ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ހއ. އަތޮޅު ސެމީ ފައިނަލް ފަހު ޖާގައަށް ވާދަކުރީ ވަށަފަރަށް ސަސްޕެންޝަނުގެ މައްސަލައަކާ ކުރިމަތިލާން ޖެހިއްޖެއެވެ.

ހއ. އަތޮޅު ސެމީގެ އެއް ޖާގަ އަދި ޔަގީން ނުވާ އިރު، އެއީ ގްރޫޕް ބީގެ ޖާގައެކެވެ. އެ ގްރޫޕުން މުރައިދުއަށް ސެމީ ޔަގީންވެފައިވާ އިރު، ދެވަނައިގައި އޮތް ވަށަފަރާއި ތިންވަނައިގައި އޮތް މާރަންދުއަށްވެސް އަދި އަތޮޅު ސެމީގެ ފުރުސަތު އެބައޮތެވެ. ވަށަފަރަށް މާދަމާގެ މެޗުން މޮޅުވެ، ގްރޫޕްގެ އެއްވަނަ ހޯދެންވެސް އޮތް އިރު، އެޓީމުން ނުކުންނާނީ މުރައިދުއާ ދެކޮޅަށެވެ.

މާރަންދޫން ކަޓާފައި އޮތް އުތީމާ ދެކޮޅަށް ނުކުންނަ އިރު، ވަށަފަރުން ކުޅޭ މެޗުން ބަލިވެގެން ނޫން ގޮތަކަށް މާރަންދުއަށް އަތޮޅު ސެމީގެ ފުރުސަތެއް ނޯންނާނެއެވެ.

ވަށަފަރުން އެންމެފަހުން ދިއްދުއާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމުން ބޭރުން ހިނގާ ދިޔަ ކަންކަމަށް މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީން ފިޔަވަޅު އަޅާފައިވާ އިރު، އަލީ ޔަޒްދާން ރަޝީދު ވަނީ ރަތް ކާޑާއެކު، އިތުރު ދެމެޗަށް ސަސްޕެންޑް ކޮށްފައެވެ. އެހެންކަމުން އެއީ ޖުމުލަ ތިން މެޗުގެ ސަސްޕެންޝަނެކެވެ. އަދި އަހުމަދު މާއިޝް ރަޝީދު ވަނީ ޖުމުލަ ދެމެޗަށް ސަސްޕެންޑް ކޮށްފައެވެ. އެއީ ރަތް ކާޑާއެކު ސަސްޕެންޑް ކުރި އެއް މެޗުގެ އިތުރުން އަދި އެއް މެޗަށެވެ.

ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ވަނީ ދިއްދޫގެ އަބްދުﷲ އަޝްފާގުވެސް އިތުރު ދެމެޗަށް ސަސްޕެންޑް ކޮށް، ފާއިގް އަހުމަދުވެސް އިތުރު މެޗަކަށް ސަސްޕެންޑް ކޮށްފައެވެ. އެ ޓީމަށް ދެން ބާކީ މެޗެއް ނެތް ނަމަވެސް، އަނެއް އަހަރުގެ މުބާރާތަށްވެސް ސަސްޕެންޝަން ދެމިގެންދާނެ ކަމަށް ގޯލްޑަންއިން ބުނެފައިވެއެވެ.

މިފަހަރުގެ މުބާރާތުގައި ވީޑިއޯ ސަޕޯޓްވެސް ބޭނުންކުރަމުންދާ އިރު، ހިނގާފައިވާ ބައެއް މަދު ހަމަނުޖެހުންތަކުގެ ތެރެއިން ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވެއެވެ.

އެގޮތުން ލ. ކުނަހަންދުއާއި މުންޑޫ ބައްދަލުރި މެޗުގައި ހިނގާ ދިޔަ ކަންތައްތަކުގެ ސަބަބުން ކުނަހަންދޫގެ މުހައްމަދު އަޒުމޫން ރަތް ކާޑާއެކު ޖުމުލަ ދެމެޗަށް ސަސްޕެންޑް ކުރި އިރު، ސަހީމް އަބްދުލް ގާދިރު ވަނީ ރަތް ކާޑަށް އެއް މެޗާއެކު އިތުރު ދެމެޗަށް ސަސްޕެންޑް ކޮށްފައެވެ. އަދި މުންޑޫގެ އަލީ ޒިޔާންވެސް އިތުރު ދެމެޗަށް ސަސްޕެންޑް ކޮށް، އިބްރާހީމް ދައިސަމްވެސް އިތުރު އެއް މެޗަށް ސަސްޕެންޑް ކޮށްފައިވެއެވެ. އަދި މުންޑޫގެ އޮފިޝަލް، ޖައިލަމްވެސް އިތުރު ދެމެޗަށް ސަސްޕެންޑް ކޮށްފައިވެއެވެ.

އޭގެ އިތުރުން ށ. ފުނަދުއާއި ގޮއިދޫ ވާދަކުރި މެޗުގެ ތެރެއިން ހިނގި ކަންކަމަށް ބަލައި ފުނަދޫގެ މުހައްމަދު ޒިޔާމް ރަތް ކާޑާއެކު އިތުރު އެއް މެޗަށް ސަސްޕެންޑް ކޮށްފައިވެއެވެ.