ރާއްޖޭގެ ކުޅުންތެރިންނަކީ ފުޓްސަލްގެ ހުނަރު ހުރި ކުޅުންތެރިން ކަމަށާއި، މި ކުޅިވަރު އެހެން ހަރުފަތަކަށް ގެންދަން ސާފް ފުޓްސަލް ޗެމްޕިއަންޝިޕުން ހޯދި ކާމިޔާބީ އެހީވެދޭނެ ކަމަށް ގައުމީ ފުޓްސަލް ޓީމުގެ ކޯޗު ފާރޫކް ޒަކީރޯވް ބުނެފިއެވެ.
ރާއްޖޭން ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތް ކާމިޔާބުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ސަރަހައްދީ ގައުމުތައް ކައިރިން ތަފާތު ބޮޑުކޮށް ރާއްޖެ މޮޅުވެފައިވާ އިރު، ޓީމު ފެނުނީ ތަފާތު ރޫހެއްގައި މޮޅު ކުޅުމެއް ކުޅުނުތަނެވެ. އެ ކުޅުމުގެ ފަހަތުގައި އެންމެ އިސް ރޯލެއް އަދާކުރީ ޓީމުގެ އުޒްބަކިސްތާނު ކޯޗު، ޒަކީރޯވްއެވެ.
"ޗެމްޕިއަންކަން ހޯދުމުން ވަރަށް އުފާވޭ. އެއީ ރާއްޖޭގެ ހުރިހާ އެންމެންނަށް މި އުފާވެރިކަން ގެނެސްދެވުނީމަ. އެންމެން މިދަނީ އުފާފާޅުކުރަމުން. އަހަރެމެން މޮޅުވުމުގައި ވަކި ސިއްރެއް ނެތް. މޮޅުވުމުން ދައްކުވައިދިނީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރުވެރިކަން. ހުނަރު ހުރި ކުޅުންތެރިން މިއީ. އެކަމަކުވެސް މި ކުޅުންތެރިން ފުޓްސަލް އޭގެ އަސްލު ގޮތުގައި ކުޅެން ޖެހޭ. އެއީ ފުޓްސަލްއަކީ މި ކުޅޭ ދަނޑުތަކުގައި ކުޅޭ އެއްޗެއް ނޫން. އިންޑޯގައި ކުޅޭ އެއްޗެއް. އެހެންވީމަ އެ ފުރުސަތު ލިބި، މި ކާމިޔާބީއާއެކު ފުޓްސަލް އެހެން ހަރުފަތަކަށް ދާނެ ކަމަށް ގަބޫލުކުރެވެނީ،" ރޭ "ވަން ސްޕޯޓްސް"އަށް ކޯޗު ޒަކީރޯވް ބުންޏެވެ.
ޒަކީރޯވް ބުނީ ރާއްޖޭން ފުޓްސަލްގައި އިތުރު ކާމިޔާބީތަކަށް ވިސްނަން ޖެހޭ ކަމަށާއި، އެ ކާމިޔާބީތަކާ ހަމައަށް ދާން ވަރުގަދަ، ގިނަ މެޗުތަކެއް ކުޅެން ޖެހޭ ކަމަށެވެ.
"ކުރިއަށް ދާން ވިސްނާ އިރު، ރާއްޖެ ޖެހޭ އިތުރު މެޗުތައް ކުޅެން. އިތުރު މުބާރާތްތައް ކުޅެން. އޭރުން އިރާދަކުރެއްވިއްޔާ އަދިވެސް ކާމިޔާބު ލިބޭނެ،" އޭނާ ބުންޏެވެ.
އިތުރަށް ރާއްޖޭގެ ކޯޗުކަމުގައި މަސައްކަތްތަކެއް ކުރާނެތޯ ސުވާލުކުރުމުން ޒަކީރޯވް ބުނީ އަދި އެކަމަށް ވަކި ގޮތެއް ނުނިންމާ ކަމަށެވެ.
"އަހަރެން ރާއްޖެއާއެކު އިތުރަށް މަސައްކަތް ކުރާނެކަން އެނގޭނެ ދެން ފަހުން. އެއީ އަދި މިވަގުތު ގޮތެއް ނިންމާފައި އޮތް ކަމެއް ނޫން. އަހަރެން އަސްލު ވަރަށް އުފާވެއްޖެ މިވަރަށް އުފާފާޅުކުރުމާއެކު،" ޒަކީރޯވް ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް