ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ހޯދި ކާމިޔާބީ ކުލަގަދަގޮތެއްގައި އެސްޓީއޯ އިން ފާހަގަކޮށްފިއެވެ.

ތައިލެންޑުގައި ބޭއްވި "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026''ގައި ރާއްޖެއިން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ މުބާރާތުގެ ތަށި ހޯދައިފައެވެ. މިއީ ސަރަހައްދީ ފުޓްސަލް މުބާރާތަކުން ރާއްޖެ ހޯދި ފުރަތަމަ ރަން ވަނައެވެ.

1 ފެބްރުއަރީ 2026، އެސްޓީއޯ އިން ގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީ ކުލަގަދަގޮތެއްގައި ފާހަގަކުރުން -- ފޮޓޯ/ އެސްޓީއޯ

ގައުމީ ފުޓްސަލް ޓީމުން ހޯދި އެ ކާމިޔާބީ ކުލަގަދަގޮތެއްގައި ފާހަގަކުރުމަށް އެސްޓީއޯ އިން ވަނީ އެ ކުންފުނީގެ ހެޑް އޮފީހުގައި އިއްޔެ ހާއްސަ އިވެންޓެއް ބާއްވައިފައެވެ.

އެ އިވެންޓުގައި ވަނީ، ގައުމީ ޓީމުން ހޯދި ކާމިޔާބީ އަގުވަޒަންކޮށް ހަނދާނީ ފިލައެއް އަރުވައިފައެވެ. އަދި ޓީމުގެ ކޯޗު އަދި ހުރިހާ އޮފިޝަލުން ހިމެނޭ ގޮތަށް ކޮންމެ މެމްބަރަކަށް ވަރަށް ހާއްސަ ވައުޗަރުތަކެއް ވަނީ ހަދިޔާކޮށްފައެވެ.

ހަނދާނީ ފިލާ ޓީމާ ހަވާލުކޮށްދެއްވީ އެސްޓީއޯގެ ޗީފް ފައިނޭންސް އޮފިސަރު މުހައްމަދު ނިޒާމެވެ. އަދި ވައުޗަރުތައް ހަވާލުކޮށްދެއްވީ އެސްޓީއޯ ކޯޕަރޭޓް މާކެޓިން ކޮމިއުނިކޭޝަންސްގެ ޑިރެކްޓަރު އަހުމަދު ޝިފާނެވެ.

1 ފެބްރުއަރީ 2026، އެސްޓީއޯ އިން ގައުމީ ފުޓްސަލް ޓީމުގެ ކާމިޔާބީ ކުލަގަދަގޮތެއްގައި ފާހަގަކުރުން -- ފޮޓޯ/ އެސްޓީއޯ

އެސްޓީއޯ އިން ބުނީ ގައުމީ ޓީމަށް ހާއްސަ ސަޔަކާއެކު ކުރިއަށްގެންދިޔަ އެ ހިތްގައިމު މާހައުލުގައި އެސްޓީއޯގެ މެނޭޖްމަންޓާއި މުވައްޒަފުން ހިމެނޭހެން، ޓީމާ ބައްދަލުކޮށް، ޓީމާއެކު އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށެވެ.

އެސްޓީއޯ އަކީ އަބަދުވެސް އެފަދަ ގައުމީ ކާމިޔާބީތައް ފާހަގަކޮށް ރާއްޖެއަށް ރީތި ނަންތައް ހޯދައިދޭ ފަރާތްތަކުގެ އަގުވަޒަންކޮށް، ހިތްވަރު ދިނުމުގައި ދެމިހުންނަ ކުންފުންޏެކެވެ.