ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ކުޅުންތެރިންނަށް ލިބޭ ބޮޑު ފުރުސަތެއް ކަމަށާއި، ޕްލެޓްފޯމްގެ ބޭނުން ހިފަން ތައްޔާރަށް ހުރި ކަމަށް ށ. ކަނޑިތީމުގެ ރައުލް ނިޔާޒް ބުނެފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ށ. އަތޮޅު ފައިނަލަށް ކަނޑިތީމް ދަތުރުކުރީ ސެމީ ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން މިލަންދޫ ބަލިކޮށްގެންނެވެ. އެއީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ހަމައެކަނި ގޯލް ޖެހީ ރައުލްއެވެ. އޭނާގެ ފަރާތުން މިހާތަނަށް މުބާރާތުގައި ރީތި ގޯލްތަކެއް ފެނިފައިވާ އިރު، މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިންގެ ލިސްޓުގައިވެސް އޭނާ ހިމެނެއެވެ. މިހާތަނަށް އަށް ގޯލް ޖަހާފައިވާ އިރު، ރައުލްއާ އެއްވަރަށް ދެން ގޯލް ޖެހި ކުޅުންތެރިޔަކީ ތ. ކިނބިދޫގެ މުހައްމަދު ޝާފިއުއެވެ.
"ވަރަށް ކުރިއެރުން ލިބިއްޖެ އަސްލު. ގޯލްޑަން މިއީ ކެރުއަރުގައި މިހާތަނަށް އެންމެ ރަނގަޅު މުބާރާތް. އިރާދަކުރެއްވިއްޔާ ކުރިއަށް ހުރި މެޗުތައްވެސް ރަނގަޅުވާނެ ހަމަ،" ރައުލް "ވަން ސްޕޯޓްސް"އަށް ބުންޏެވެ.
ރައުލް ބުނީ ގޯލްޑަންއަކީ ލިބޭ ބޮޑު ފުރުސަތެއް ކަމަށާއި، އެ ފުރުސަތުގެ ބޭނުން ހިފަން ގިނަ ކުޅުންތެރިން ބޭނުންވާނެ ކަމަށެވެ.
"މިއީ އަސްލު ވަރަށް ރަނގަޅު މުބާރާތެއް. އަރަމުން އަންނަ ކުޅުންތެރިންނަށް ހަމަ ވަރަށް ބޮޑެތި ފައިދާތަކެއް ލިބޭނެ. ކުޅުންތެރިންނަށް އެނގޭނެ އެކަން. މިއީ ކިހާ ބޮޑު ޕްލެޓްފޯމެއްކަން. އެއީ މި މުބާރާތުން ތަފާތު ދެއްކުމުން އެތަން ފެންނާނެ،" އޭނާ ފާހަގަކުރިއެވެ.
ރައުލް އިތުރަށް ބުނީ ކަނޑިތީމުން މިފަހަރުގެ މުބާރާތަށް ނުކުތީ ވަރަށް ބޮޑަށް ތައްޔާރު ވެގެން ކަމަށާއި، ޓީމުގެ މަސައްކަތަށް އިތުބާރު އެބައޮތް ކަމަށެވެ.
"މިފަހަރު ޕްރެކްޓިސްތަކުގައިވެސް ވަރަށް ސީރިއަސްކޮށް އަސްލު މަސައްކަތް ކުރީ. ރަށުގެ ހުރިހާ މުބާރާތަކަށްވެސް ޖައްސާ ވަރަށްވުރެ ޓީމުން މާ ބޮޑަށްވެސް ރަނގަޅަށް މަސައްކަތް ކުރަމުން މިދަނީ. ޓީމާ ދޭތެރޭ އަބަދުވެސް ފުލް ޓްރަސްޓް އޮންނާނެ. ސަޕޯޓަރުންނަށް ބުނަން ބޭނުން ތިގޮތަށް ހަމަ އަބަދުވެސް އަންނާށޭ،" ރައުލް ބުންޏެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް