މި އަހަރުގެ އެޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހަކު، އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުލާާން ބޭނުންވާ ނަމަ، ރަޖިސްޓްރީވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.
އީސީން މިރޭ ބުނީ ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ތެރެއިން ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތްތަކުން މިއަންނަ ފެބުރުވަރީ 23 ވާ ހޯމަ ދުވަހުގެ ރޭގަނޑު 10:00ގެ ކުރިން 1414 އަށް ގުޅައި ރަޖިސްޓަރީކުރަންވާނެ ކަމަށެެވެ.
ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން ރޭގަނޑު 10:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރުފަހު 3:00 އިން ރޭގަނޑު 10:00 ގެ ކުރިން ރަޖިސްޓަރީކުރުމުގެ އިންތިޒާމްތައް ހަމަޖެހިފައި ހުންނާނެކަމަށް އީސީން ބުންޏެވެ.
ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލައަށް ވޯޓުކަރުދާހުގައި ޓެމްޕްލޭޓް ބޭނުންކޮށްގެން ފާހަގަ ޖެހުމުގެ ފުރުސަތު ދިނުމުގެ ގޮތުން، އެކަމަށް ހާއްސަ ޓެމްޕްލޭޓެއް ތައްޔާރުކޮށްފައިވަނީ 2023 ވަނަ އަހަރުގައި ތެރޭގައިކަމަށް އީސީން ބުންޏެވެ.
އެ ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމުގެ ފުރުސަތު އެންމެ ފުރަތަމަ ފަށާފައިވަނީ 2023 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައިކަމަށް އީސީން ބުންޏެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައިވެސް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓުލުމަށް އެދޭ ފަރާތަކަށް، އެކަމަށް ބޭނުންވާ މައުލޫމާތު ދިނުމަށް މާލެއާއި، އަތޮޅުތެރޭގައި ތަމްރީނު ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފައިވާނެކަމަށް އީސީން ބުންޏެވެ.
އެ ތަމްރީނުގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންވަނީ އަމިއްލައަށް ޓެމްޕްލޭޓުގައި ފާހަގަ ޖަހައިފައިކަމަށް އީސީން ބުންޏެވެ.
އީސީން މިމަހުގެ ހަތްވަނަ ދުވަހު ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 294،937 މީހަކަށް ލިބިގެންވާ ކަމަށެވެ. އެއީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނަށްކަމަށް އީސީން ބުނެފައިވެއެވެ.
މިމަހުގެ އަށްވަނަ ދުވަހު އީސީން ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވޯޓުލުމަށް 621 ވޯޓުފޮށި ބަހައްޓާނެ ކަމަށެވެ.
"މި އިންތިހާބުގައި ބެހެއްޓުމަށް ހަމަޖެހިފައިވަނީ ޖުމުލަ 621 ވޯޓު ފޮށްޓެވެ. އެގޮތުން، އަތޮޅު ތެރޭގައި 321 ވޯޓު ފޮށި ބަހައްޓާއިރު، މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންނާއި، ކުޅުދުއްފުށި ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި އައްޑޫ ސިޓީގެ ރައްޔިތުން ވޯޓުލުމަށްޓަކައި މާލެ، ހުޅުމާލެ އަދި ވިލިމާލެގައި 240 ވޯޓު ފޮށި ބެހެއްޓޭނެ." އީސީން ބުނެފައިވެއެވެ.
އެ އިއުލާނުގައިވާ ގޮތުން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި ތިން ފޮށި، ޖަލުތަކުގައި ފަސް ވޯޓު ފޮށި، ރިސޯޓްތަކުގައި 50 ވޯޓު ފޮށި އަދި ރާއްޖެއިން ބޭރުގައި ދެ ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ސްރީ ލަންކާ އަދި މެލޭޝިއާގައިކަމަށް އީސީން ބުނެފައިވެއެވެ.
މި އިންތިހާބުގައި ޖުމުލަ 225 ދާއިރާއަކުން، ލޯކަލް ކައުންސިލްތަކުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުން އިންތިހާބުކުރާން ވަނީ ނިންމައިފައެވެ.
އީސީން މީގެ ކުރީން އާންމުކޮށްފައިވާ އިންތިހާބީ ދާއިރާ ކަނޑައެޅުމާބެހޭ ދާއިމީ ރިޕޯޓުގައިވާ ގޮތުން ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރާނެއެވެ.
ރަށު ކައުންސިލްތަކުގެ ތެރެއިން 133 ރަށަކަށް އިންތިހާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި އަންހެން މެންބަރު ހިމެނޭހެން ތިން ކައުންސިލަރުންނެވެ. 46 ރަށަކަށް އިންތިހާބު ކުރަންޖެހޭނީ ކައުންސިލް ރައީސާއި ދެ އަންހެން ކައުންސިލަރުން ހިމެނޭހެން ފަސް ކައުންސިލަރުންނެވެ.
ސިޓީތަކުގައި ދާއިރާތައް ކަނޑައަޅާފައިވާ ގޮތުން ކުޅުދުއްފުށި ސިޓީއަށް މޭޔަރު ހިމެނޭހެން ހަތް ކައުންސިލަރުން އިންތިހާބު ކުރާނެއެވެ. ތިނަދޫ ސިޓީއަށް ހަތް ކައުންސިލަރުން، ފުވައްމުލައް ސިޓީއަށް ނުވަ ކައުންސިލަރުން، އައްޑޫ ސިޓީއަށް 11 ކައުންސިލަރުން އަދި މާލެ ސިޓީއަށް 18 ކައުންސިލަރުން އިންތިހާބުކުރާނެއެވެ.
މުހައްމަދު އިޝާން
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަން