ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި އޮޑި ސްޕޯޓްސް ކްލަބުން ފަހުވަގުތު ކްލަބު ވެލެންސިއާ ބަލިކޮށްފިއެވެ.

ގައުމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އޮޑިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. އޮޑި މިއަދު ބަލިވި ނަމަ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ލީގު ކަށަވަރު ވާން އޮތް ނަމަވެސް، އޮޑިން ތިން ޕޮއިންޓް ހޯދުމާއެކު މާޒިޔާއިން ލީގު ނަގަން އިތުރު ތިން ޕޮއިންޓް ޔަގީން ކުރަން ޖެހެއެވެ.

އޮޑިއަށް 15 މެޗުން 35 ޕޮއިންޓް ލިބިފައިވާ އިރު، މާޒިޔާ އެއްވަނައިގައި އޮތީ 15 މެޗުން 43 ޕޮއިންޓާއެކުގައެވެ.

މެޗުގައި އޮޑިން ލީޑު ނެގީ 38 ވަނަ މިނިޓްގައި އަޔާޒް އަހުމަދު (އަޔާ) ޖެހި ގޯލުންނެވެ. އަޔާ އޭރިއާ ބޭރުން ވެލެންސިއާ ތިން ކުޅުންތެރިން ބީޓް ކޮށްލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ގޯލަށް ވައްދާލީ ދަނޑީގައި ޖައްސާފައެވެ.

ދެވަނަ ހާފަށް ނުކުމެވެސް އޮޑިން ބޮޑަށް ނުރައްކާ ކުރި ނަމަވެސް، ވެލެންސިއާއިން ރަނގަޅަށް ޑިފެންސް ކުރިއެވެ. ނަތީޖާއެއް ގޮތުން ކައުންޓާ ފުރުސަތެއްގައި ވެލެންސިއާއިން ގޯލް ޖަހައި އެއްވަރުކުރިއެވެ. އެ ގޯލް ޖަހައިދިނީ އައިދު މުހައްމަދު ޖަވީޒެވެ.

އޮޑިން މެޗު ކާމިޔާބުކުރި ގޯލް ޖެހީ އިތުރު ވަގުތުގެ ތެރޭގައެވެ. އެ ގޯލް ޖަހައިދިނީ ބިދޭސީ ޑިފެންޑަރު، ގާނިއު އަޓަންޑާ އޮގުންގްބޭއެވެ.