ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ށ. އަތޮޅުގެ ޗެމްޕިއަންކަން އަނެއްކާވެސް ކަނޑިތީމުން ހޯދައިފިއެވެ.

އިއްޔެ ހަވީރާއި ރޭ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޖުމުލަ ހަތް އަތޮޅު ފައިނަލެއް ކުޅެފައިވެއެވެ. އެންމެފަހުން ކުޅުނު ފައިނަލަކީ ށ. އަތޮޅު ފައިނަލެވެ.

އެ އަތޮޅު ފައިނަލަށް ނުކުތީ ފޯކައިދުއާއި ކަނޑިތީމެވެ. ކަނޑިތީމުން ރޭގެ ކުރިންވެސް ފަސް ފަހަރު އަތޮޅު ތަށި ހޯދާފައި އޮތް އިރު، މިދިޔަ އަހަރު އެޓީމު އަތޮޅު ފައިނަލުން ބަލިވީ މިލަންދޫ ކައިރިންނެވެ.

އެ ބަލި ހަނދާން ނައްތާލައި ރޭ ފޯކައިދޫ ކައިރިން ކުރި ހޯދީ 5-0 އިންނެވެ. މެޗުގައި ކަނޑިތީމުގެ ރައުލް ނިޔާޒް ހެޓްރިކް ފުރިހަމަ ކުރި އިރު، ރައުލް އަކީ މިވަގުތު މުބާރާތުގެވެސް އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއެވެ. އޭނާ ވަނީ މުބާރާތުގައި ޖުމުލަ 11 ގޯލް ޖަހައިފައެވެ.

އޭގެ އިތުރުން ކަނޑިތީމުގެ ގޯލްތައް ޖަހައިދިނީ ކެޕްޓަން އިބްރާހީމް ނަދާދެވެ.

އެ އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދީ ރައުލްއެވެ.

ށ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާ ރައުލް --- ވަން ފޮޓޯ/ ހަމްދާން އަހުމަދު

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދުވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.

މިއަދާއި މިރޭ އޮންނަ މެޗުތައް

16:00 ހއ. މާރަންދޫ - ހއ. ކެލާ (އަތޮޅު ފައިނަލް)

16:00 ރ. ދުވާފަރު - ރ. އިނގުރައިދޫ (އަތޮޅު ފައިނަލް)

20:00 ނ. ހޮޅުދޫ - ނ. މާޅެންދޫ (އަތޮޅު ފައިނަލް)

20:00 އއ. މަތިވެރި - އއ. ބޮޑުފޮޅުދޫ (އަތޮޅު ފައިނަލް)

21:45 ވ. ކެޔޮދޫ - ވ. ފުލިދޫ (އަތޮޅު ފައިނަލް)

22:00 ގދ. ހޯޑެއްދޫ - ގއ. ދެއްވަދޫ (ޒޯން 7)

23:00 ގއ. ކަނޑުހުޅުދޫ - ގދ. ވާދޫ (ޒޯން 7)

23:00 ސ. ހިތަދޫ - ޏ. ދަނޑިމަގު (ޒޯން 7)