މިފަހަރުގެ މުބާރާތަށް ހދ. ނައިވާދޫން ނުކުތީ މުހިއްމު ބައެއް ކުޅުންތެރިންނާ ނުލައި ނަމަވެސް، ރަނގަޅު ފޯމެއްގައި އަތޮޅު ތަށި ހޯދައި، ކުރިއަށް ދިޔުމަށް ހިތްވަރު ހޯދުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ކޯޗު އަހުމަދު ނާޝިދު ބުނެފިއެވެ.

މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ފައިނަލުގައި ކުޅުނު ނައިވާދޫން މިފަހަރު މުބާރާތުގެ އަތޮޅު ބުރަށް ނުކުތީ މުހިއްމު ބައެއް ކުޅުންތެރިން ނުލައެވެ. އަހުމަދު ހަމީދު (އަންމަޑޭ) އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އަދި ކީޕަރު އަލީ ނާޖިހު (ހޭޓް) ގައުމީ ޓީމާއެކު ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައިވާ އިރު، މިދިޔަ އަހަރު ޓީމަށް އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާ މުހައްމަދު ޝާއިން ހުރީ އަނިޔާގައެވެ.

އެހެން ނަމަވެސް ނައިވަދޫން ވަނީ މިހާތަނަށް ތަފާތު ދައްކައިފައެވެ. މިރޭ ޒޯނަށް އެޓީމުން އަތޮޅު ތަށި ހޯދައިގެން ނުކުންނަ އިރު، މިހާތަނަށް ކުޅުނު ހުރިހާ މެޗަކުންވެސް ވަނީ މޮޅުވެފައެވެ. އަތޮޅު ސެމީގައި ވާދަވެރި ނޭކުރެންދޫ ކައިރިން 5-2 އިން މޮޅުވި އިރު، އަތޮޅު ފައިނަލުން މޮޅުވީ ނޮޅިވަރަންފަރު ކައިރިން 4-2 އިންނެވެ.

ނައިވާދޫން އަތޮޅު ތަށްޓާއެކު އުފާފާޅުކުރަނީ --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

"ފައިނަލް މެޗުގެ ކުރީކޮޅުގައި ކޮންމެވެސް ވަރަކަށް ޕްރެޝަރުކޮށް ދިޔައީ. އެހެން ނަމަވެސް ފަހު ހާފުގައި ހަމަ ގިނަ ވަގުތު ކުޅެގެން އަހަރެމެން ޓީމު ކޮޅަށް ގޭމް އެނބުރިގެން ދިޔައީ. އެހެންވީމަ ހަމަ ރެޑީވި ގޮތަށް ފައިނަލް މެޗު ނިމިގެން ދިޔައީ،" ފައިނަލަށް މެޗަށްފަހު ކޯޗު ނާޝިދު ބުންޏެވެ.

ކޯޗުގެ ނަޒަރުގައި މިފަހަރުގެ ތަށްޓަކީ ހާއްސަ ތަށްޓެކެވެ. އެގޮތުން މުހިއްމު ކުޅުންތެރިން ނެތި ތަށި ނެގީ، އެ ކުޅުންތެރިންނަށްޓަކައި ކަމަށް ނާޝިދު ފާހަގަކުރިއެވެ.

"މިފަހަރުގެ ތަށްޓަކީ އަހަރެމެންނަށް ވަރަށް މުހިއްމު ތަށްޓެއް. އެއީ އަހަރެމެންގެ ތިން ކުޅުންތެރިޔަކު، ގައުމު ތަމްސީލުކުރުމަށް ގައުމީ ޓީމާއެކު މިތިބީ. އޭގެ އިތުރުން މިދިޔަ އަހަރުގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ އޭސީއެލް އަނިޔާއަކާއެކު ކުރި އޮޕަރޭޝަނާއެކު ރިކަވާވަމުން މިދަނީ. އެހެންވީމަ އަހަރެމެން ބޭނުންވީ އެ ހުރިހާ ކުޅުންތެރިންނަށްޓަކައި ތަށި ނަގަން،" ނާޝިދު ފާހަގަކުރިއެވެ.

ކޯޗު ނާޝިދު އިތުރަށް ބުނީ ނައިވާދުއަކީ މިދިޔަ އަހަރު މުޅި މުބާރާތުގެ ރަނަރަޕް ޓީމަށްވުމާއެކު، ފުރަތަމަ ޓާގެޓަކަށްވީ އަތޮޅު ތަށި ނެގުން ކަމަށާއި ދެން ވިސްނާނީ މެޗަކަށްފަހު މެޗެއް ކުރިއަށްދާން ކަމަށެވެ.

ޒޯން ބުރުގައި ނައިވާދޫން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ހއ. ކެލަޔާ ދެކޮޅަށް ނުކުންނަ އިރު، ޒޯން ބުރުގެ ތެރެއިން ގައުމީ ޓީމަށް ދިޔަ ކުޅުންތެރިން ޓީމާ ގުޅުން ވެގެންދާނީ ނައިވާދުއަށް ބޮޑު ކުރިއެރުމަކަށެވެ.