އަންނަ އޭޕްރީލް މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިއުޑީސީ) ގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 17 ވާ ހޮނިހިރު ދުވަހު ހުޅުވާލާނެ ކަަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެއެވެ.

އެ އިންތިހާބުތަކާ ބެހޭގޮތުން މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ޒާހިދު ވިދާޅުވީ މިފަހަރުގެ އިންތިހާބަށް ކުރިމަތިލާ ކެންޑިޑޭޓުން ފޯމު ހުށަހަޅަން ޖެހޭނީ ޕޯޓަލް މެދުވެރިކޮށް އެމީހަކު އަމިއްލައަށް އެމީހެއްގެ އީފާހުން ކަމަށެވެ.

އެހެންކަމުން މިމަހު 17 އިން ފެށިގެން އަންނަ ފެބްރުއަރީކަމުގެ އެއްވަނަ ދުވަހުގެ ނިޔަލަށް ކުރިމަތި ލުމަށް ހުޅުވާލާ ފުރުސަތުގައި ފެބްރުއަރީ އެއްވަނަ ދުވަހުގެ ރޭ 12:00 ގެ ފަހުން ކެނޑިޑޭޓުން ކުރިމަތިލުމުގެ ފުރުސަތު ޕޯޓަލްއިން ބަންދުވެގެންދާނެ ކަަމަށްވެސް ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ، ކޮންމެ މީހަކުވެސް ފޯމު ހުށަހެޅޭނީ، އީ ޕޯޓަކް މެދުވެރިކޮށް އެމީހެއްގެ އަމިއްލަ ވެރިފައިޑް އީފާސްއިން ކަމަށެވެ.

"ޕޯޓަލްއަށް ވަނީމަ އަންނާނެ އަމިއްލަ ގޮތުން ތޯ ނުވަތަ ޕާޓީއެއް ގޮތަށް ހުށަހަޅާނީތޯ، އަމިއްލަ ގޮތަށް ހުށަހަޅާނަމަ ވަކި ހިސާބަކުން އަންނާނެ ތާއީދު އޮތްތޯ، ބަލަންޖެހޭ 50 މީހުން އޮތްތޯ ބެލުމުގެ ބައެއް، އެކަންވެސް ކުރެވޭނީ ޕޯޓަލް މެދުވެރިކޮށް، އެގޮތުން ތާއީދު ކުރާކަމަށްބުނާ މީހާގެ ނަމާއި އައިޑީ ނަމްބަރު ޖެހުމުން، އެމީހާއަށް މެސެޖެއްދާނެ، ދެން އޭނާ އެކްސެޕްޓް ކުރުމުން، އެގޮތަށް 50 މީހުން ހަމަވަމުންދާތަން ކެނޑިޑޭޓަށް ޕޯޓަލް އިން ފެންނަމުންދާނީ،"

ނަމަވެސް ހަމަ އެގޮތަށް ޕާޓީއަކުން ކުރިމަތިލާނަމަ ޕާޓީން ކުރިމަތިލާ ކެނޑިޑޭޓެއްގެ ގޮތުގައި ފޯމު ފުރުން ކުރިއަށް ގެންދެވޭނެ ކަމަށާއި ނަމަވެސް ޕާޓީގެ ފަރާތުން ކުރިމަތިލާ ކެނޑިޑޭޓްގެ ފޯރު ފުރިހަމަ ކުރެވޭނީ ސިމަދަ ޕޯޓަލް މެދުވެރިކޮށް، އެ މީހަކީ އެ ޕާޓީގެ ކެނޑިޑޭޓެެއް ކަމަށް އެ ޕާޓީން އެކްސެޕްޓް ކުރުމަށް ފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.