ކޮވިޑް-19ގެ ތެރޭގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައެއްގެ ތުހުމަތުގައި، އައިޖީއެމްއެޗްގެ ކުރީގެ ޑެޕިއުޓީ ސީއީއޯ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މިހާރުގެ ސީއީއޯ މުހައްމަދު ރިޝްވާންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.
ރިޝްވާންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީއަށް ފޮނުވާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ.
އެނގިފައިވާ ގޮތުގައި ރިޝްވާންގެ މައްޗަށް ދައުވާކުރުމާ މެދު އަދި ޕީޖީ އޮފީހުން ގޮތެއް ނިންމާފައެއް ނުވެއެވެ. އެ މައްސަލަ އޮތީ ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާގައެވެ.
ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން އެ ދުވަސްވަރު ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ޕީސީއާރު ޓެސްޓިންގެ ހިދުމަތް ފޯރުކޮށްދެމުންދިޔަ ދެ ކުންފުނި ކަމުގައިވާ ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އިން ޓެކުހަށް މަކަރު ހަދައިފައިވާ ކަމަށް ތުހުމަތުކޮށް ދެ ޑޮކްޓަރުންގެ ދައުވާކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިންވެސް ވަނީ ޕީޖީ އޮފީހަށް ފޮނުވައިފައެވެ.
އެ މައްސަލައިގައި ދައުވާކޮށްދިނުމަށް އެދިފައިވާ ދެ ޑޮކްޓަރުންނަކީ ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފް، އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްކަމުގައިވާ ޑރ. އަލީ އަބްދުﷲ ލަތީފެވެ.
އެކަމާ ގުޅޭގޮތުން މީރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މި މައްސަލައަކީ، ކޯވިޑް-19ގެ ޕެންޑެމިކާ ގުޅިގެން ޕީސީއާރް ޓެސްޓިންގެ ޑިމާންޑް އެންމެ ބޮޑު ދުވަސްވަރު މި ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވާ ފަރާތްތަކެއް ކަމަށް ފާހަގަކުރެވިފައި ވީނަމަވެސް، އެ ފަރާތްތަކުން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި ޓެކްސް ނެގޭ އާމްދަނީ ބޮޑުތަނުން ދަށްކޮށް ރިޕޯޓުކޮށްފައިވާ ކަމަށް ފާހަގަކުރެވިގެން މީރާއިން ތަހުގީގުކުރަން ފަށައިފައިވާ މައްސަލައެއް ކަމަށެވެ.
ޓެކްސް އަހަރު 2020، 2021 އަދި 2022ވަނަ އަހަރުގައި، ޕީސީއާރް ޓެސްޓިންގެ އިތުރުން އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ދަށުން ހިންގަމުންގެންދާ "ޕާލް މެޑިކަލް ސެންޓަރު" ކްލިނިކު މެދުވެރިކޮށް އެހެނިހެން ހިދުމަތްތައް ފޯރުކޮށްދީފައި ވީނަމަވެސް، މި ހިދުމަތްތަކުން ލިބިފައިވާ ފުރިހަމަ އާމްދަނީ ވެސް މީރާއަށް ރިޕޯޓުކޮށްފައިނުވާކަން މީރާގެ ތަހުގީގުގައި ހޯދިފައިވާ ކަމަށެވެ.
ހަމަ މިއާއެކު، ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއަކީ ޕީސީއާރް ޓެސްޓިން ހިދުމަތް އެންމެ އަވަހަށް ފެށި އެއް ފަރާތްކަމާއި 2020 އަދި 2021 ވަނަ އަހަރު އާންމު ފަރާތްތަކުގެ އިތުރުން ޓޫރިސްޓް ފެސިލިޓީތަކަށް މި ހިދުމަތް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދީފައިވީ ނަމަވެސް، މި ހިދުމަތުން ލިބިފައިވާ އެންމެހާ އާމްދަނީ މީރާއަށް ހުށަހަޅައިފައިވާ މާލީ ހިސާބުތައް އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ހިމަނައިފައިނުވާކަން މީރާގެ ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އަދި މި ހިދުމަތް ފޯރުކޮށްދީގެން ޓެކްސް އަހަރު 2021އަށް ލިބިފައިވާ އާދަޔާހިލާފު ބޮޑު އާމްދަނީއާ ގުޅިގެން މީރާއަށް ދައްކަންޖެހޭ ޓެކުހުގެ އަދަދު ދަށްކުރުމުގެ ނިޔަތުގައި މި އަހަރުގެ މާލީ ހިސާބުތަކުގައި 'ކޮސްޓް އޮފް ސޭލްސް' އަދި އިދާރީ ހަރަދުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަން ވެސް ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ގޮތުން، ޓެކްސް އަހަރު 2020، 2021 އަދި 2022 އަށް، އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑް އިން މީރާއަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 31.9 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޓެކްސް އަހަރު 2020 އަދި 2021އަށް ހުށަހަޅައިފައިވާ އިންކަމް ޓެކްސް ބަޔާންތަކުގައި 102.7 މިލިއަން ރުފިޔާގެ ޓެކްސް ނެގޭ އާމްދަނީ ހިމަނަފައިނުވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
އަދި މި ތަހުގީގާ ގުޅިގެން މީރާއިން ކުރިއަށް ގެންދިޔަ އޮޑިޓުތަކުގައި އައިލެންޑް ހެލްތު ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖުމުލަ 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅައި އެ ޓެކްސް މީރާއަށް ދައްކަން އަންގައިފައިވާ ކަމަށެވެ.
" މި މައްސަލައިގައި މި ދެ ކުންފުނީގެ އިތުރުން، މައްސަލައިގައި އިސްކޮށް އުޅެފައިވާކަމަށް ފާހަގަކުރެވިފައިވާ، ދެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހިމެނޭ ޑރ. އިކްލީލް ޝަރީފް، އަދި އައިލެންޑް ހެލްތް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރެއްކަމުގައިވާ ޑރ. އަލީ އަބްދުﷲ ލަތީފުގެ މައްޗަށް ދައުވާކޮށްދިނުމަށް މީރާއިން އެދިފައިވެއެވެ." މީރާގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދި މީގެ އިތުރުން އެނގިހުރެ ސައްހަ ނޫން މައުލޫމާތު ހިމެނޭ މާލީ ހިސާބު އަދި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާކަމުގެ ތުހުމަތުގައި މި މުއްދަތުތަކަށް މި ދެ ކުންފުނީގެ މާލީހިސާބާއި ޓެކްސް ބަޔާން ތައްޔާރުކޮށްދީފައިވާ، އަލީ ފަޔާޒްގެ މައްޗަށް ދައުވާކޮށްދިނުމަށް ވެސް މީރާއިން އެދިފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އޭސީސީން ވަނީ މީގެކުރިން ކޮވިޑް-19ގެ ޓެސްޓް ހެދުމަށް އައިޖީއެމްއެޗްގެ ލެބޯޓަރީގައި ބޭނުންކުރި ރީއެޖެންޓްސް ހޯދަން އަމިއްލަ މަސްލަހަތު އޮތް ކުންފުންޏަކަށް ދިން މައްސަލާއަކާ ގުޅިގެން އެ ހޮސްޕިޓަލުގެ ކުރީގެ ސީއީއޯ އިބްރާހިމް ސަލީމް (ކުޑަ ބަންދޭ) އަދި ޑރ. އަލީ ލަތީފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވައިފައެވެ.
މުހައްމަދު އިޝާން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް