ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ތ. އަތޮޅު ސެމީ ފައިނަލްގެ ފަހު ޖާގަތައް ހިރިލަންދޫ އާއި ގާދިއްފުށިން ހޯދި އިރު، އދ. އަތޮޅު ސެމީގެ ފަހު ޖާގަތައް މަހިބަދުއާއި އޮމަދޫން ހޯދައިފިއެވެ.
ތ. އަތޮޅާއި އދ. އަތޮޅު ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ރޭ ކުޅެފައިވާ އިރު، ގްރޫޕް އޭގެ ފަހު ދެމެޗަށް ރޭ ނުކުތް އިރު، އެ ގްރޫޕުގެ އެއްވަނަ ތިމަރަފުއްޓަށް އޮތީ ޔަގީންވެފައެވެ.
ތިމަރަފުށިން އޮމަދޫއާ ދެކޮޅަށް ނުކުތް އިރު، އޮމަދުއަށް ތިމަރަފުށި ބަލިކޮށްގެން ސެމީއަށް ދެވެން އޮތެވެ. އެހެން ނަމަވެސް އެމެޗު އެއްވަރުވީ 1-1 އިންނެވެ.
އޮމަދޫގެ މުހައްމަދު އަލާއު ޖެހި ގޯލަކުން އެޓީމު ލީޑުގައި އޮއްވައި، ތިމަރަފުށިން މެޗު އެއްވަރުކުރީ އަލީ ޝިފާއު (ރޮނާ) ޖެހި ގޯލަކުންނެވެ.
އެ ގްރޫޕްގެ ދެވަނަ ޖާގައަށް ހިރިލަންދޫ އާއި ވަންދޫން ވަރުގަދަ މެޗެއް ކުޅެފައިވާ އިރު، ވަންދޫގެ މުހައްމަދު އަހުޒީން ގޯލް ޖަހާފައި އޮއްވައި، ހިރިލަންދޫން މެޗުން މޮޅުވީ ފަހަތުން އަރައި 3-1 އިންނެވެ. ހިރިލަންދޫގެ ގޯލްތައް ޖަހައިދިނީ އަހުމަދު ސާއިން ސިއްދީގާއި އިސްމާއިލް އަޒުހާނެވެ. ސާއިން މެޗުގައި ދެ ގޯލް ޖެހިއެވެ.
އެ އަތޮޅު އަނެއް ގްރޫޕްގެ ފަހު ދެމެޗަށް ނުކުތްއިރު ކިނބިދޫވެސް އަތޮޅު ސެމީ ޔަގީން ކޮށްފައިވާ އިރު، އަނެއް ތިން ޓީމަށްވެސް ފުރުސަތު އޮތެވެ. ވިލުފުއްޓަށް ކިނބިދޫ ބަލިކޮށް ސެމީއަށް ދެވެން އޮތް ނަމަވެސް، އެމެޗު ކިނބިދޫން ފަހަތުން އަރައި ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ.
ވަންދޫގެ ގޯލް ޖެހީ އިސްމާއީލް ހާމީ އަހުމަދެވެ. ކިނބިދޫގެ ގޯލްތައް ޖެހީ ހެޓްރިކް ހެދި މުހައްމަދު ޝާފިއުއާއި އަލީ ހަމްދޫން ހުސައިނެވެ. އަނެއް ގޯލަކީ ވިލުފުށީގެ ކީޕަރު މޫސާ ފަތުހީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ބުރުންޏާއި ގާދިއްފުށީގެ ކުރިމަތިލުން ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ގާދިއްފުށިން އަތޮޅު ސެމީ ޔަގީންކުރީ ބުރުނި ކައިރިން 3-2 އިން މޮޅުވެގެންނެވެ.
ގާދިއްފުށީގެ ގޯލްތައް ޖެހީ ހުސައިން ޒާހިރާއި މުހައްމަދު ސާހިލްގެ އިތުރުން އަދީބު އަބްދުލްރައްހުމާނެވެ. ބުރުނީގެ ގޯލްތައް ޖެހީ ހުސައިން މަމްދޫހު އަހުމަދައި އުސްމާން ޝާން މުހައްމަދެވެ.
އދ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައްވެސް ރޭ ކުޅެފައިވާ އިރު، ގްރޫޕް އޭއިން މަންދުއާއެކު އަތޮޅު ސެމީއަށް ދިޔައީ އޮމަދުއެވެ. އެއީ ހަންޏާމީދުއާ ފައިދާ އެންމެ ގޯލެއްގެ ފަރަގުންނެވެ.
ހަންޏާމީދޫން ރޭ ކުޅުނު މެޗުގައި މަންދޫ ކައިރިން 5-3 އިން ބަލިވި އިރު، މަންދޫގެ އާދަމް ޝިޔާން މުހައްމަދާއި އިބްރާހީމް އިމްރާން (އިންމި)، މީގެން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހިއެވެ. އަދި އަނެއް ގޯލް ޖެހީ އަހުމަދު ހަމްދާން އަޒްލީނެވެ.
ހަންޏާމީދޫން ފައިދާ ގޯލްގެ ފަރަގުން ސެމީއަށް ދާން މަސައްކަތް ކުރި އިރު، އެޓީމުގެ ގޯލްތައް ޖެހީ ހަސަން ޖިނާހް އިބްރާހީމާއި މިފްޒާލް އަބްދުލް ހަސީބު އަދި މުހައްމަދު ޖައިލަމްއެވެ.
އޮމަދޫން ފަހުވަގުތު ޖެހި ގޯލާއެކު ތާވަލަށް ބަދަލު އައިސްފައިވާ އިރު، އެޓީމުން ރޭ ކުނބުރުދޫ ބަލިކުރީ 4-1 އިންނެވެ. އޮމަދޫގެ ގޯލްތައް ޖެހީ އަލީ ޝާޒް ހިލްމީއާއި އާދަމް މާއިން ނަސީރު، އަބްދުﷲ ނިހާން އަދި ޔޫސުފް ނަވާލެވެ. ކުނބުރުދޫގެ ގޯލް ޖެހީ މުހައްމަދު ސިރުހާނެވެ.
އެ އަތޮޅު އަނެއް ގްރޫޕުގައި ރޭވެސް މާމިގިލިން މެޗަށް ހާޒިރުނުވުމުން އެމެޗު ދަނގެއްޗަށް ލިބުނެވެ. ދަނގެތި މާކުރިންވެސް އަތޮޅު ސެމީއަށް ގޮސްފައިވާ އިރު، މަހިބަދޫން އަތޮޅު ސެމީ ޔަގީންކުރީ ފެންފުށި ކައިރިން 3-1 އިން މޮޅުވެގެންނެވެ. މަހިބަދޫގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ޖެހީ އާދަމް ފަހުމާނެވެ.
ފެންފުށީގެ ގޯލް ޖެހީ އަބޫބަކުރު މުހައްމަދެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުންދާ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް