ރާއްޖޭގެ ފުޓްސަލްގައި އެންމެ ފާހަގަކޮށްލެވުނު އެއް ނަމެއްގެ ގޮތުގައި މުހައްމަދު ލިޔާހު ވާނެއެވެ. ބޮޑެތި މުބާރާތްތަކުގައި ރަސްކަން ކޮށް، ކޯޗެއްގެ ގޮތުގައިވެސް އަންނަނީ ތަފާތު ތަޖުރިބާތައް ކުރަމުންނެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖަށް ތަފާތު ބޮޑު ރަށްރަށާއެކު ބެންޗަށް ނުކުތް ލިޔާހް، މިފަހަރު ވެސް ކުރީ ތަފާތު ތަޖުރިބާއެކެވެ. އެއީ ނ. މާޅެންދޫއާއެކު ކުރި ތަޖުރިބާއެވެ.
މާޅެންދޫ މިފަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖަށް ނުކުތީ މުޅީން އަލަށެވެ. ނ. އަތޮޅުގެ ތަށްޓަކީ މާޅެންދޫއަށް ލިބޭނެ ތަށްޓެކޭ ބުނާނީ މަދު މީހެއްކަން ޔަގީނެވެ. ހޮޅުދޫއަކީ އެންމެފަހުގެ ރަނަރަޕް ޓީމު ކަމަށްވީ އިރު، ފައިނަލުގައި މާޅެންދޫން ހޮޅުދޫ ބަލިކުރުމަކީ ތަފާތު ކާމިޔާބީއެކެވެ. ނ. އަތޮޅު ފައިނަލުގައި މިފަހަރު މާޅެންދޫން ހޮޅުދޫ ބަލިކުރީ 2-1 އިންނެވެ. މާޅެންދޫގެ ގޯލްތައް ޖެހީ މުހައްމަދު ފަރުހާނާއި އަލީ ފާރިޝްއެވެ. ހޮޅުދޫގެ ގޯލް ޖެހީ ހުސައިން ޝައްފާފެވެ.
"އަސްލު ވަރަށް އުފާވެއްޖެ. މިއީ ވަރަށް ބޮޑު ޗެލެންޖެއް. ފުރަތަމަ ދިޔައިރު ތިބީ މެންޓަލީ ގަބޫލުނުކުރާ ކަހަލަ ކުޅުންތެރިންތަކެއް. ދެން ވަރަށް ވާހަކަ ދައްކައިގެން، ޓްރެއިން ކުރުވައިގެން ވަރަށް ބައިވެރި މަސައްކަތާއެކު އިރާދަކުރެއްވިއްޔާ މިފަހަރު ކާމިޔާބުވީ،" ލިޔާހް އެ ފައިނަލަށްފަހު ބުންޏެވެ.
ލިޔާހަށް ކުރެވުނު ތަޖުރިބާ ތަފާތުވީ ރަށުން ފެނުނު މަންޒަރާވެސް އެކުގައެވެ. ލިޔާހުގެ ނަޒަރުގައި މާޅެންދޫއަށް ލިބުނު ކާމިޔާބަކީ މުޅި ރަށަށް ލިބުނު ފަހުރެކެވެ. ހާއްސަކޮށް ރަށުގެ ރައްޔިތުންގެ ފަރާތުން އެ އިހުސާސް ކުރެވޭ ކަމަށް އޭނާ ފާހަގަކުރިއެވެ.
"އަސްލު މި ކާމިޔާބީ ތަފާތުވީ މި ކުރެވުނު މަސައްކަތް ރަށުގެ ރައްޔިތުން ވަރަށް ބޮޑަށް ބަލައިގަނޭ. އެކަމަށް އަސްލު ވަރަށް އުފާވޭ. ދެން ޕާސަނަލީ އެންމެ ބޮޑަށް އުފާވާ ސަބަބަކީ އަލަށް މިކަން ކުރި ބަޔަކަށް މި ޓީމު ވީމަ. ގަބޫލު ނުކުރެވި އޮތް ކަމެއް ކުޅުންތެރިންނަށް ހާސިލުވީމަ،" ލިޔާހް ބުންޏެވެ.
ލިޔާހްގެ ނަޒަރުގައި ތަށްޓާއެކު މާޅެންދޫގެ ފުޓްސަލްއަށް އޭގެ އަސަރު ރަނގަޅު ގޮތުގައި ކުރާނެއެވެ. އެގޮތުން ރަށަށް ކުރިން ގަބޫލު ނުކުރެވޭ ކަންކަން މިހާރު ގަބޫލު ކުރެވި، އޭގެ ފައިދާ ރަށުގެ ފުޓްސަލްއަށް ކުރާނެ ކަމަށް ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ލިޔާހް ބުންޏެވެ.
"ރަށުގެ ފުޓްސަލްއަށް ވަރަށް ރަނގަޅު ބަދަލެއް އަންނާނެ. އެއީ މަސައްކަތް ކޮށްގެން ވާނެކަން މިހާރު ގަބޫލު ކުރާނެ. އެހެންވީމަ އެ މެންޓާލިޓީ މިހާރު ބަދަލުވާނެ. ފުދޭވަރެއްގެ ރަނގަޅު އިމްޕެކްޓެއް އަންނާނެ ކަމަށް މި ބަލަނީ،" ލިޔާހް ފާހަގަކުރިއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް