ރާއްޖޭގެ ފުޓްސަލް ޓީމުން ހޯދި ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ރަން މެޑަލް ހޯދުނީ، ތައްޔާރީތަކުގެ ތެރެއިން ގިނަ ކަންތައްތަކެއް ރަނގަޅަށް ދިޔުމުން ކަމަށް ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ބުނެފިއެވެ.

ރާއްޖޭން ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތް ކާމިޔާބުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. ސަރަހައްދީ ގައުމުތައް ކައިރިން ތަފާތު ބޮޑުކޮށް ރާއްޖެ މޮޅުވެފައިވާ އިރު، ޓީމު ފެނުނީ ތަފާތު ރޫހެއްގައި މޮޅު ކުޅުމެއް ކުޅުނުތަނެވެ. ޓީމު ލީޑު ކުރުމުގައި ކެޕްޓަން އިމްރާން ވަނީ ނަމޫނާ ދައްކައިފައެވެ. ކުޅުނު ހުރިހާ މެޗެއްގައި ގޯލް ޖަހައި، އޭނާ ނިންމާލީ ޓޮޕް ސްކޯރާގެ ގޮތުގައެވެ. އެއީ ނުވަ ގޯލާއެކުގައެވެ. އޭގެ އިތުރުން އޭނާއަކީ މުބާރާތުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިޔާއެވެ.

"މިއީ ވަރަށް ކުރިން ފެށިގެންވެސް ދެކެމުން އަންނަ ހުވަފެނެއް. ޕާސަނަލީ އަދި ހުރިހާ ކުޅުންތެރިން މި ހުވަފެން ދެކެމުން އަބަދުވެސް މިދަނީ. މި ކާމިޔާބީގެ އަސްލަކީ ހުރިހާ ކުޅުންތެރިން ކުރި ހިތްވަރާއި ބުރަ މަސައްކަތް. ދެން ހަމައެއާއެކު ވަރަށް އެކްސްޕީރިއަސް، ރަނގަޅު ކޯޗެއް ލިބުމުގެ އިތުރުން އިންޑޯގައި ރަނގަޅު ތަމްރީނުތަކެއް ފުރިހަމަ ކުރުމަށް އެ ލިބުނު ފުރުސަތުވެސް ފާހަގަކޮށްލަން. އެ ހުރިހާ ކަމަކާއެކު ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ވެގެން މިހިސާބަށް މި އާދެވުނީ." ރޭ "ވަން ސްޕޯޓްސް" އަށް އިންމި ބުންޏެވެ.

https://www.facebook.com/reel/921483763741485

އިއްމި ރޭ ބުނީ މިއީ ކެރިއަރުގައި ހޯދުނު އެންމެ ބޮޑު އުފާ ކަމަށާއި، އެކަން ތަކުރާރުކޮށްވެސް ފާހަގަކޮށްލަން ބޭނުންވާ ކަމަށެވެ.

"އަސްލު ކެރިއަރުގައި ލިބުނު އެންމެ ބޮޑު އުފާ މިއީ. ކުޅުންތެރިންނަށް މިއީ ވަރަށް ބޮޑު ކާމިޔާބީއެއް. އެހެންވީމަ މިއީ ގަބޫލުކުރަންވެސް ދަތި ކާމިޔާބީއެއް. މިކަން އެންމެފަހުން ކާމިޔާބުވީމަ ވަރަށް ވަރަށް އުފާވެފައި މިހުރީ،" އިންމި ބުންޏެވެ.