވެފައި މިއޮންނަނީ ފުޓްސަލްއެއް. މިކުޅިވަރަކީ ރާއްޖޭގެ އެންމެ ފޯރިގަދަ ކުޅިވަރު. އެހެންވީމަ އަޅުގަނޑު އަމިއްލައަށް ދެކޭ ގޮތުގައި ގައުމީ ފެންވަރުގައި މިއަށްވުރެވެސް ކުލަގަދަކޮށް ފާހަގަކުރަން ޖެހޭ ކާމިޔާބީއެއް ޓީމުން ހޯދީ،" ސައްޓު ބުންޏެވެ.

ސައްޓު އިތުރަށް ފާހަގަކުރީ ކާމިޔާބީއާ ހަމައަށް ގައުމީ ޓީމު ދިޔަ އިރު، އެ ކާމިޔާބީގެ ފަހަތުގައި ތިބި ހުރިހާ އެންމެންނަށް އަމިއްލަ ނަމުގައާއި ޓީމުގެ ނަމުގައި ޝުކުރު އަދާކުރަން ބޭނުންވާ ކަމަށެވެ.

https://www.facebook.com/photo?fbid=1296702009151260&set=a.544416691046466

ސައްޓުއަކީ މީގެ ކުރިން އޭދަފުއްޓާއެކު ގޯލްޑަން ފުޓްސަލް ޗެލެންޖް ކާމިޔާބުކޮށް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައިވާ، ތަޖުރިބާކާރު ކުޅުންތެރިއެކެވެ. ގަދަ 16 އަށް އޭދަފުށިން ނުކުންނަ އިރު، ސައްޓު ޓީމާ ގުޅުން ވެގެންދާނީ މުހިއްމު ކަމަކަށެވެ.

8 މާޗު 2024، އޭދަފުށި، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޗެމްޕިއަނުންނަށް މަރުހަބާ ކިޔުމަށް އޭދަފުށީގައި ބޭއްވި އިވެންޓްގެ ތެރެއިން ސައްޓު: ރިލުވާންގެ ނަޒަރުގައި ރަށްރަށުން އެ ފެންނަ މަންޒަރަކީ އޭނާ އެދޭ ބަދަލ --- ވަން ފޮޓޯ/ ދިފްލާ

އޭދަފުށިން ބޭރު ކޯޗެއް ގެނައުމަކީ ރަނގަޅު ފިޔަވަޅެއް

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ޒޯން ބުރުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅުވެ، ބ. އޭދަފުށިން ގަދަ 16 ޔަގީން ކޮށްފައިވާ އިރު، ސައްޓު ޓީމަށް ނުކުތް ފުރަތަމަ މެޗަކީ ރޭ ޅ. ކުރެންދޫ ކައިރިން 1-0 އިން މޮޅުވި މެޗެވެ. އެމެޗާ ގުޅޭ ގޮތުން ސައްޓު ބުނީ ޓީމު އޮތީ ރަނގަޅަށް ކަމަށާއި، ގޭމަށް ހޭނެން ދެމެޗެއްވަރު ބޭނުންވާނެ ކަމަށެވެ.

"ޓީމު އަސްލު ވަރަށް ރަނގަޅަށް މިއޮތީ. އަތޮޅު ބުރު ކާމިޔާބުކޮށްގެން އައިމަ ހަމަ ވަރަށް ރަނގަޅަށް މިއޮތީ މިވަގުތު. ދެން އަޅުގަނޑުގެ ފުރަތަމަ މެޗަށްވުމާއެކު އަދި ޓައިމް ނަގާނެ، ރަށު ޓީމު މިކުޅޭ ގޭމް ތެރެއަށް ވަންނަން. ދެތިން މެޗެއް ކުޅެލީމާ ރަނގަޅުވާނެ މިއަށްވުރެ،" ސައްޓު ފާހަގަކުރިއެވެ.

އޭދަފުށިން މިފަހަރު ގޯލްޑަންއަށް ތައްޔާރުވެފައިވަނީ އޭއެފްސީ ފުޓްސަލް ކޯޗިން ލެވެލް ތިނެއްގެ ފާސް އޮންނަ ތައިލެންޑް ކޯޗެއް ކަމަށްވާ ސަންތިޕާޕް ވަސަންއާއެކުގައެވެ. ސައްޓު ބުނީ ބިދޭސީ ކޯޗެއް ގެނައުމަކީ އޭދަފުށިން ނިންމި ރަނގަޅު ނިންމުމެއް ކަމަށެވެ.

"ބިދޭސީ ކޯޗެއް ވީމަ ތަފާތު ފެންނާނެ. އެއީ ގައުމީ ޓީމުން ކުޅުނު ގޭމާ، މިހާރު އޭދަފުށިން މިކުޅޭ ގޭމާ، ހަމަ ބޮޑުތަނުން ތަފާތު ތަކެއް ހުންނާނެ. އެހެންވީމަ އަސްލު ބޭރު ކޯޗެއްް ގެނައުމަކީ ރާއްޖޭގެ ފުޓްސަލް ކުރިއަރުވަން، ކުރިއަށް އޮތް ތަނަށް ނެގޭނެ އެންމެ ރަނގަޅު ފިޔަވަޅު. ހަމަ އޭގެ ތެރެއިން އޭދަފުށިންވެސް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް މިދެކެނީ ބޭރު ކޯޗަކު ގެނައުމަކީ،" އޭނާ ފާހަގަކުރިއެވެ.