ސްޕެނިޝް ލީގުގައި ރޭ ބާސެލޯނާއިން ކުޅުނު މެޗުގައި ރެއާލް އޮވިއޭޑޯ ބަލިކޮށް، އެޓީމުން އަލުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ބާސާއިން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. ބާސާ އަލުން ތާވަލުގެ އެއްވަނައަށް ޖެހިލީ 21 މެޗުން 52 ޕޮއިންޓާއެކުގައެވެ. ރޭގެ މެޗަށް ނުކުތްއިރު ބާސާ ދެވަނައިގައި އޮތް އިރު، ރެއާލް މެޑްރިޑް އެއްވަނައިގައި އޮތީ 21 މެޗުން 51 ޕޮއިންޓާއެކުގައެވެ. ބާސާ އެއްވަނައިގައި މިވަގުތު އޮތީ ޕޮއިންޓެއްގެ ފަރަގުންނެވެ.

ފުރަތަމަ ހާފުގައި އޮވިއޭޑޯން ބާސާ މާޔޫސްކޮށްލިއެވެ. އެޓީމުން ރަނގަޅަށް ޑިފެންސްކޮށްގެން ކުޅެފައިވާ އިރު، ނުރައްކާކޮށް ފެނުނީ މަދު ހަމަލާއެކެވެ. އެހެން ނަމަވެސް ދެވަނަ ހާފުގައި ބާސާއިން އެ ހާލަތު ބަދަލުކޮށްލިއެވެ. އޮވިއޭޑޯން ފަހަތުގައި ޖެހި ޕާހެއް ގޯސްވުމުން ބާސާއަށް ލިބުނު ފުރުސަތުގައި ޑެނީ އޮލްމޯ ފޮނުވާލި ހަމަލާ އަމާޒުކޮށްލީ ސީދާ ގޯލްގެ ކަނަށެވެ.

އޭގެފަހުންވެސް އޮވިއޭޑޯން ހެދި ގޯހެއްގެ ބޭނުން ހިފައި ބާސާއިން ދެވަނަ ގޯލެއް ޖެހި އިރު، އެ ގޯލް ޖަހައިދިނީ ރަފީނިއާއެވެ. ދެން ފެނިގެން ދިޔަ ގޯލަކީ ބާސާގެ ޒުވާން ތަރި ލެމީން ޔަމާލްގެ ފަރާތުން ފެނުނު ހިތްގައިމު ގޯލެކެވެ. އޮލްމޯގެ ހުރަސް ޔަމާލް ގޯލަށް ވައްދާލީ އޯވާހެޑެއް ޖަހައިގެންނެވެ.