ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ވިލަރެއާލް ބަލިކޮށް، އެޓީމުން ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ރެއާލުން ރޭ ރަށުން ބޭރުގައި ކުޅުނު މެޗު ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެޓީމު މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތީ 21 މެޗުން 51 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ބާސެލޯނާ އޮތީ 20 މެޗުން 49 ވަނައިގައެވެ. ބާސާއަށް މިރޭ ރެއާލް އޮވިއެޑޯއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ، އަލުން އެއްވަނައަށް އެރުމަށް ފުރުސަތު އެބައޮތެވެ.
ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފެނުނީ ހަމަލާތައް މަދުކޮށެވެ. ހާފުގެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ ރެއާލްގެ އާދާ ގޫލާއަށެވެ. މެޗުގެ 20 ވަނަ މިނެޓުގައި ގިނަ ކުޅުންތެރިންތަކެއް ނައްޓާލުމަށްފަހު އޭނާ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާ އަމާޒުވީ ވިލަރެއާލްގެ ކީޕަރު ލުއިޒް ޖޫނިއާގެ އަތަށެވެ.
ދެވަނަ ހާފު ފެށިގެން މާގިނައިރެއް ނުވެ، ފްރާންސް ތަރި ކިލިއަން އެމްބާޕޭ ވަނީ ފްރާންސަށް ލީޑު ނަގައިދީފައެވެ. ވިނީޝިއަސް ޖޫނިއާ ރަނގަޅު މަސައްކަތެއް ކޮށް ތަނަވަސްކުރި ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ބްލޮކް ކުރުމުން އެ ބޯޅަ ގޯލަށް ފޮނުވާލީ އެމްބާޕޭއެވެ.
އެ ގޯލާއެކު މެޗު ހުޅުވިގެން ގޮސްފައިވާ އިރު، ވިނީޝިއަސްގެ އިތުރު ނުރައްކާތެރި ހަމަލާއެއް ނާކާމިޔާބުވިއެވެ. އަނެއްކޮޅުން އަލްބާޓޯ މޮލެއިރޯ ފޮނުވާލި ހަމަލާ މަތަކުރީ ރެއާލް ކީޕަރު ތީބޯ ކޯޓުއާއެވެ.
އަލްވާރޯ އާބެލޯއާ ކޯޗުކަން ކޮށްދެމުންދާ ރެެއާލުން މެޗުގެ ތިން ޕޮއިންޓް ޔަގީންކުރީ އިތުރު ވަގުތުގައި އެމްބާޕޭ ކާމިޔާބުކުރި، އޭނާގެ ދެވަނަ ގޯލާއެކުގައެވެ.
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ
ސްޕެނިޝް ލަލީގާ