ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ރެއާލް ސޮސިއެދާދް ކައިރިން ބަލިވެއްޖެއެވެ.

ސޮސިއެދާދް ދަނޑުގައި ރޭ ކުޅުނު މެޗުން ބާސާ ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. ބާސާއިން ރޭގެ މެޗުން ބަލިވެފައި ވަނީ އެންމެފަހުން ކުޅުނު 11 މެޗުންވެސް މޮޅުވެފައި އޮއްވައެވެ.

ބާސާއަށް ގެއްލުނު ތިން ޕޮއިންޓާއެކު، ދެވަނައިގައި އޮތް ރެއާލް މެޑްރިޑުން ވަނީ އެއް ޕޮއިންޓަށް ގާތް ކޮށްފައެވެ. ބާސާއަށް އެއްވަނައިގައި 20 މެޗުން 49 ޕޮއިންޓް ލިބިފައިވާ އިރު، ދެވަނައިގައި ރެއާލް މެޑްރިޑް އޮތީ 20 މެޗުން 48 ޕޮއިންޓާއެކުގައެވެ.

ވާރޭގައި ކުޅުނު ފޯރިގަދަ މެޗުގައި ސޮސިއެދާދުން ބާސާ ހިފަހައްޓާލަން ބުރަކޮށް މަސައްކަތް ކޮށްފައިވާ އިރު، ދެވަނަ ހާފުގައި އެކަނިވެސް ބާސާގެ ފަސް ހަމަލާއެއް ދަނޑިއަށް އަމާޒުވެފައިވެއެވެ.

މެޗުގެ 32 ވަނަ މިނެޓުގައި މިކޭލް އޮޔަރުޒަބާލް ޖެހި ގޯލުން ސޮސިއެދާދުން ގޯލް ޖަހާފައިވާ އިރު، ބާސާއިން އެއްވަރުކުރީ 70 ވަނަ މިނެޓުގައެވެ. ބާސާގެ ގޯލް ޖަހައިދިނީ މާކަސް ރަޝްފޯޑެވެ. އެ ގޯލަށް މިނެޓެއް ވީތަނާ ގޮންކާލޯ ގޮއެޑެސް ވަނީ ސޮސިއެދާދަށް އަނެއްކާވެސް ލީޑު ނަގައިދީފައެވެ.

މެޗުގެ ފަހު މިނެޓު ކޮޅުގައި ސޮސެއިދާދުން ކުޅުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ ކާލޮސް ސޮލާއަށް ދެއްކި ރަތް ކާޑާއެކުގައެވެ.