ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ނ. އަތޮޅުގެ ތަށި މާޅެންދޫން ހޯދި އިރު، ހއ. އަތޮޅުގެ ތަށި މާރަންދޫން ހޯދައިފިއެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ ކުޅުން ރޭ ނިމިފައިވާ އިރު، އިއްޔެ ހަވީރާއި ރޭވެސް ވަނީ ފަސް އަތޮޅެއްގެ ފައިނަލް ކުޅެފައެވެ. އޭގެ ތެރެއިން އެންމެ ހާއްސަ ތަށިތަކެއްގެ ގޮތުގައި ފާހަގަވީ މާޅެންދޫ އާއި މާރަންދޫގެ އަތޮޅު ތަށްޓެވެ. އެ ދެ ރަށުންވެސް ފުރަތަމަ ފަހަރަށް އަތޮޅު ތަށި ހޯދާފައިވާ އިރު، މިއީ މާޅެންދޫން މުބާރާތުގައި ބައިވެރިވިވެސް ފުރަތަމަ ފަހަރެވެ.
ހއ. އަތޮޅު ފައިނަލުގައި އިއްޔެ ހަވީރު ވާދަކުރީ ކެލާ އާއި މާރަންދޫއެވެ. އެ ދެ ޓީމަށްވެސް އެއީ ފުރަތަމަ އަތޮޅު ފައިނަލެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، މެޗު އެއްވަރުވެފައި އޮތީ 1-1 އިންނެވެ. މާރަންދޫގެ ގޯލް ޖެހީ ލޫތު ހުސައިނެވެ. ކެލާގެ ގޯލް ޖެހީ އިބްރާހީމް ރިޝާލެވެ.
މެޗު ޕެނަލްޓީއަށް ގޮސް 4-1 އިން މާރަންދޫ މެޗު ކާމިޔާބުކުރި އިރު، ކެލާގެ ހުރިހާ ޕެނަލްޓީއެއް ވެސް މާރަންދޫގެ ކީޕަރު ނައުފަލް މޫސާ ވަނީ މަތަކޮށްފައެވެ. މާރަންދޫގެ މުހައްމަދު ހަމްދާން އަހުމަދާއި ހަސަން އަސްލަމްގެ އިތުރުން އަހުމަދު މުހައްމަދު ޕެނަލްޓީތައް ކާމިޔާބު ކުރިއެވެ.
އެ އަތޮޅުގެ އެންމެ ގިނަ ގޯލް ޖެހީ ކެލާގެ ރިޝާލެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ ހަމްދޫން އަހުމަދު ލަތީފެވެ.
ނ. އަތޮޅުގެ ފައިނަލް ރޭ ކުޅުނު އިރު، މާޅެންދޫން ހޮޅުދޫ ބަލިކުރީ 2-1 އިންނެވެ. މާޅެންދޫގެ ގޯލްތައް ޖެހީ މުހައްމަދު ފަރުހާނާއި އަލީ ފާރިޝްއެވެ. ހޮޅުދޫގެ ގޯލް ޖެހީ ހުސައިން ޝައްފާފެވެ.
ނ. އަތޮޅުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔަކީ ހޮޅުދޫގެ ޝައްފާފެވެ. އެންމެ މޮޅު ކުޅުންތެރިޔަކީ މާޅެންދޫގެ ފަރުހާނެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މެޗުތައް މިއަދާއި މިރޭ ނޯންނާނެއެވެ. ދެން މެޗުތައް އޮންނާނީ މާދަމާއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް