ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ދެކުނު އޭޝިއާގެ ޝަރަފުވެރި ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމާ އެކު، ޓީމު އައުމުން ބާއްވާ އުފާފާޅުކުރުންތަކުގެ ހަރަކާތްތަކަށް ވަގުތު ހުސް ކުރުމަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ޝެޑިއުލަށް ބަދަލު ގެނެސްފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ނިމި، ޒޯން ބުރުގެ މެޗުތައް ފަށާފައިވާ އިރު، ރާއްޖޭގެ ގައުމީ ޓީމު މާލެ އަންނާތީ ހުސްކުރި ދުވަހަކީ މިމަހުގެ 27 ވަނަ ދުވަހެވެ.
ގޯލްޑަންއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ތަށި ހޯދައި، ގައުމަށް ހޯދައިދިން ފަހުރުވެރި ކާމިޔާބީއާ އެކު ރާއްޖެ އަންނަ ދުވަހު، އެ އުފަލުގައި ބައިވެރިވުމަށް ހިޔުންޑާއީ ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގައި މިމަހު 27 ވަނަ ދުވަހު ކުޅެން ހަމަޖެހިފައިވާ މެޗުތައް، ރީޝެޑިއުލް ކުރެވިފައިވާ ކަމަށެވެ
އޭގެ އިތުރުން އެބަޔާނުގައި ބުނީ ފުޓްސަލް ޓީމުން ހޯދީ މުޅި ގައުމު ފަހުރުވެރިވާނެ ކާމިޔާބީއެއް ކަމަށާއި އެ ކާމިޔާބީގައި މުޅި ފުޓްސަލް އާއިލާއިން ބައިވެރިވާނެ ކަމަށެވެ.
ތައިލެންޑްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުރިއަށްދާ އިރު، ރާއްޖޭން ޗެމްޕިއަންކަން ޔަގީންކުރީ މިއަދު ނޮންތަބުރި ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި ބޫޓާނާ ދެކޮޅަށް ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ. ރާއްޖޭން މިހާތަނަށް ކުޅުނު ފަސް މެޗުންވެސް މޮޅުވެ، 15 ޕޮއިންޓް ހަމަކޮށްފައިވާ އިރު، އެންމެ ގާތުން ވާދަކުރި ޕާކިސްތާން ދެވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކުގައެވެ.
ސާފް މުބާރާތުގައި ރާއްޖެއަށް އަދި މެޗެއް އެބައޮތެވެ. ޗެމްޕިއަނުންގެ ގޮތުގައި ސްރީ ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ 26 ވަނަ ދުވަހުއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް