މޮރޮކޯގައި ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލްތައް ކާމިޔާބުކޮށް، ސެނެގާލާއި ހޯސްޓް މޮރޮކޯއިން ފައިނަލަށް ދަތުރު ކޮށްފިއެވެ.
އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފޯރިގަދަކޮށް ފެނިގެންދާ އިރު، 2021 ވަނަ އަހަރު މުބާރާތް ހޯދި ސެނެގާލުން ފައިނަލް ޔަގީންކުރީ މުހައްމަދު ސަލާހްގެ މިސްރު ކައިރިން 1-0 އިން މޮޅުވެގެންނެވެ.
އަނެއްކޮޅުން މޮރޮކޯއިން ފައިނަލް ޔަގީންކުރީ ޕެނަލްޓީގައި 4-2 އިން ނައިޖީރިއާ ބަލިކޮށްގެންނެވެ. މޮރޮކޯއިން 50 އަހަރު ފަހުން ސަރަހައްދީ ޗެމްޕިއަންކަން ހޯދަން ކުރަމުންދާ މަސައްކަތުގައި ރޭ ހީރޯއަކީ ކީޕަރު ޔަސީން ބޯނޫއެވެ. އޭނާ ވަނީ ދެ ޕެނަލްޓީ މަތަކޮށްފައެވެ.
ސެނެގާލުން ކުޅުނު މެޗުގައި އެޓީމުން މެޗު ޑޮމިނޭޓް ކުރި އިރު، މިސްރުގެ އެޓޭކް ލައިނަށް މާ ބޮޑު ނުރައްކަލެއް ނުކުރެވުނެވެ. ލިވަޕޫލްގެ ތަރި ސަލާހަށްވެސް ސެނެގާލްގެ ގޯލަށް އަމާޒުކޮށް ޝޮޓެއް ހެދިފައި ނުވާ އިރު، މެޗުގެ ފަހުކޮޅަށް ދަންދެން މިސްރުން ސެނެގާލް ހުއްޓުވަން ޑިފެންސް ކުރިއެވެ.
މެޗުގެ ހަމައެކަނި ގޯލް، 78 ވަނަ މިނެޓުގައި ޖަހައިދިނީ ކުރިން ސަލާހާއި ލިވަޕޫލަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅުނު ސަޑިއޯ މާނޭއެވެ. އޭނާއަށް އޭރިއާ ބޭރުން ލިބުނު ބޯޅައިގައި ގޯލަށް ވައްދާލީ ތިރިން ފޮނުވާލި ހަމަލާ ގޯލްގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ނައިޖީރިއާއި މޮރޮކޯ ވާދަކުރި މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ކުޅުން ހަމަވި އިރުވެސް މެޗު އޮތީ 0-0 އިން އެއްވަރުވެފައެވެ.
މެޗުގައި ދެޓީމަށްވެސް ފުރުސަތުތައް މަދުކޮށް ފެނިފައިވާ އިރު، މޮރޮކޯގެ ދެ ހަމަލާއެއް ނައިޖީރިއާ ކީޕަރު ސްްޓޭންލީ އެންވާބިލީ ވަނީ މަތަކޮށްފައެވެ.
ރަނގަޅު ފޯމެއްގައި ސެމީއަށް ދިޔަ ނައިޖީރިއާއަށް އެޓޭކް އުފައްދަން އުނދަގޫވެފައިވާ އިރު، ޕެނަލްޓީގައި ސަމެއިލް ޗުކުއޭޒީއާއި ބްރޫނޯ އޮންޔެމައޭޗީ ޖެހި ޕެނަލްޓީތައް ބޯނޫ މަތަކުރިއެވެ. އެހިސާބުން މޮރޮކޯއަށް ފުރުސަތު ލިބި، އެޓީމުގެ ފަހު ޕެނަލްޓީ ގޯލަށް ވައްދާލީ ޔޫސުފް އައްނަސޭރީއެވެ.
މޮރޮކޯއިން 1976 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެފްކޯންގެ ތަށި ހޯދަން މަސައްކަތް ކުރާ އިރު، އެޓީމުން ސެނެގާލާ ދެކޮޅަށް އަމިއްލަ ގައުމުގައި ކުޅޭ ފައިނަލް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރޭ މެންމަދުއެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން