ރަޝިޔާއާއި ޔުކްރޭނުގެ ހަނގުރާމަ ކުރިއަށްދާތާ ފެބްރުއަރީ ސައުވީހަށް ހަތަރު އަހަރު ފުރޭނެއެވެ. ހަނގުރާމަޔަށް މިހައި ގިނަދުވަސްވީއިރު މީގެކުރިން ރަޝިޔާއިން ބޭނުން ނުކުރާ އުކުޅުތަކާއި ހަތިޔާރު މިހާރު ބޭނުންކުރާތީ އެބަފެނެއެވެ. މިގޮތުން އެންމެ ފާހަގަކުރެވޭ ހަތިޔާރަކީ އޮރެޝްނިކް ނަމަކަށް ކިޔުނު ވަރަށް ވަރުގަދަ މިސައިލެކެވެ. ރަޝިޔާ ވަނީ މިޖެނުއަރީ މަހުގެ ނުވަވަނަ ދުވަހު އޮރެޝްނިކް މިސައިލުން ހަގީގީ ފުރަތަމަ ހަމަލާ ދީފައެވެ. ހަމަލަ އަމާޒުވީ ޔުކްރޭނުގެ ވެރިރަށް ކިޔެވްއާއި ޕޮލެންޑުގެ އިމާ ވަރަށް ގާތުގައިވާ ލިވިވްގައި ހުންނަ އަސްކަރީ ކާރުޚާނާއަކަށެވެ. ހަމަލައިގެ ނަތީޖާ ވަރަށް ސާފެވެ. ކިޔެވް އޮތީ އިރުއެރުމާ ހަމަޔަށް ކަނު އަނދިރީގައެވެ. ލިވިވްގެ އެބުނާ ކާރުޚާނާ ހުރިތަނުގައި ބާކީހުރީ އަޅިކޮޅެކެވެ. މި ހަމަލަޔަށްފަހު ޔުކްރޭނަށް މަދަދުކުރާ ވިލާތުގެ ގައުމުތަކުގެ ބަސްމަގާއި ރާގު ވަރަށް ބޮޑަށް ބަދަލުވެެއްޖެއެވެ. ބިރުގަތީ ކަމަށް ފެނެއެވެ. ވަރަށްވެސް ބޮޑަށެވެ.

ކުރިން ރަޝިޔާއާ މަޝްވަރާކުރަންވެސް ދެކޮޅު ހަދަމުންދިޔަ ގައުމުތަކުގެ ތެރެއިން ޖަރުމަންވިލާތާއި ފަރަންސޭސިވިލާތާއި އިޓަލީވިލާތުން މިހާރު ދައްކަނީ މުޅިން އެހެން ވާހަކައެކެވެ. މިހާރު ބުނަމުންދަނީ ރަޝިޔާއަކީ ޔޫރަޕުގެ ގައުމެއް ކަމަށާއި ޔޫރަޕުގެ ކުރިމަގު ނިންމުމަށްޓަކައި ރަޝިޔާއާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ގަބޫލުކުރާ ކަމުގައެވެ. އަދި އެކަމަށް ތައްޔާރަށް ތިބި ކަމުގައެވެ. ކޮންމެއަކަސް މި ބަދަލުގެ ސިއްރަކީ އޮރެޝްނިކް މިސައިލެވެ. އެ މިސައިލުން ދިން ހަމަލައެވެ. އެހެންވީމާ މިއީ ކިހާފެންވަރެއްގެ ކިހާ ނުރައްކާތެރި ހަތިޔާރެއްތޯ ބަލައިލުން މުހިންމެވެ. އޮރެޝްނިކަކީ ރޫސީ ބަހުން ފާޑެއްގެ ގަހެކެވެ. މަދު ގަހެކެވެ. މީގެ ގާތްގަނޑަކަށް ދޮޅު އަހަރު ކުރިން ރަޝިޔާގެ އަސްކަރީ ސައިންޓިސްޓުން ތަރައްގީކޮށް އުފައްދައި އަޖުމަބެލި އައު މިސައިލަށް ދީފައިވާ ނަމަކީ އޮރެޝްނިކެވެ. މެދުރާސްތާގެ ބެލިސްޓިކް މިސައިލެކެވެ. އަޑަށްވުރެ ދިހަގުނަ ބާރުމިނުގައި ދަތުރުކުރާ ސުޕަރ ހައިޕަރސޮނިކް މިސައިލެކެވެ.

މިދެންނެވި މިސައިލް އަމާޒަށް ވާސިލްވުމުގެ ކުރިން ވައިގެތެރޭގައި ގޮއްވައިލުމުގެ ކެރިކުޅަދާނަކަން ޔުކްރޭނަށް ލިބިގެންނުވާއިރު އެ ކުޅަދާނަކަން މުޅި ނޭޓޯ ޖަމާއަތަށްވެސް ލިބިގެނެއް ނުވެއެވެ. އެމެރިކާޔާއި އިނގިރޭސިވިލާތާއި ފްރާންސްވެސް ހިމެނޭ ގޮތުންނެވެ. އޮރެޝްނިކް މިސައިލް އުދުއްސައިލަނީ ސީދާ އޮލަނބަށް މައްޗަށެވެ. އޭގެ މިސްރާބަށް ބަދަލު އަންނަނީ އޮލަނބަށް މައްޗަށް އަރައިގެންގޮސް ދުނިޔޭގެ ވައިގެ ފަށަލައިން ބޭރުވުމަށް ފަހުގައެވެ. ހަމަލަދޭން ބޭނުންވާ ހިސާބުގެ މަތިން ދެން ސީދާ ބޯވަތަށް ތިރިއަށް އަންނަނީ ލޮލަށްވެސް ކުޅަދާނަ ނުވާހެން ވިދުވަރު ސްޕީޑުގައެވެ. އަލުން ދުނިޔޭގެ ވައިގެ ފަށަލަޔަށް ވަނުމަށްފަހު މިސައިލުގެ ފުރަތަމަ ފިޔަވަހި ނިމުނީއެވެ. ދެން ބަދަލުވަނީ މަލްޓިޕަލް އިންޑިޕެންޑެންޓްލީ ޓާގެޓެބްލް ރިއެންޓްރީ ވެހިކަލްސް، އެމްއައިއާރްވީ ތަކަކަށެވެ. އެއީ ޖުމްލަ ހަ ވޯރހެޑެވެ. މިއިން ކޮންމެ ވޯހެޑެއް ނުވަތަ ބޮލަކީ ތަފާތު އަމާޒަކަށް ވާސިލްވެވޭނެ ބޮލެކެވެ. އޭގެ މާނަޔަކީ އޮރެޝްނިކް އެންމެ މިސައިލަކުން ތަފާތު ހަ އަމާޒަކަށް އެއްފަހަރާ ހަމަލަދިނުމުގެ ގާބިލްކަން ހުރުމެވެ.

ކުރިން ދެންނެވިހެން އޮރެޝްނިކްގެ ދެވަނަ ފިޔަވަހީގައި ސީދާ ބިމަށް މިދެންނެވި ހަ ވޯހެޑް ފޯރަނީ ވިދުވަރެއްގެ މިސާލުގައެވެ. ފެނުމާއި ވާސިލްވުން ދާދި އެކުއެކީގައެވެ. މިސަބަބަށްޓަކައި ދުނިޔޭގެ އެއްވެސް ބަޔަކަށް މި މިސައިލާ ދެކޮޅަށް ދިފާއުވެވޭނޭ ނިޒާމެއް އަދި ލިބިގެނެެއް ނުވެއެވެ. ޖެނުއަރީ ނުވަވަނަ ދުވަހުގެ ހަމަލާގައި ތަފާތު ދެ ސިޓީއަކަށް ހަމަލަދިންއިރު ބޭނުންކޮށްފައިވަނީ އޮރެޝްނިކް އެންމެ މިސައިލެކެވެ. ތަފާތު ހަ އަމާޒަކަށް ވަކިވަކިން ވާސިލްވެވޭނެ ހަ ވޯހެޑަށް ބަދަލުވާތީ ދެން އިތުރު މިސައިލެއްގެ ބޭނުމެއްވެސް ނެތެވެ. ނޭޓޯއިން އެހައިބޮޑަށް ބިރުގަތް ސަބަބަކީ މިއީ ނިއުކުލިއަރ ބޯ އުފުލުމުގެ ގާބިލްކަންވެސް ލިބިގެންވާ މިސައިލަކަށް ވުމެވެ. ނިއުކުލިއަރ ހަމަލައެއްދޭންވެސް މިވައްތަރުގެ މިސައިލް ބޭނުން ކުރެވޭނެއެވެ. ބަދަލުކޮށްލަން ޖެހޭނީ ހަމައެކަނި ވޯހެޑެވެ. ރަޝިޔާއިން މިފަހަރު ދިން ހަމަލާގައި ބޭނުންކުރީ އާދައިގެ ގޮވާތަކެއްޗެވެ. ގޮވާ އެއްޗެއް ބޭނުން ނުކުރިޔަސް އޭގެ ސްޕީޑުން އުފެދޭ ކިނެޓިކް އިނަޖީން އެކަނިވެސް ވަރުގަދަ ގޮވުމަކަށް ފުދޭނެއެވެ.

ހަގީގަތުގައި މިފަހަރަކީ ޔުކްރޭނުގައި ރަޝިޔާއިން އޮރެޝްނިކް މިސައިލް ބޭނުންކުރި ފުރަތަމަ ފަހަރެެއް ނޫނެވެ. މިއީ ދެވަނަ ފަހަރެވެ. ކުރީފަހަރާ މިފަހަރު ވަރަށް ތަފާތެވެ. މިފަހަރު ބޭނުންކުރީ އަސްލު ވޯހެޑެވެ. އެންމެ ފުރަތަމަ މި މިސައިލް ބޭނުންކުރީ 21 ނޮވެމްބަރު 2024 ގައި ޔުކްރޭނުގެ އިރުމަތީގައި އޮންނަ ނީޕްރޯއާ ދެކޮޅަށެވެ. އެފަހަރު ރަޝިޔާއިން ހަގީގީ ވޯހެޑެއް ބޭނުމެއް ނުކުރެއެވެ. ބޭނުންކުރީ ޑަމީ ވޯހެޑެކެވެ. ގޮވާތަކެތި ނެތަސް އެފަހަރުގެ މިސައިލުގެ ބާރު ދުވެލިން އުފެދުނު ކިނެޓިކް އިނަޖީގެ ސަބަބުން ރޯވި އަލިފާން ޔުކްރޭނަށް ނިއްވައިލެވުނީ ހަތަރު ގަޑިއިރު ފަހުންނެވެ. ބެލެވޭ ގޮތުގައި އެއީ ރޫސީންގެ އެކްސްޕެރިމެންޓެކެވެ. އަޖުމަ ބަލައިލުމެކެވެ. މިކަމާ ވިއްދައިގެން އެމެރިކާގެ ތަޖުރިބާކާރަކު ވިދާޅުވިއެވެ. ކިތަންމެހައިވެސް އަގުބޮޑު މިސައިލެކެވެ. އެކަމަކު އެވަރުގެ އެއްޗަކުން ދެވުނު ގެއްލުން ސުމެކެވެ. މިފަހަރު އަސްލު ވޯހެޑް ބޭނުންކޮށް ނޭޓޯގެ އިމަށް ހަމަލަދިނީމާ އެންމެންވެސް އެތިބީ ސިހިފައި ހިމޭނުންނެވެ.

ރަޝިޔާގެ ބޭނުމަކީ ބިރުދެއްކުން ކަމަށްވިޔަސް އަދި އެހެން ކަމަކަށްވިޔަސް ހަނގުރާމައިގެ މައިދާނަށް ބަދަލުތަކެއް އަތުވެއްޖެއެވެ. ޔުކްރޭނާއި ނޭޓޯގެ ވިސްނުމަށްވެސް ބަދަލުތަކެއް އަތުވެއްޖެއެވެ. އެކަން ކަށަވަރެވެ. ސުވާލެއްވެސް ނެތެވެ. އެހެންނޫންނަމަ ރަޝިޔާއަކީ ޔޫރަޕޭ، މަޝްވަރާއޭ ވިދާޅުވެ ޖަރުމަންވިލާތުގެ މުސްތަޝާރު ވާހަކަފުޅެއް ނުދައްކަވާނެއެވެ. މިހުރިހާ ދުވަހު ރަޝިޔާއަށް އަދަބުދިނުމުގެ ވާހަކަޔާއި ބަދަލު ހޯދުމުގެ ވާހަކަ އެންމެ ގިނައިން ދެއްކެވީވެސް އޭނާއެވެ. ކޮންމެއަކަސް ހަނގުރާމައަށް ހަތަރު އަހަރު ފުރެން ގާތްވިއިރު ޔުކްރޭނުގެ އިރުމަތީ ބިތުން ރަޝިޔާ ބޭނުންވާ ސަރަހައްދުތަކުގެ ގާތްގަނޑަކަށް 90 އިންސައްތަ މިހާރުވެސް ހޯދައިފިއެވެ. ދެން ބާކީއޮތީ ނިސްބަތުން ކުޑަކުޑަ ތަންކޮޅެކެވެ. އެތަންވެސް ހިފާނެއެވެ. ހިފޭނެއެވެ. ކަށަވަރެވެ. އެހެންވީމާ އޮރެޝްނިކް މިސައިލުން ރައީސް ޕުޓިން އެދެއްވީ މެސެޖެކެވެ. ފޮނިބޮޑުވެގެން އެއްވެސް ބަޔަކު އުޅޭނޭ ކަމެއް ނެތެވެ. އަހަރެމެން މިހަނގުރާމަ ނިންމާނީ އަހަރެމެން ބޭނުންވާ ދުވަހަކުންނެވެ. ބޭނުންވާ ކަމެއް ކޮށްގެންނެވެ. ނޭޓޯއަކީ އަހަރެމެން ޖެހިލުންވެ ބިރުގަންނަ ބައެއް ނޫނެވެ.