އަނިޔާއަކުން ރަނގަޅުވެ، އެންމެ މުހިއްމު ހިސާބުން ޓީމާ ގުޅެން ފުރުސަތު ލިބުމަކީ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި، މިއީ ބުރަކޮށް މަސައްކަތް ކުރަމުންދާ ފަހަރެއް ކަމަށް ތ. ތިމަރަފުށީގެ އިބްރާހީމް އަސްވަދު (ގަބޭ) ބުނެފިއެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތ. އަތޮޅުގެ ސެމީ ފައިނަލް މެޗުތައް ރޭ ކުޅެފައިވާ އިރު، ތިމަރަފުށިން ވަނީ ފަސޭހަކަމާއެކު ގާދިއްފުށި ބަލިކޮށް، އަތޮޅު ސެމީ ޔަގީން ކޮށްފައެވެ. އެމެޗުގައި ގަބޭ ކުޅެ، ގޯލްވެސް ޖަހާފައިވެއެވެ.

ރޭގެ މެޗަށް ގަބޭ ނުކުތީ ގްރޫޕް ސްޓޭޖުގައި ނުކުޅެ ހުރުމަށްފަހުއެވެ.

"އަނެއްހެން ވަރަށް ރަނގަޅަށް މިދަނީ. އަތޮޅު ބުރު ނިންމާފައި ކުޅެން ފަށަންވެގެން މި ހުންނަނީ. ދެން މަޑުމަޑުން ކުޅުމާ ގުޅިގެން ދެން ހުރި މެޗުތައް ނަގާލަން ތައްޔާރު ވެވޭނީވެސް. ޓީމު ސެމީގައިވެސް މި ފެނުނީ ވަރަށް ރަނގަޅަށް. އެހެންވީމަ ކުރިއަށްދާނެ ކަމަށް މި ބަލަނީ ރަނގަޅަށް،" މެޗަށްފަހު ގަބޭ "ވަން ސްޕޯޓްސް"އަށް ބުންޏެވެ.

މީގެ ކުރިން ތިމަރަފުށިން ތިން ފަހަރު ގޯލްޑަންގެ ޗެމްޕިއަންކަން ހޯދާފައިވާ އިރު، 2022 ވަނަ އަހަރާއި 2019 ވަނަ އަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، ކިންގްގެ މަގާމު ހޯދީ ގަބޭއެވެ. ގަބޭއަކީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެފަހަރަށް ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔާއެވެ.

30 މާޗު 2022: ގޯލްޑަން ފުޓްސެލް ޗެލެންޖުގެ ފުޓްސަލް ކިންގް ގަބޭ --- ވަން ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން

ގަބޭ އިތުރަށް ބުނީ މިފަހަރު ތިމަރަފުށި ޓީމުން ދަނީ ރަނގަޅު މަސައްކަތްތަކެއް ކުރަމުން ކަމަށާއި، އާ ކޯޗު އިސްމާއީލް ޝަރީފް (އިއްސެ) އާއެކު ކުރަމުންދާ މަސައްކަތުގެ ޓާގެޓަކީ ތަށި ކަމަށެވެ.

"މިފަހަރު ތިމަރަފުށި ޓީމުން ރަނގަޅު ޕްރެކްޓިސްތަކެއްވެސް ކޮށް، ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން މިދަނީ. އާ ކޯޗަކާވެސް އެކު، މުޅިން އާ ސްޓައިލަކަށްވެސް ކުޅެވޭތޯ ވަރަށް ބުރަކޮށް ޓީމު މަސައްކަތް ކުރަމުން މިދަނީ. އަބަދުވެސް އުންމީދަކީ ތަށި،" އޭނާ ބުންޏެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖްގެ 10 ވަނަ މުބާރާތް ކުރިއަށްދާ އިރު، ގަބޭ ބުނީ އޭނާގެ ތަޖުރިބާގައި މުބާރާތުން ބޮޑު ޕްލެޓްފޯމެއް އުފެދިގެންދާ ކަމަށާއި، އަތޮޅު ތެރޭގައި ހުނަރު ފެންނަ ކަމަށެވެ.

"އަސްލު ގޯލްޑަން އެންމެ ފުރަތަމަ ފެށުނީއްސުރެ ތިމަރަފުށި ކުޅެމުންދާނެ. އޭރުން ފެށިގެން މި އަންނަނީ މުބާރާތް ކުޅެމުން. އެއް އަހަރަށްފަހު އަނެއް އަހަރެއް މިދަނީ ގޯލްޑަން ކުރިއަރަމުން. މުޅި ރާއްޖޭގެ ހުރިހާ އެންމެންނަށް އެނގޭ މިއީ ބޮޑު ޕްލެޓްފޯމެއްކަން. ހާއްސަކޮށް އަތޮޅު ތެރޭގައި ތިބޭ ކުޅުންތެރިން އެބަ އިންތިޒާރުކުރޭ މި މުބާރާތަށް. އެހެންވީމަ މުބާރާތް މިއީ ހާއްސަ މުބާރާތެއްކަން އެނގޭ އެހިސާބުންވެސް،" ގަބޭ ބުންޏެވެ.

ރޭ ތިމަރަފުށިން ގާދިއްފުއްޓާއެކު ކުޅުނު މެޗުގައި ގަބޭގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ. ހާއްސަކޮށް ޓީމު ލީޑުކޮށްގެން ކުޅުނުތަން ފެނިގެން ދިޔައެވެ.