ރާއްޖޭގެ ފުޓްސަލް ޓީމުން، ސާފްގެ ތާރީހީ ފުރަތަމަ ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަކީ ލިބުނު ބޮޑު އުފާވެރިކަމެއް ކަމަށާއި، އެ ކާމިޔާބީ ދަމަހައްޓަން އިންޑޯ ފެލިޓީސީއެއް ބޭނުންވާ ކަމަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖް ހިންގަމުންދާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލުވާން މޫސާ (ރިލޭ) ވިދާޅުވެއްޖެެެވެ.
ރާއްޖޭން ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތް ކާމިޔާބުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެ ތަފާތު ކާމިޔާބީއާއެކު ރޭ ޓީމުން މާލެ އައިސްފައިވާ އިރު، އާޓިފިޝަލް ބީޗުގައި ބޭއްވި އުފާފާޅުކުރުމުގެ ރަސްމިއްޔާތުގެ ގޯލްޑަންގެ ރައީސް ރިލުވާން ބައިވެރިވެލައްވާފައިވެއެވެ. އެ އުފާފާޅުކުރުންތަކުގެ ތެރެއިން "ވަން ސްޕޯޓްސް"އަށް ވިދާޅުވީ ސާފްގެ ތަށްޓާއެކު ރާއްޖޭގެ ފުޓްސަލް، އެ ކުޅިވަރުގެ އަސްލު ގޮތުގައި ކުރިއަރަން ފުރުސަތު ފަހިވާނެ ކަމަށެވެ.
"މިއީ ހަގީގަތުގައި ވަރަށް ބޮޑު ކާމިޔާބީއެއް. މިއާއެކު ރާއްޖޭގެ ފުޓްސަލް، އޭގެ ގޮތުގައި ކުރިއަރަން ލިބޭ ވަރަށް ފަހި މަގެއްގެ ގޮތުގައި އަޅުގަނޑު ސިފަކުރާނީ. މިއީ ވަރަށް ބޮޑަށް އުފާވާ ކާމިޔާބީއެއް. މި ކާމިޔާބީގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި، ކައުންސިލްތަކުންނާއި ކްލަބު ޖަމިއްޔާތަކުން ބާއްވާ މުބާރާތްތަކާއި މާލޭގައި ބާއްވާ ބޮޑެތި މުބާރާތްތަށް ހިމެނޭ. އެއީ އެ މުބާރާތްތަކުގެ ސަބަބުން ކުޅުންތެރިން މި ތިބެނީ އަބަދުވެސް ފުޓްސަލްގެ ތެރޭގައި. އެ ލެވެލްގައި ކުޅުން ހިފަހައްޓަން އެބަ އެހީވޭ. އެހެންވީމަ އެއީ މުބާރާތަށް ދިޔައިރު، ކޯޗަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއަރުމަކަށް ވާނެ. އެއާއެކު ޓީމު ހަމަ ވަރަށް ރަނގަޅަށް ތައްޔާރުވި މުބާރާތަށް. އެއީ ކާމިޔާބީގެ އަސްލަކީ،" ރިލުވާން ފާހަގަކުރެއްވިއެވެ.
ރިލުވާން 2015 ވަނަ އަހަރުން ފެށިގެން މެދުކެނޑުމެއް ނެތި ގޯލްޑަން ފުޓްސަލް ޗެލެންޖް ބާއްވަމުން ދަނީ ރާއްޖޭގެ ރަށްތަކަށް ހުޅުވާލައިގެންނެވެ. މިއަހަރު 10 ވަނަ މުބާރާތް ބާއްވަމުންދާ އިރު، މިއަހަރު މުބާރާތުގައިވެސް 1700 އެއްހާ ކުޅުންތެރިން ފެނިގެން ދެއެވެ. އެ މުބާރާތަކީ ގިނަ ބައެއްގެ ނަޒަރުގައި ފުޓްސަލްއަށް އެންމެ ބޮޑު، ޒަމާނީ ބަދަލެއް ގެނެސްދިން މުބާރާތެވެ.
ރިލުވާން އިތުރަށް ވިދާޅުވީ ރާއްޖޭގައި އިންޑޯ ފެސިލިޓީއެއް އެޅުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
"ގަބޫލުކުރަނީ ފިއުޗާގައި ރާއްޖޭގައި އިންޑޯ ފުޓްސަލް ކޯޓެއް އެބަ ބޭނުންވޭ. އެއާއެކު އިންޑޯގައި ފުޓްސަލް ކުޅެެން ގޮސްގެން އިތުރު ހަރުފަތަކަށް މި ކުޅުންތެރިން ދާނީ. ދެން ރާއްޖޭން މި ހޯދި ކާމިޔާބީއާއެކު، އެހެން ގައުމުތަކުންވެސް ވަރަށް ބޮޑު ޗެލެންޖަކަށް ނުކުންނާނެ ރާއްޖެއާ ދެކޮޅަށް. ރާއްޖެ ބަލިކުރަން. އެގައުމުތަކަކީ އިންޑޯ ޕިޗްތައް ހުރި ގައުމުތަކަށްވާތީ، އެހެންވީމަ ކާމިޔާބު ދިފާއުކުރުމަށް އިންޑޯ ޕިޗަކީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ފާހަގަކޮށްލާނީ،" ރިލުވާން އިތުރަށް ވިދާޅުވިއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
އޯލް ކްރެޑިޓްސް ގޯސް ޓު ރިލޭ، ޓްރޫ ލެޖެނޑް
ޢަލެކްސް - 5 މަސް ކުރިން