އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމު ހުށަހެޅޭނެ ވަގުތު ދެ ގަޑިއިރަށް އިތުރުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނީ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ކޮންމެ ދުވަހަކު ހުށަހެޅޭނެ ވަގުތު ދެ ގަޑިއިރަށް އިތުރުކޮށް، މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 5:30 އަށް، އަދި ހުކުރު ދުވަހު މެންދުރުފަހު 3:30 އިން ރޭގަނޑު 8:00 އަށް އިތުރުކޮށްފައިވާ ކަމަށެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލުމަށް މިހާތަނަށް 2591 ފޯމު ލިބިފައިވާ ކަމަށް އީސީން ބުންޏެވެ.
އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެފައިވަނީ މިފަހަރުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް އެމީހަކު އަމިއްލައަށް އެމީހެއްގެ އީފާހުން ކަމަށެވެ.
ޒާހިދު ވިދާޅުވެފައިވަނީ، ކޮންމެ މީހަކުވެސް ފޯމު ހުށަހެޅޭނީ، އީ ޕޯޓަލް މެދުވެރިކޮށް އެމީހެއްގެ އަމިއްލަ ވެރިފައިޑް އީފާސްއިން ކަމަށެވެ.
އެ އިންތިހާބުގައި ކައުންސިލްތަކުގެ ޖުމުލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށްވެސް 678 މެންބަރުންނެވެ.
އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމުލަ 1356 މެންބަރުން އިންތިހާބު ކުރާނެއެވެ.
އީސީން ބުނީ ކައުންސިލް އިންތިހާބުގައި 144,527 އަންހެނުންނާއި، 150,410 ފިރިހެނުން ހިމެނޭހެން ޖުމުލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.
އެ އިންތިހާބުގައި އަތޮޅުތަކުގެ ރަށްރަށުގައި 321 ވޯޓު ފޮށި ބަހައްޓާނެއެވެ. އަދި މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ އިތުރުން، ކުޅުދުއްފުށި ސިޓީ، ފުވައްމުލަކު ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި 240 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.
މިފަހަރުގެ އިންތިހާބުގައި ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ރިސޯޓުތަކުގައި 50 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމައިފައެވެ. ކައުންސިލް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ބަހައްޓާނީ ދެ ވޯޓު ފޮއްޓެވެ. އެއީ، މެލޭޝިއާގެ ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓާއި، ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން