ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ކުޅުނު މެޗުގައި ލެވަންޓޭ ބަލިކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ރެއާލުން ކުޅުނު މެޗުގައި ލެވަންޓޭ ބަލިކުރީ 2-0 ގެ ނަތީޖާއަކުންނެވެ. ރެއާލުން ރޭގެ މެޗަށް ނުކުތީ ނުތަވަސްކަމުގައި އޮވެގެންނެވެ.

ސީޒަނަށް ގެނައި ކޯޗު ޒަބީ އެލޯންސޯ ފޮނުވާލާފައިވާ އިރު، އޭނާގެ ބަދަލުގައި މިހާރު ހުރީ އަލްވާރޯ އާބެލޯއާއެވެ. އެއީ ވަގުތީ ކޯޗެއްގެ ގޮތުގައެވެ. ރެއާލުން އެލޯންސޯ ފޮނުވާލީ ސުޕަ ކަޕުގައި ބާސެލޯނާ ކައިރިން ބަލިވުމުންނެވެ.

އޭގެފަހުން އާބެލޯއާއާއެކު ކްލަބުން ފުރަތަމަ ކުޅުނީ ކޮޕާ ޑެލް ރޭ މެޗެކެވެ. އެމެޗުގައި ދެވަނަ ޑިވިޝަނުގެ އަލްބަސެޓޭ ކައިރިން ބަލިވެ، ރެއާލް ވަނީ ކަޕުން ކަޓައިފައެވެ.

ރެއާލް ސަޕޯޓަރުން ކްލަބު ރައީސް ފްލޮރެންޓީނޯ ޕެރޭޒަށް ފާޑު ކިޔާ ބެނާތައްވެސް ބޭނުންކޮށްފައިވާ އިރު، އޭގެ އިތުރުން މުހިއްމު ގިނަ ކުޅުންތެރިން ކަމަށްވާ ޖޫޑް ބެލިންހަމްއާއި ވިނީޝިއަސް ޖޫނިއާ އަދި ފެޑެރީކޯ ވަލްވާޑޭއަށްވެސް ސަޕޯޓަރުން "ބޫ" ކޮށްފައިވެއެވެ.

ރެއާލް ސަޕޯޓަރުން ނަތީޖާތަކާ ހިތްހަމަ ނުޖެހުމުގެ އިތުރުން އެލޯންސޯ ފޮނުވާލުމުން ހިތްހަމަ ނުޖެހިފައި ތިބި ކަމަށް ނޫސްތައް ބުނެއެވެ.

ރޭގެ މެޗުގައި ރެއާލްގެ ދެ ގޯލްވެސް ފެނުނީ ދެވަނަ ހާފުގައެވެ. އެއީ ކިލިއަން އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީއެއްގެ އިތުރުން ރައުލް އަސެންސިއޯ ޖަހައިދިން ގޯލަކުންނެވެ.

ރޭގެ މެޗަށްފަހު ކޯޗު އާބެލޯއާ ބުނީ ނުރުހުން ފާޅުކުރަމުން ދަނީ ކޮން ބައެއްކަން އެނގޭ ކަމަށާއި، އެއީ ކްލަބަށް ހެޔޮ އެދޭ ބައެއް ނޫން ކަމަށެވެ. އާބެލޯއާ އިތުރަށް ބުނީ ރެއާލްގައި މިހާރު ހުރީ ކްލަބު ދެކެ ލޯބިވާ ރައީސެއް ކަމަށާއި، އެއީ ލިބޭ އުފަލެއް ކަމަށެވެ.