މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފަކު ފިޓް ޖެހުމުގެ ސަބަބުން މަރުވި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

އެމްޕީއެލުން މިއަދު ބުނީ ފިޓް ޖެހުމުގެ ސަބަބުން މަރުވެފައިވަނީ ވިޔަފާރި ބަނދަރުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފެއް ކަމަށާއި އެ މުވައްޒަފު ފިޓް ޖެހިފައިވަނީ މިއަދު ހެނދުނު ކަމަށެވެ. މަރުވެފައިވަނީ ފްލީޓް ސާވިސް ޑިޕާޓްމެންޓުގެ މެރިން ކްރާފްޓުގެ ސެކްޝަންގެ ސީނިއާ ޑެކް ހޭންޑެއްގެ މަގާމުގައިހުރި އަމީން އަބްދުލްހަމީދު (30އ) ކަމަށް އެމްޕީއެލުން ބުންޏެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މިއަދު 10:46 އެހާކަންހާއިރު، އެމްޕީއެލް ފަޅުތެރޭގައި އޮތް ދެ ޓަގުބޯޓު ދޭތެރެއަށް އެމްޕީއެލްގެ މުވައްޒަފެއް ވެއްޓި އަނިޔާވެފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެ މީހާ އައިޖީއެމްއެޗަށް ގެންދިޔަ އިރުވެސް މަރުވެފައިވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް އެމްޕީއެލުން މީޑިއާތަކަށް ބުނީ އެ މީހާ މަރުވެފައިވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

"ޑިއުޓީގައި ހުއްޓާ ފިޓުޖެހި، އަމީން ވެއްޓުނީ މާލެ ވިޔަފާރި ބަނދަރުގެ ހުޅަނގު ފަރާތް ޖެޓީ ސަރަހައްދު މޫދަށެވެ. މި ހާދިސާ ހިނގުމާއެކު، މި ކުންފުނީގެ ހެލްތު އެންޑް ސޭފްޓީ ޑިޕާޓްމެންޓުގެ އެމެޖެންސީ ރެސްޕޮންސް ޓީމުންވަނީ ވަގުތުން އެ ސަރަހައްދަށް އެޓެންޑުވެ، އެމްބިއުލާންސްގައި އަމީން އައިޖީއެމްއެޗަށް ގެންގޮސްފައެވެ. އަމީން ނިޔާވީ އައިޖީއެމްއެޗުގައި ފަރުވާ ދެމުން ދަނިކޮށެވެ" އެމްޕީއެލުން ބުންޏެވެ.

އަމީން، އެމްޕީއެލްގައި މަސައްކަތް ކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގައިކަމަށް އެމްޕީއެލުން ބުންޏެވެ.