އުރީދޫ މޯލްޑިވްސްއިން ކުރިއަށްގެންދާ "އުރީދޫ ގޯލްޑަން ފުޓްސަލް ގިވްއަވޭ" ގެ ފުރަތަމަ ނަސީބުވެރިޔާ ހޮވައި، އިނާމު ހަވާލުކޮށްފިއެވެ.

މި ގިވްއަވޭގެ ފުރަތަމަ ނަސީބުވެރިޔަކަށް ހޮވިފައިވަނީ ޅ. ހިންނަވަރަށް ނިސްބަތްވާ ފާތިމަތު ޝައީދާއެވެ. އޭނާއަށް ލިބުނު އިނާމާ ހަވާލުވެފައިވަނީ އަހުމަދު އާޔަންއެވެ.

އުރީދޫން މިއަދު ބުނީ މި ލަކީޑްރޯގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވެސް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ރެހެންދި ފުޓްސަލް ޓާފް ސަރަހައްދުގައި ހުންނަ އުރީދޫ ސޭލްސް ޓެންޓަށް ޒިޔާރާތްކޮށްގެން ކޮންމެ މީހަކަށްވެސް މި ލަކީޑްރޯގައި ބައިވެރިވެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ހަފުތާއަކުވެސް ނަސީބުވެރިއަކު ހޮވައި އަގުހުރި ހަދިޔާތަކެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް އުރީދޫން ބުންޏެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗުތައް ކުރިއަށްދާ ދުވަސްތަކުގައި، ކޮންމެ ދުވަހެއްގެ ހަވީރު 16:00 އިން ފެށިގެން ރޭގަނޑު 23:00 އާ ހަމައަށް އުރީދޫގެ އޮފިޝަލުން ސޭލްސް ޓެންޓުގައި ހަރަކާތްތެރިވާނެ ކަމަށް އުރީދޫން ބުންޏެވެ.

ލަކީޑްރޯގައި ބައިވެރިވުމަށްޓަކައި އުރީދޫގެ އެކި ހިދުމަތްތައް ހޯދާ ފަރާތްތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށާއި އޭގެ ތެރޭގައި އުރީދޫ ސުޕަނެޓް، 5ޖީ އެއާފައިބާ، ޕޯސްޓްޕެއިޑް ނުވަތަ ޕްރީޕެއިޑް ކަނެކްޝަނެއް އަލަށް އެކްޓިވޭޓްކުރާ ފަރާތްތައްވެސް ހިމެނޭ ކަމަށް އުރީދޫން ބުންޏެވެ.

މި ހަރަކާތަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖާ ގުޅުވައިގެން، ސަޕޯޓަރުންނަށް އިތުރު ފޯރިއެއް ގެނެސްދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އުރީދޫން ބުންޏެވެ.