މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގެ ކުށުގައި ހައްޔަރުކޮށް ބަންދުކުރި، ސ. ހިތަދޫ މޯޒީ ކޯނާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރު ހައިކޯޓުން ބާތިލް ކޮށްފިއެވެ.

އަލީ އަންވަރާއި އިތުރު ބަޔަކު ބައިވެރިވެގެން މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ދިވެހިންގެ ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަލީ އަންވަރު ހައްޔަރުކޮށް މިދިޔަ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ބަންދު ކުރިއެވެ.

އެއަށްފަހު އޭނާގެ ބަންދާ މެދު ގޮތެއް ކަނޑައެޅުމަށްޓަކައި 13 އޮކްޓޫބަރުގައި ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ކަނޑައަޅައި ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް އަމުރުކުރިއެވެ.

އެ ފަސް ދުވަހުގެ މުއްދަތު ހަމަވާތީ އިތުރަށް އޭނާ ބަންދުގައި ބަހައްޓައިދިނުމަށް އެދި ފުލުހުންގެ ފަރާތުން 18 އޮކްޓޫބަރުގައި ކުރިމިނަލް ކޯޓަށް ހާޒިރު ކުރިއެވެ. ނަމަވެސް އިތުރަށް ބަންދުކުރަން އަމުރު ކުރުމުގެ ބަދަލުގައި އޭނާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރިއެވެ.

އެހެންކަމުން އޭނާ ދޫކޮށްލަން ކުރި އަމުރު ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ، އޭނާ ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރަކީ، ގާނޫނުއަސާސީ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ޝަރީއަތް ކުރުމާބެހޭ، ޖިނާއީ އިޖުރާއަތުގެ ގަވާއިދާ ހިލާފް އަމުރެއް ކަމަށެވެ. އެހެންކަމުން އެގޮތަށް ކަނޑައަޅައިދިނުމަށްވެސް އެދިފައިވެއެވެ.

މި މައްސަލަ ބެލުމަށްފަހު ހައިކޯޓުން އިއްޔެ ވަނީ، އޭނާ ބަންދުން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބާތިލު އަމުރެއް ކަމަށް ކަނޑައަޅައިފައެވެ.