ތައިލެންޑްގެ ވެރިރަށް ބެންކޮކްގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ދެވަނަ މެޗުގައި ރާއްޖޭން ފަސޭހަކަމާއެކު ބަންގްލަދޭޝް ވެސް ބަލިކޮށްފިއެވެ.
ރާއްޖޭން މިއަދުގެ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ޕާކިސްތާން ކައިރިން 7-1 އިން މޮޅުވެފައި އޮވެގެންނެވެ. މެޗަށް ނުކުތްއިރުވެސް ރާއްޖޭން ތާވަލުގެ އެއްވަނައިގައި އޮތް އިރު، މިއަދުގެ މޮޅާއެކު ރާއްޖެއަށް ވަނީ އެއްވަނައިގައި ހަމަޖެހިލަން ފުރުސަތު ލިބިފައެވެ. މިހާތަނަށް ނޭޕާލާއި ޕާކިސްތާނަށް ދެމެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ބަންގްލަދޭޝްއަށް ދެމެޗުން ލިބުނީ ޕޮއިންޓެކެވެ. އަދި އިންޑިއާއަށް އެއް މެޗުން ޕޮއިންޓެއް ލިބިފައިވެއެވެ.
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ލީގު އުސޫލުން ކުރިއަށްދާ އިރު، މިއަދުގެ މޮޅާއެކު ރާއްޖެއަށް ވަނީ އުންމީދު ބޮޑުވެފައެވެ. މިފަހަރު ފޯމެޓް އޮތް ގޮތުން ޗެމްޕިއަން ޓީމަކީ އެއްވަނައިގައި ނިންމާލާ ޓީމެވެ.
މިއަދުގެ މެޗުގައި 6-1 އިން ބަންގްލަދޭޝް ބަލިކޮށްފައިވާ އިރު، މެޗުގެ ފުރަތަމަ ހާފުގައިވެސް ރާއްޖޭން ހަތަރު ގޯލް ޖެހިއެވެ. މެޗު ފެށިގެން ދެ ވަނަ މިނެޓު ތެރޭގައި ރާއްޖޭގެ ކެޕްޓަން މުހައްމަދު އިމްރާން (އިންމި) ގޯލް ހުޅުވާލަ ދިނީ ކިކް އިންއަކުން ލިބުނު ފުރުސަތެއްގައެވެ.
އޭގެ އިރުކޮޅެއްފަހުން އިޝާން އިބްރާހީމް (ސައްޓު) ރާއްޖޭގެ ދެވަނަ ގޯލް ކާމިޔާބު ކޮށްދީފައިވާ އިރު، ރާއްޖޭގެ ތިންވަނަ ގޯލް ޖެހީ އަހުމަދު ރާހިލް ރަޝީދެވެ. މޮޅަށް ކުޅެމުން ދިޔަ ރާއްޖޭން ހަތަރު ވަނަ ގޯލް ޖެހީ ޕެނަލްޓީއަކުންނެވެ.
ރާއްޖެއަށް ލިބުނު ނުސީދާ ޖެހުމެއްގައި ލިބުނު ހިލޭ ޖެހުމަކުން އަލީ ޝިޔާހް (ޝިޔާ) ފޮނުވާލި ބޯޅައިގައި ގޯލް ރޮނގުމަތިން ބަންގްލަދޭޝްގެ އިންތިޝާރް މުސްތަފާ ޗޯދުރީ އަތުން ޖެއްސުމުން އޭނާއަށް ރަތް ކާޑު ދައްކާ ރެފްރީ ޕެނަލްޓީ ދިނެވެ. އެ ޕެނަލްޓީގައި ރާއްޖޭގެ ޝިޔާ ވަނީ ހަތަރު ވަނަ ގޯލް ޖަހައިފައެވެ.
ހާފު ނިމުމުގެ ކުރިން ކާޒީ އިބްރާހީމް އަހުމަދު ޖެހި ގޯލުން ބަންގްލަދޭޝް އުންމީދެއް ހޯދި ނަމަވެސް، ދެވަނަ ހާފަށް ނުކުމެ، ރާއްޖޭން ލީޑު ފުޅާކުރިއެވެ. އެ ގޯލް ޖެހީވެސް ކެޕްޓަން އިންމިއެވެ.
އޭގެ އިތުުރުންވެސް ހުސައިން ސުހައިލް (ސޮކޭ) އާއި އަލީ ހަައިސަމް (ޗުމްޕު)އަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެއެވެ. އެ ފޯމާއެކު ރާއްޖޭން އިތުރު ގޯލެއްވެސް ޖެހިއެވެ. އެ ގޯލަކީ އަބްުދުﷲ ޝާފިއު (ޝާއްޕެ) ފަހު ވަގުތު، އަމިއްލަ ހާފުން ފޮނުވާލި ބޯޅައެއް ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ.
ރާއްޖޭން ދެން ކުޅޭނީ އިންޑިއާއާ ދެކޮޅަށެވެ. އެއީ މިމަހުގެ 20 ވާ، އަންގާރަ ދުވަހުއެވެ.
މުޙައްމަދު ޝަމްޢޫން
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕް