ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރުމަށް އީސީއަށް ހުށަހެޅި ފޯމުތަކުގެ ތެރެއިން 1857 ބަލައިގެންފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.

އީސީން އެކްސްގައި އިއްޔެ އާންމުކުރި ހިސާބުތަކުން ދައްކާ ގޮތުން މިމަހުގެ 26 ވަނަ ދުވަހުގެ 23:00 އާ ހަމަޔަށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގައި ވާދަކުރުމަށް 10 ދުވަހުގެ ތެރޭގައި 2،254 ފޯމު ހުށަހަޅާފައިވެއެވެ.

އެއީ، ކައުންސިލުތަކަށް ވާދަކުރުމަށް ހުށަހެޅި 1،276 ފޯމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވާދަކުރުމަށް ހުށަހެޅި 978 ފޯމެވެ.

ކައުންސިލްތަކަށް ވާދަކުރުމަށް އެކި ސިޔާސީ ޕާޓީތަކުން އެހާތަނަށް 994 ފޯމު ހުށަހަޅާފައިވާ އިރު، ޝަރުތު ފުރިހަމަވާ ކަމަށް އީސީން ކަނޑައަޅާފައިވަނީ 852 ފޯމެވެ. ސިޔާސީ ޕާޓީތަކުން ހުށަހެޅި ފޯމުތަކުގެ ތެރެއިން 142 ފޯމެއް ޝަރުތު ހަމަނުވާ ކަމަށް އީސީގެ ތަފާތު ހިސާބުތަކުން ދައްކައެވެ. އޭގެ ތެރެއިން 84 ފަރާތަކުން އަލުން ފޯމު ހުށަހަޅާފައިވެއެވެ.

ކައުންސިލްތަކަށް އަމިއްލަ ގޮތުން ވާދަކުރަން 282 ފޯމު ހުށަހެޅި އިރު، އޭގެ ތެރެއިން 188 މީހުންގެ ޝަރުތު ފުރިހަމަވެއެވެ. އަދި 94 މީހުންގެ ޝަރުތު ފުރިހަމަނުވާ ކަމަށް އީސީން ކަނޑައަޅާފައިވެއެވެ. ޝަރުތު ފުރިހަމަނުވާ ކަމަށް ކަނޑައެޅި ފޯމުތަކުގެ ތެރެއިން 49 މީހުން އަލުން ފޯމު ހުށަހަޅާފައިވެއެވެ.

އަންހެނުންގެ ކޮމިޓީތަކަށް ސިޔާސީ ޕާޓީތަކުން މިހާތަނަށް 795 ފޯމު ހުށަހަޅާފައިވާ އިރު، ޝަރުތު ފުރިހަމަ ވަނީ 692 ފަރާތެކެވެ. ޝަރުތު ހަމަނުވާ ކަމަށް އީސީން ކަނޑައެޅި 103 މީހުންގެ ތެރެއިން 54 މީހުން އަލުން ފޯމު ހުށަހަޅާފައިވެއެވެ. އަމިއްލަގޮތުން ވާދަކުރަން ފޯމު ހުށަހެޅި 183 މީހުންގެ ތެރެއިން 125 މީހެއްގެ ޝަރުތު ފުރިހަމަވާކަމަށް އީސީން ވަނީ ކަނޑައަޅައިފައެވެ.

8 ޑިސެމްބަރު 2024، އއ. އުކުޅަހު ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ކެންޑިޑެސީ ގަބޫލުނުކުރާ މައިގަނޑު ސަބަބުތަކަކީ ކުށާއި ދަރަނީގެ ރެކޯޑު އުމުރަށް ހުށަހަޅާފައި ނެތުމާއި ކުށެއް ނުވަތަ ދަރަންޏެއް އޮތްނަމަ އެކަމުގެ ތަފްސީލު ހުށަހަޅާފައި ނެތުމުން ކަމަށާއި އަދި ކަރެކްޝަނަލް ސާވިސުން ފުރިހަމަކޮށް، ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑު ބައެއް ފަރާތްތަކުން ހުށަނާޅާ އޮތުމުން ކަމަށް އީސީން ބުންޏެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހޭނީ އީސީގެ މައި ޕޯޓަލް މެދުވެރިކޮށެވެ. އަދި ސިޔާސީ ޕާޓީތަކަށް ހާއްސަ ކޮށްފައިވާ ސިމެދަ ޕޯޓަލް މެދުވެރިކޮށްވެސް ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހެޅޭނެއެވެ.

މި އިންތިހާބުގައި ކައުންސިލްތަކުގެ ޖުމުލަ 225 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކަށް 678 މެންބަރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް 678 މެންބަރުންނެވެ. އެހެންކަމުން މިފަހަރުގެ އިންތިހާބުގައި ޖުމުލަ 1356 މެންބަރުން އިންތިހާބު ކުރާނެއެވެ.

އީސީން ބުނީ ކައުންސިލް އިންތިހާބުގައި 144,527 އަންހެނުންނާއި 150,410 ފިރިހެނުން ހިމެނޭހެން ޖުމުލަ 294,937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށެވެ.