އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ފައިނަލްގެ މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސް (ކާސް) ގައި އޮކްޓޯބަރު މަހު އަށްވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.

ޖެނުއަރީ 18 ވަނަ ދުވަހު މޮރޮކޯގެ ރަބަޓްގައި ކުޅުނު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ސެނެގާލުން ވާދަކުރީ މޮރޮކޯއާ ދެކޮޅަށެވެ.

މޮރޮކޯއާއި ސެނެގާލް ވާދަކުރި މިއަހަރު އެފްކޯންގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު، މެޗު އެއްވަރުވެފައި އޮތީ 0-0 ގެ ނަތީޖާއަކުންނެވެ. ސެނެގާލުން މެޗުގައި ހަމައެކަނި ގޯލް އިތުރު ވަގުތުގައި ޖަހާފައިވާ އިރު، އެޓީމު މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، ވީއޭއާރްގެވެސް އެހީގައި ރެފްރީ ދިން ޕެނަލްޓީއެއްގައި ބޮޑު ހައިޖާނު ގަނޑަކަށް ގޮސްފައިވެއެވެ. ކޮންގޯގެ ރެފްރީ ޖީން ޖަގޭސް އެންޑާލާ މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާއެކު އެކަމާ ހިތްހަމަ ނުޖެހިގެން ސެނެގާލް ކޯޗު ޕަޕޭ ޗާއޯ ވަނީ ކުޅުންތެރިން ދަނޑުން ބާލުވައިފައެވެ.

ސެނެގާލް ކޯޗު އެ ހިސާބުން މެޗު ނުކުޅެން ނިންމައި، ޑްރެސިން ރޫމަށް ޓީމު ގެންދިޔުމުން، 15 ވަރަކަށް މިނެޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ. އެ ހާލަތަށް ދިޔަތަނުން ސެނެގާލް އަލުން ކުޅެން ނެރުނީ ކެޕްޓަން ސަޑިއޯ މާނޭއެވެ. އޭނާ ވަނީ އެކަން ނޫސްވެރިންނަށްވެސް ޔަގީން ކޮށްދީފައެވެ.

ސެނެގާލްގެ ކޯޗު ފަހުން އެކަމަށް މައާފަށް އެދި، ރެފްރީގެ ގޯސް ގަބޫލުކުރި ކަމަށްވެސް ބުނެފައިވެއެވެ.

އެ މައްސަލައިގައި ކުރިން ކާފްއިން ވަނީ ސެނެގާލް ކޯޗު ޗާއޯ ސަސްޕެންޑް ކޮށް ޖޫރިމަނާ ކޮށްފައެވެ. އޭގެ އިތުރުން ކުޅުންތެރިންނަށްވެސް ފިޔަވަޅު އަޅަން ކާފްއިން ނިންމާފައިވާ އިރު، އެ މައްސަލައިގައި ނަތީޖާ މޮރޮކޯ ކޮޅަށް އަނބުރާލީ ކާފްގެ އެޕީލް ބޯޑުންނެވެ. ކާފްގެ އެޕީލް ބޯޑުން ބުނީ ނިންމުން ނިންމާފައި ވަނީ މުބާރާތުގެ ގަވާއިދުގެ ގިނަ މާއްދާތަކަކަށް ރިއާޔަތް ކޮށްފައި ކަމަށެވެ.

ސެނެގާލް ސަރުކާރުން އެކަމުގައި އިންކިއެރީއެއް ހަދަން އަންގާފައިވާ އިރު، ސެނެގާލް ފެޑަރޭޝަނުން ވަނީ އެ މައްސަލަ ކާސްއަށް ހުށަހަޅައިފައެވެ. ކާސްއިން މިހާރު ވަނީ އެ މައްސަލަ އޮކްޓޯބަރު އަށްވަނަ ދުވަހަށް ތާވަލު ކޮށްފައެވެ.