އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ފައިނަލްގެ މައްސަލައިގައި ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސް (ކާސް)އިން ސެނެގާލް ކޮޅަށް ނިންމުން ނިންމައިފިއެވެ.
ޖެނުއަރީ 18 ވަނަ ދުވަހު މޮރޮކޯގެ ރަބަޓްގައި ކުޅުނު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ސެނެގާލުން ވާދަކުރީ މޮރޮކޯއާ ދެކޮޅަށެވެ. މޮރޮކޯއާއި ސެނެގާލް ވާދަކުރި މިއަހަރު އެފްކޯންގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު، މެޗު އެއްވަރުވެފައި އޮތީ 0-0 ގެ ނަތީޖާއަކުންނެވެ. ސެނެގާލުން މެޗުގައި ހަމައެކަނި ގޯލް އިތުރު ވަގުތުގައި ޖަހާފައިވާ އިރު، އެޓީމު މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، ވީއޭއާރްގެވެސް އެހީގައި ރެފްރީ ދިން ޕެނަލްޓީއެއްގައި ބޮޑު ހައިޖާނު ގަނޑަކަށް ގޮސްފައިވެއެވެ. ކޮންގޯގެ ރެފްރީ ޖީން ޖަގޭސް އެންޑާލާ މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާއެކު އެކަމާ ހިތްހަމަ ނުޖެހިގެން ސެނެގާލް ކޯޗު ޕެޕް ޗާއޯ ވަނީ ކުޅުންތެރިން ދަނޑުން ބާލުވައިފައެވެ.
ސެނެގާލް ކޯޗު އެ ހިސާބުން މެޗު ނުކުޅެން ނިންމައި، ޑްރެސިން ރޫމަށް ޓީމު ގެންދިޔުމުން، 15 ވަރަކަށް މިނެޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ. އެ ހާލަތަށް ދިޔަތަނުން ސެނެގާލް އަލުން ކުޅެން ނެރުނީ ކެޕްޓަން ސަޑިއޯ މާނޭއެވެ. އޭނާ ވަނީ އެކަން ނޫސްވެރިންނަށްވެސް ޔަގީން ކޮށްދީފައެވެ.
ސެނެގާލުން އަމަލުކުރި ގޮތަށް ބަލައި، ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) އިން ނިންމާފައި ވަނީ އެމެޗު ސެނެގާލުން ދޫކޮށްލި ކަމަށެވެ. އެއާއެކު ފައިނަލުން މޮރޮކޯ 3-0 އިން މޮޅުވި ކަމަށް ކާފްއިން ނިންމުމުން އެފްރިކާގެ ޗެމްޕިއަންކަން މޮރޮކޯއަށް ލިބޭނެ ކަމަށްވެސް ކާފްއިން ނިންމާފައިވެއެވެ.
ކާސްއިން ނިންމާފައިވާ ގޮތުގައި އެމެޗުގައި އެންމެ ފަހުގެ ނިންމުމަކީ ރެފްރީގެ ނިންމުމެވެ. އަދި ރެފްރީ ނިންމުން ނިންމީ އެއްވެސް އުސޫލަކުން ބޭރު ނުވެ ކަމަށްވެސް ކާސްއިން ނިންމާފައިވެއެވެ. އަދި މެޗު އަލުން ފެށީ ދެޓީމުންވެސް އެއްބަސްވެ، އެކަމަށް ރެފްރީ ނިންމުމުން ކަމަށާއި، އެހެންކަމުން ދެން މެޗުގައި ކުޅުނު ބައިގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކާސްއިން ބުނެފައިވެއެވެ.
ކާސްއިން ބުނީ ސެނެގާލުން ވަގުތީ ގޮތުން ދަނޑު ދޫކޮށްލި ނަމަވެސް، އެ މެޗު އެއްކޮށް ދޫކޮށްލިކަން ދޭހަ ނުވާ ކަމަށެވެ. އަދި ރެފްރީގެ ފަހު ކަށިގަނޑަކީ ފަހުން ކުޅުނު ބަޔަށްފަހު ގޮއްވި ކަށިގަނޑު ކަމަށްވެސް ކާސްއިން ބުނެފައިވެއެވެ.
ސެނެގާލާއާއި މޮރޮކޯ ވާދަކުރި ފައިނަލް މެޗުގެ މައްސަލަ ބެލި ކާސްގެ ޕެނަލްގެ ޗެއާއަކީ ފްރާންސްގެ ސްޕޯޓްސް ލޯ އެކްސްޕާޓް ޖެރަލްޑް ސިމޮންގެ އިތުރުން އިޓަލީގެ ބައިނަލްއަގުވާމީ ގާނޫނީ މާހިރެއް ކަމަށްވާ ލުއިޖީ ފުމަގާލީގެ އިތުރުން ޔުނިވާސިޓީ އޮފް ޒިއުރިކްގެ ޕްރޮފެސަރެއް ކަމަށްވާ އުލްރިޗް ހާސްއެވެ.
ކޮމެންޓް