ޗައިނާ ސަރުކާރުގެ އެހީގައި ވިލިމާލޭގައި ހެދުމަށް ނިންމާފައިވާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލް" ގެ އަމަލީ މަސައްކަތް ފެށުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ޗައިނާ އެމްބަސީގެ ކައުންސެލާ ޒެންގް ޒޫ އެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށްދާނީ ބީލަމުގެ އުސޫލުން ވިލިމާލެ ހޮސްޕިޓަލުގެ މަސައްކަތް ކޮށްދޭނެ ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ ވިލިމާލޭގެ ހޮސްޕިޓަލް ހެދުމަށް ހަމަޖެހިފައިވަނީ 12،890 އަކަމީޓަރުގެ ސަަރަހަދެއްގައި ކަމަށެވެ. އެ ހޮސްޕިޓަލަކީ ޓާޝަރީ ފެންވަރަށް ހަދާ ހޮސްޕިޓަލެއް ކަމަށާއި އެ ހޮސްޕިޓަލަކީ 112 އެނދުގެ ޖާގައިގެ ހޮސްޕިޓަލެއް ކަމަށް މިނިސްޓްރީން ބުންޏެވެ.

"ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި މެޑިކަލް އިކުއިޕްމަންޓާއި ފަރުނީޗަރުވެސް މި މަޝްރޫއުގެ ދަށުން ފޯރުކޮށްދެވޭނެ،" މިނިސްޓްރީން ބުންޏެވެ.

އެ ހޮސްޕިޓަލުގައި އައުޓްޕޭޝަންޓް އަދި ކުއްލި ފަރުވާގެ ހިދުމަތްތަކުގެ އިތުރުން ބަލި ދެނެގަތުމަށާއި ފަރުވާ ދިނުމަށް ހާއްސަ ސަރަހައްދުތަކެއް ހުންނާނެކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ. އަދި ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިން ކަންކަމަށް ބޭނުންވާ އޮފީސް އިމާރާތްވެސް ހުންނާނެކަމަށް މިނިސްޓްރީން ބުންޏެވެ.

ވިލިމާލެ ހޮސްޕިޓަލުގެ މަޝްރޫއަކީ، ރައްޔިތުންނަށް ފެންވަރު ރަނގަޅު ސިއްހީ ހިދުމަތް ހޯދޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެއްސުމުގެ ސިޔާސަތުގެ ދަށުން ކުރެވޭ މުހިންމު މަސައްކަތެއްކަމަށް މިނިސްޓްރީން ބުންޏެވެ.

"ލަފާކުރެވޭ ގޮތުގައި، ކޮންޓްރެކްޓަރަކު އައްޔަންކޮށް، މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިގެންދާނެ،" ކޮންސްޓްރަކްޝަން މިނިސްޓްރީން ބުންޏެވެ.

ވިލިމާލޭގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލެއް ހަދައިދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.