ކުރިން މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް މެޑްރިޑަށް ކުޅުނު ނެދަލޭންޑްސްގެ ފޯވަޑް، ރޫދު ވެން ނެސްތެރޫއީ އަނެއްކާވެސް ގައުމީ ޓީމުގެ ކޯޗިން ޓީމާ ގުޅިއްޖެއެވެ.
ނެސްތެރޫއީ ވަނީ މީގެ ކުރިންވެސް ނެދަލޭންޑްސްގެ ގައުމީ ޓީމުގެ ކޯޗުން ކައިރީގައި އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. އެގޮތުން ގޫސް ހިޑިންކާއި ޑެނީ ބްލިންޑްގެ އިތުުރުން ފްރޭންކް ޑި ބޯގެ އެސިސްޓެންޓަކަށްވެސް ނެސްތެރޫއީ މަސައްކަތް ކުރިއެވެ. ނެދަލޭންޑްސްއިން ޔޫރޯ 2020 ގައި ވާދަކުރިއިރުވެސް ނެސްތެރޫއީއަކީ ޓީމުގެ އެސިސްޓެންޓް ކޯޗެކެވެ.
އޭގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗުކަމާ ހަވާލުވެގެންވެސް ނެސްތެރޫއީ މަސައްކަތް ކޮށްފައިވާ އިރު، އޭނާ އެންމެފަހުން މަސައްކަތް ކުރީ ލެސްޓާ ސިޓީގެ ކޯޗުކަމުގައެވެ. އެޓީމު 2024-25 ވަނަ އަހަރު ސީޒަނުގައި ރެލިގޭޓް ވުމުން އޭނާ މަގާމުން ދުރަށް ޖެހިލިއެވެ.
އުމުރުން 49 އަހަރުގެ ނެސްތެރޫއީ ބުނީ ނެދަލޭންޑްސްގެ ކޯޗިން ޓީމުގައި މަސައްކަތް ކުރުމަކީ އަބަދުވެސް ޝަރަފެއް ކަމަށާއި، ވޯލްޑް ކަޕުގައި އެ މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ އިތުރަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.
ގައުމީ ޓީމަށް 70 މެޗު ކުޅެ، 35 ގޯލުވެސް ޖަހައިދީފައިވާ ނެސްތެރޫއީ ރަސްމީކޮށް މަގާމާ ހަވާލުވާނީ އަންނަ މަހު އެއްވަނަ ދުވަހުއެވެ.
ނެދަލޭންޑްސްއިން މިފަހަރުގެ ވޯލްޑް ކަޕަށް ނުކުންނާނީ ގްރޫޕް އެފްގައެވެ. އެ ގްރޫޕުގައި ހިމެނެނީ ޖަޕާނާއި ޓިއުނީޝިއާގެ އިތުރުން ޔޫރަޕްގެ ޕްލޭ އޮފްއިން އަންނަ ޓީމެކެވެ. ނެދަލޭންޑްސްއިން ފުރަތަމަ ނުކުންނަން ޖެހޭނީ ޖަޕާނާ ދެކޮޅަށެވެ. އެއީ ޖޫން 14 ވަނަ ދުވަހުއެވެ.
ނެދަލެންޑް
ނެދަލެންޑް
ނެދަލެންޑް
ނެދަލެންޑް