ސަރުކާރުން އިއުލާންކޮށްފައިވާ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން އިއުލާނުކޮށްފައިވާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލިފަހުން މިހާތަނަށް 1616 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް ހައުސިން، ކޮންސްޓްރަކްޝަން އެންޑް އިފްރާސްޓްރަކްޗާ އިން ބުނެފިއެވެ.

އެ މިނިސްޓްރިން މިއަދު ބުނީ ބިމާއި ފުލެޓަށް އެދި ހުށަހަޅާފައިވާ އެޕްލިކޭޝަންގެ ތެރެއިން 1160 ފަތާރުން ފްލެޓަށް އަދި 456 ފަރާތަކުން ބިމަށް އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށެވެ.

އަދި ޑްރާފްޓް ސްޓޭޓަސްގައި 7605 ފަރާތެއްވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

"ބޯހިޔާވަހިކަމަށް އެންމެންނަށް" ސްކީމުގެ ދަށުން 15،000 ގޯއްޗާއި، 7،900 ފުލެޓަށް ކުރިމަތިލުމަށް ވަނީ ހުޅުވާލައިފައެވެ. ހައުސިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި އެ ސްކީމުގެ ދަށުން މާލޭ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި ފްލެޓު ދޫކުރާނެއެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ދޫކުރާ 3،000 ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅެފައިވާ މީހުންނަށެވެ.

ހައުސިން މިނިސްޓަރު ޑރ. އަބްދުލް މުއްތޮލިބް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ފޯމްތައް ހުށަހަޅަން ފެށުމުން ލިޔުންތައް ވެރިފައިކޮށް ސައްހަކަން ބަލަން ފަށާނެ ކަމަށެވެ. އަދި އެކަން ކުރާނީ ލިސްޓެއް ހަދައިގެން އެކަން ކުރުމުގެ ބަދަލުގައި ރައްޔިތުންގެ ޕްރައިވެސީ ހިފެހެއްޓޭނެ އުސޫލެއްގެ ތެރެއިން ކަމަށެވެ.

މި ޕްރޮގްރާމްގެ ދަށުން ދޫކުރާ ގޯއްޗާއި ފްލެޓްތަކަށް ފޯމް ހުށަހެޅުމަށްފަހު އެ ފޯމް ކެންސަލްކޮށްފައި އަލުން ހުށަހެޅުމުގެ ފުރުސަތު ނުލިބޭނެ ކަމަށާއި އެއީ ފޯމްތައް ހުށަހެޅުމަށްފަހު ކެންސަލްކޮށް އަލުން ސަބްމިޓްކުރުމުން ދަތިތަކާ ކުރިމަތިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެއީ ހުރިހާ އެންމެންގެ ހައްގުތަކާއި ރިސޯސްތައް އެންމެ ރަނގަޅަށް ބޭނުންކުރަން ކަމަށެވެ. އެހެން ނަމަވެސް ވަރަށް ބޮޑު މައްސަލައެއް ދިމާވެގެން ފޯމް ބަދަލުކުރަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ އުސޫލުގެ ތެރެއިން އެކަން ހަމަޖައްސައިދެވޭނެ ގޮތްތަކެއް ހޯދައިދޭނެ ކަމަށެވެ.

މިނިސްޓަރު ވަނީ ފޯމް ހުށަހަޅާއިރު ސައްހަ މައުލޫމާތު ހިމަނައިގެން އަދި އެކަމަށް ބޭނުންވާ ވަގުތު ނަގައިގެން އެންމެ ފުރިހަމައަށް އެކަން ކުރުމަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވައިފައެވެ.

އެ ޕްރޮގްރާމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މި އަހަރުގެ އެޕްރިލް 17 ވާ ހުކުރު ދުވަހުގެ 23:59އެވެ. އަދި ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 4 މާޗް 2026 ވާ ބުދަ ދުވަހެވެ.