އެފްރިކާ ކަޕް އޮފް ނޭޝަންސް (އެފްކޯން)ގެ ފައިނަލްގެ މައްސަލައިގައި ކޯޓް އޮފް އާބިޓްރޭޝަން އޮފް ސްޕޯޓްސް (ކާސް) އިން މާދަމާ ގޮތެއް ނިންމާނެ ކަމަށް އިއުލާނު ކޮށްފިއެވެ.

ޖެނުއަރީ 18 ވަނަ ދުވަހު މޮރޮކޯގެ ރަބަޓްގައި ކުޅުނު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ސެނެގާލުން ވާދަކުރީ މޮރޮކޯއާ ދެކޮޅަށެވެ. މޮރޮކޯއާއި ސެނެގާލް ވާދަކުރި މިއަހަރު އެފްކޯންގެ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ނިމުނު އިރު، މެޗު އެއްވަރުވެފައި އޮތީ 0-0 ގެ ނަތީޖާއަކުންނެވެ. ސެނެގާލުން މެޗުގައި ހަމައެކަނި ގޯލް އިތުރު ވަގުތުގައި ޖަހާފައިވާ އިރު، އެޓީމު މެޗުން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް، ވީއޭއާރްގެވެސް އެހީގައި ރެފްރީ ދިން ޕެނަލްޓީއެއްގައި ބޮޑު ހައިޖާނު ގަނޑަކަށް ގޮސްފައިވެއެވެ. ކޮންގޯގެ ރެފްރީ ޖީން ޖަގޭސް އެންޑާލާ މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާއެކު އެކަމާ ހިތްހަމަ ނުޖެހިގެން ސެނެގާލް ކޯޗު ޕެޕް ޗާއޯ ވަނީ ކުޅުންތެރިން ދަނޑުން ބާލުވައިފައެވެ.

ސެނެގާލް ކޯޗު އެ ހިސާބުން މެޗު ނުކުޅެން ނިންމައި، ޑްރެސިން ރޫމަށް ޓީމު ގެންދިޔުމުން، 15 ވަރަކަށް މިނެޓަށް މެޗު މެދުކަނޑާލަން ޖެހުނެވެ. އެ ހާލަތަށް ދިޔަތަނުން ސެނެގާލް އަލުން ކުޅެން ނެރުނީ ކެޕްޓަން ސަޑިއޯ މާނޭއެވެ. އޭނާ ވަނީ އެކަން ނޫސްވެރިންނަށްވެސް ޔަގީން ކޮށްދީފައެވެ.

ސެނެގާލްގެ ކޯޗު ފަހުން އެކަމަށް މައާފަށް އެދި، ރެފްރީގެ ގޯސް ގަބޫލުކުރި ކަމަށްވެސް ބުނެފައިވެއެވެ.

ސެނެގާލުން ދަނޑުން ފޭބުމާއެކު އެފްރިކާގެ ފުޓުބޯޅަ ފެޑަރޭޝަން (ކާފް) އިން ނިންމާފައި ވަނީ މިއަހަރު އެފްކޯން ޗެމްޕިއަނުންނަކީ މޮރޮކޯ ކަމަށެވެ. ސެނެގާލުން ކާސްއަށް ދިޔައީ އެ ނިންމުން ބަދަލުކޮށްދިނުމަށެވެ. ކާސްގެ މައްސަލަ އޮތުމާއެކު އަދިވެސް ސެނެގާލުން ދަނީ ތަށި ހިފަހައްޓަމުންނެވެ.

ކާސްއިން ނެރުނު ބަޔާނެއްގައި ބުނީ މާދަމާ މައްސަލަ ނިންމާނެކަން މިހާރު ހުރިހާ ފަރާތްތަކަށްވެސް އަންގާފައިވާ ކަމަށެވެ. ކާސްސިން އެ މައްސަލަ އޮކްޓޯބަރު މަހު ނިންމަން މަސައްކަތް ކުރި ނަމަވެސް، ފަހުން ނިންމާފައި ވަނީ މައްސަލަ ފުރިހަމައަށް ބަލައި ކާސް އެވޯޑްގެ ހުކުމެއް އިއްވުމަށެވެ.

ކާސް އެވޯޑްގެ ނިންމުމަކީ ގާނޫނީ ގޮތުން ބާރު ލިބޭ ކޯޓު ނިންމުމެއްގެ ބާރު ހިނގާނެ ނިންމުމެކެވެ.

މާދަމާ މައްސަލައިގައި ގޮތެއް ނިންމަން އިއުލާނުކުރި ނަމަވެސް، އެކަން ކުރާނީ ކޮން ގަޑިއަކު ކަމެއް އިއުލާނު ކޮށްފައެއް ނުވެއެވެ.