ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ މ. އަތޮޅު ލީގު ބުރުގައި މަޑުއްވަރިން ދެވަނަ މޮޅެއް ހޯދައި ފައިނަލްގެ އުންމީދު ދަމަހައްޓާފައިވާ އިރު، ފ. އަތޮޅުގައި މަގޫދޫންވެސް ދެވަނަ މޮޅެއް ހޯދައިފިއެވެ.

ފ. އަތޮޅާއި މ. އަތޮޅުންވެސް ފަސް ޓީމަކުން މުބާރާތުގައި ވާދަކުރަމުންދާ އިރު، މަޑުއްވަރުން ރޭ އެ އަތޮޅުގެ ރަނަރަޕް މުލައް ބަލިކުރީ 2-0 އިންނެވެ. މަޑުއްވަރީގެ ގޯލްތައް ޖެހީ ހުސައިން ފަލާހާއި ތޮލާލް ނަސީރެވެ.

މިހާތަނަށް ބަލިނުވެ، މަޑުއްވަރި މިވަގުތު އެއްވަނައިގައި އޮތީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ދިއްގަރު އޮތް އިރު، ތިންވަނައަށް ނާލާފުށި ޖެހިލީ ރޭ 4-2 އިން ކޮޅުފުށި ބަލިކޮށްގެންނެވެ.

ނާލާފުށީގެ އަހުމަދު ރަފާހް މެޗުގައި ދެ ގޯލް ޖެހި އިރު، އަނެއް ގޯލްތައް ޖެހީ މުހައްމަދު ފަޒީލާއި އިބްރާހީމް ޝައްފާނެވެ. ކޮޅުފުށީގެ ގޯލްތައް ޖެހީ އަބްދުﷲ ގައްސާން އަހުމަދާއި އަހުމަދު އައްޒާމެވެ.

މަޑުއްވަރީގެ ތޮލާލް ގޯލް ޖަހައި އުފާފާޅުކުރަނީ --- ފޮޓޯ/ އިމޭޖަސް އެމްވީ

ފ. އަތޮޅުގެ ފޯރިވެސް ގަދަވަމުންދާ އިރު، މަގޫދޫން ރޭ ކުޅުނު ދެވަނަ މެޗުން މޮޅުވީ އެންމެފަހުގެ ޗެމްޕިއަން ދަރަނބޫދޫ ކޮޅަށް ހަތަރު ގޯލް ޖަހައި، 4-1 އިން މޮޅުވެގެންނެވެ. މަގޫދޫގެ މުހައްމަދު އަލްޔާނު އަބްދުﷲ ދެ ގޯލް ޖެޖި އިރު، ދެން ގޯލްތައް ޖެހީ އުލޫފް އަހުމަދާއި މޫސާ އަސްއަދު އަންވަރެވެ. ދަރަނބޫދޫގެ ގޯލް ޖެހީ ސާއިން އަލީއެވެ.

މަގޫދުއާއި ނިލަންދޫވެސް މިހާތަނަށް ކުޅުނު ދެމެޗު ކާމިޔާބު ކޮށްފައިވާ އިރު، ނިލަންދޫ އެއްވަނައިގައި އޮތީ ފައިދާ ގޯލްގެ ފަރަގުންނެވެ.

މިވަގުތު ތިންވަނައަށް ޖެހިލި ބިލެއްދޫން ރޭ އުންމީދު އާކުރީ ފީއަލި ކައިރިން 5-0 އިން މޮޅުވެގެންނެވެ. އެމެޗުގައި ބިލެއްދޫގެ މުހައްމަދު ޒީދާން ހެޓްރިކް ހެދި އިރު، އަނެއް ގޯލްތައް ޖެހީ މުނީފް އަބްދުﷲ އާއި ރިމާން އަލީއެވެ.

ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.