ތައިލެންޑްގެ ބެންކޮކްގައި ކުރިއަށްދާ ސާފް ވިމެންސް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު ފޯރިގަދަ މެޗުގައި ރާއްޖޭން ސްރީ ލަންކާ ކައިރިން 7-6 އިން ބަލިވެއްޖެއެވެ.
ރާއްޖޭން ފުރަަތަމަ ކުޅުނު ހަތަރު މެޗުން ވަނީ ބަލިވެފައެވެ. ލަންކާއިން ފުރަަތަމަ ކުޅުނު ހަތަރު މެޗުގެ ތެރެއިން، ނޭޕާލާ ކުޅުނު މެޗުން ޕޮއިންޓެއް ހޯދައިގެން މިއަދުގެ މެޗަށް ނުކުތް އިރު، މެޗުގައި ގިނަ ގޯލްތަކެއް ފެނުނެވެ.
ނޮންތަބުރި ޕްރޮވިންސް ސްޓޭޑިއަމް އިންޑޯ ހޯލުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ 10 ވަރަކަށް މިނިޓް ތެރޭ ލަންކާއިން ވަނީ ތިން ގޯލް ޖަހައިފައެވެ. އޭގެ ތެރެއިން ދެ ގޯލް ޖެހީ އިމޭޝާއެވެ. ތަރިދީ ވަނީ އިތުރު ގޯލެއް ޖަހައިފައެވެ.
ރާއްޖޭގެ ފުރަތަމަ ގޯލް ޖެހީ އަައިމިނަތު ފަޒްލާއެވެ. އަދި އޭގެފަހުން އައިމިނަތު ނޫރާ ނެގި ކޯނަރެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ލަންކާގެ ދިލާޝާ ވައްޑޫވާގޭ އަތުން ބައިކޮޅަށް ގޯލެއް ވަން އިރު، ރާއްޖެއަށް އެއްވަރުކޮށްދިން ގޯލް ޖެހީ ކެޕްޓަން ފާތިމަތު ޝާލިޔާއެވެ.
ފަހަތުން އަރައި ރާއްޖޭން އެއްވަަރުކުރި ނަމަވެސް ލަންކާ އިން ހާފު ނިންމާލީ އިތުރު ގޯލެއް ޖަހައިގެންނެވެ. އެ ގޯލް ޖެހީ ތަރިދީއެވެ.
ދެވަނަ ހާފް ފަށައިގެން ހަ ވަނަ މިނިޓްގައި ފަޒްލާ އަނެއްކާވެސް ރާއްޖެއަށް އެއްވަރުކޮށްދިން އިރު، މިނިޓެއް ފަހުން ލަންކާގެ ދިލާޝާ ލަންކާއަށް އަނެއްކާވެސް ލީޑު ނަގައިދިނެވެ. އެ ގޯލާއެކުވެސް ރާއްޖޭން އިތުރު ހިތްވަރެއް ލައި، އަނެއްކާވެސް އެއްވަރުކުރިއެވެ. އެ ގޯލަކީވެސް ކޯނަރެއްގައި ލަންކާގެ ކީޕަރު އަޝާނީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މެޗުގައި އަނެއްކާވެސް ލީޑު ނެގީ ލަންކާއެވެ. އެގޯލްވެސް ޖެހީ އިމޭޝާ އެވެ.
އޭގެފަހުން ލަންކާގެ ފަސް ފައުލް ހަމަވެ، ލިބުނު ދުރު ޕެނަލްޓީތައް ރާއްޖެއަށް ބޭނުން ނުކުރެވި ދިޔަ އިރު، ލަންކާގެ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި، ނޫރާ އަތުން ބައިކޮޅަށް ގޯލެއް ވަދެ، ލަންކާއިން ފަރަގު ބޮޑުކުރިއެވެ.
ލަންކާގެ އިތުރު ފައުލަކާއެކު ލިބުނު ދުރު ޕެނަލްޓީއެއްގައި ރާނިޔާ އިބްރާހިމް އިތުރު ގޯލެއް ޖަހައިދިން ނަމަވެސް ރާއްޖެއަށް މޮޅެއް ނުލިބުނެވެ.
ރާއްޖެއަށް ދެން ބާކީ އޮންނާނީ ބަންގްލަދޭޝާ ދެކޮޅަށް ކުޅޭ މެޗެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް