ސްޕެއިން، ޕޯޗުގަލްގެ އިތުރުން މޮރޮކޯގައި 2030 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕްގެ ފައިނަލް ހޯސްޓް ކުރުމަށް އޭގެ ތެރެއިން ދެ ގައުމަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ވޯލްޑް ކަޕް 2030 ވަނަ އަހަރުގެ ފައިނަލް އޮންނާނެ ގައުމެއް އަދި އިއުލާނު ކޮށްފައި ނުވާ އިރު، އެކަމަށް މޮރޮކޯއާއި ސްޕެއިނުން މަސައްކަތް ކުރަމުން ދެއެވެ. އެކަމުގެ ވާދަވެރިކަން ބޮޑުވެފައިވާ މިންވަރު އެންމެ ބޮޑަށް ހާމަވެގެން ދިޔައީ ސްޕެއިން ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސް، ރަފޭލް ލޯޒާން ދެއްކެވި ވާހަކަފުޅެއްގެ ސަބަބުންނެވެ.

ލޯޒާން ވިދާޅުވީ ފައިނަލް ބާއްވާނީ ސްޕެއިންގައި ކަމަށާއި، ސްޕެއިނަކީ މީގެ ކުރިންވެސް އިންތިޒާމުތައް ކުރުމުގައި ތަފާތު ދައްކާފައިވާ ގައުމެއް ކަމަށެވެ. އަދި އެކަމަށް އެންމެ ކެޕޭސިޓީ ރަނގަޅު ގައުމަކީވެސް ސްޕެއިން ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ.

ހަބަރުތައް ބުނީ ލޯޒާން އެހެން ވިދާޅުވީ އެކަން ފައިނަލް ކޮށްފައިވާތީ ކަމަށެވެ. ފައިނަލް ބާއްވާނީ ރެއާލް މެޑްރިޑްގެ ސަންތިއާގޯ ބާނަބޭއޫގައި ކަމެއް، ބާސާގެ ކޭމްޕް ނޯގައި ކަމަށް އޭނާ އިއުލާނު ކުރައްވާފައި ނުވާ އިރު، އެ ދެ ސްޓޭޑިއަމަކީ ފައިނަލް ހޯސްޓް ކުރަން ވާދަކުރާނެ ދެ ސްޓޭޑިއަމް ކަމަށްވެސް ނޫސްތައް ބުނެއެވެ.

އެހެން ސްޕެއިން ފެޑަރޭޝަން ރައީސް ވިދާޅުވި ނަމަވެސް، މޮރޮކޯއިންވެސް ވަނީ އެކަމަށް މަސައްކަތް ކޮށްފައެވެ. އެގޮތުން އެގައުމުން ބޭނުން ވަނީ ވޯލްޑް ކަޕަށް އަލަށް އަޅަމުންދާ ގްރޭންޑް ސްޓޭޑް ހަސަން 2 ގައި ފައިނަލް މެޗު ބޭއްވުމަށެވެ. އެއީ 115،000 މީހުންނަށް ވަދެވޭ ބޮޑު ސްޓޭޑިއަމެކެވެ. މީގެ ކުރިން މޮރޮކޯ އެފްއޭގެ ރައީސް، ފައުޒީ ލެކްޖާ ވިދާޅުވީ އެގައުމުގައި ފައިނަލް ކުޅޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ފައުޒީ ވިދާޅުވީ މޮރޮކޯގެ ސްޓޭޑިއަމީ ފުޓުބޯޅައިގައި އެންމެ ބޮޑު ސްޓޭޑިއަމަށް ވާނެ ކަމަށައި، އެ ސްޓޭޑިއަމާއެކު ސަރަހައްދުގެ ރެއިލް ނެޓްވޯކަށް ޖުމުލަ އެކު 10 ބިލިއަން ޑޮލަރު ހަރަދުކުރާ ކަމަށެވެ. މޮރޮކޯއިން އެކަން ބޭނުންވި ނަމަވެސް، ހަބަރުތައް ބުނީ ސްޕެއިނުގެ ނުފޫޒު އެކަމުގައި ބޮޑުވާނެ ކަމަށެވެ. އަދި ފައިނަލް ކުރާނީ ސްޕެއިނުގައި ފައިނަލް ކުޅުމަށް ކަމަށެވެ.