ކެނަބިސްތަކެއް ހައްދައި، ގިނަ އަދަދެއްގެ ޑްރަގް ގެންގުޅުނު މީހަކު 100 އަހަރަށް ޖަލަށްލުމާއެކު ހަތަރުލައްހަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައިގައި ކުރިމިނަލް ކޯޓުން ހުކުމް ކުރީ ނ. ކެނދިކުޅުދޫ ކެނދިކޮޅު އަވަށު ނިޝާން، އަހުމަދު ޔާސިހުގެ މައްޗަށެވެ.

މި މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް ހަތަރު ދައުވާއެއް ކުރިއެވެ.

އޭގެ ތެރޭގައި ހިމެނެނީ، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް އުފެއްދުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކް ކުރުމާއި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ.

ޖަދުވަލު އެެކެއްގައިވާ މަސްތުވާއެއްޗެއް އުފެއްދުމުގެ ދައުވާ ކޮށްފައިވަނީ ކެނަބިސް ގަސްތަކެއް ގެންގުޅުނު މައްސަލައިގައެވެ.

މި މައްސަލައިގައި ދައުވާކުރީ، މާލޭ ބަނަފްސާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި މަރުޖުވާނާ ގަހެއް ކަމަށް ބެލެވޭ ގަހެއް ހުރި ކަމަށް ބުނެ އާއްމު ފަރާތަކުން ފުލުހުންނަށް ދިން މައުލޫމާތަކާ ގުޅިގެން ފުލުހުން އެ ސަރަހައްދަށް ގޮސް، ގ. ރިމިނީ ގޭގެ ދޮރުކައިރި ބިންމަތިން ކެނެބިސް ގަހެއް ކަމަށް ބެލެވޭ ގަހެއް ފެނިގެން އެތަނުގައި ފުލުހުން މަޑުކޮށްގެން ތިއްބައި އަހުމަދު ޔާސިހު އެތަނަށް ގޮސް، އެ ގަހަކީ އޭނާގެ ގަހެއް ކަމަށާއި، އޭނާ ދިރިއުޅޭ ގ. ރިމިނީ ގޭގެ ބެލްކަނީގައި ވެސް ގަސްތަކެއް ހުންނާނެ ކަމަށް ފުލުހުން ގާތު ބުނުމުން އޭނާގެ ހުއްދައާއެކު، އޭނާގެ އަތުގައި އޮތް ތަޅުދަނިން ހުޅުވުމަށްފަހު އެ އެޕާޓްމަންޓަށް ވަދެ ބަލައި ފާސްކުރި އިރު، ބެލްކަނިން އޭގެ ހަތަރު ގަހާއި އެ އެޕާޓްމަންޓްގެ ކޮޓަރިއެއް ބަލައި ފާސްކުރި އިރު އެ ކޮޓަރިން ފެނުނު ދެ ގަހާއެކު އެގޭ ދޮރުކައިރުން ފެނުނީ ކެނަބިސް ގަސްކަމަށް ތަހުލީލުތަކުން ދެއްކުމުންނެވެ.

މީގެ އިތުރުން އެ އެޕާޓްމަންޓުން ގިނަ އަދަދެއްގެ ޑައިމޯފިން އާއި ކެނަބިސް ފެނުމުގެ އިތުރުން، ކޮތަޅުތަކެއްގައި ބަންދުކޮށްފައިވާ ކޮކެއިން ކޮތަޅުތަކެއް ފެނިފައިވާތީ، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ވަނީ ކޮށްފައެވެ.

މި ހަތަރު ދައުވާގެ ތެެރެއިން ކޮށްމެ ދައުވާއަކަށް 25 އަހަރުގެ ޖަލު ހުކުމަކާއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް ދައްކަން ކުރިމިނަލް ކޯޓުން ހުކުމް ކުރުމުން، ޖުމްލަ 100 އަހަރަށް ލުމާއެކު ހަތަރު ލައްކަ ރުފިޔާއަށް ޖޫރިމަނާ ވަނީ އަރައިފައެވެ.