ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ އއ. އަތޮޅުގެ ފައިނަލާ މަތިވެރި ގާތަށް ޖެހިލި އިރު، ބޮޑުފޮޅުދޫންވެސް އުންމީދު ހޯދައިފިއެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި އއ. އަތޮޅުން ފަސް ޓީމަކުން ވާދަކުރަމުންދާ އިރު، އެ އަތޮޅުގެ ތާވަލު ވަނީ ފޯރިގަދަ ވެގެން ގޮސްފައެވެ. މަތިވެރިން މިއަދު ދެވަނަ މޮޅެއް ހޯދައި، ތިން މެޗުން ހަތް ޕޮއިންޓް ހޯދާފައިވާ އިރު، ބޮޑުފޮޅުދޫން ވަނީ ދެވަނަ މެޗުން މޮޅުވެ، ދެމެޗުން ތިން ޕޮއިންޓް ހޯދައިފައެވެ.
އެ އަތޮޅުގެ ލީގު ބުރުގައި ހިމަންދުއަށްވެސް ދެމެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ތޮއްޑުއަށް ތިން މެޗުން ލިބުނީ ހަ ޕޮއިންޓެވެ. މާޅޮސް ފުލުގައި އޮތް އިރުވެސް ދެމެޗުން ޕޮއިންޓެއް ލިބިފައި އޮތުމުން އަދި ފައިނަލްގެ ފުރަސަތު އެބައޮތެވެ.
މަތިވެރިއަށް ފައިނަލް ފުރުސަތު ގެއްލެން އޮތީ ހަމައެކަނި ހަނި ގޮތަކަށެވެ. އެއީ މާޅޮހާއި ބޮޑުފޮޅުދޫން ދެން ހުރިހާ މެޗަކުން މޮޅުވެ، ފައިދާގެ ގޯލްގެ ފަރަގުން މަތިވެރިއަށްވުރެ މާޅޮސް ކުރިއަށް ޖެހިއްޖެ ހާލަތެއްގައި އެކަންޏެވެ.
އިއްޔެ މަތިވެރިން ކުޅުނު މެޗުގައި ތޮއްޑޫ ބަލިކުރީ 3-0 އިންނެވެ. އެމެޗުގައި މަތިވެރީގެ އަލީ އަލްސަން ދެ ގޯލް ޖަހައިދިން އިރު، އެޓީމުގެ އަނެއް ގޯލަކީ ތޮއްޑޫ ކީޕަރު އަލީ އަގީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ބޮޑުފޮޅުދޫން ފައިނަލްގެ އުންމީދު އާކުރީ އިއްޔެ މާޅޮސް ކައިރިން 6-1 އިން މޮޅުވެގެންނެވެ. އެމެޗުގައި ބޮޑުފޮޅުދޫގެ މުހައްމަދު ސިރުހާނާއި ޔޫނުސް ރައްޔާން، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖަހައިދީފައިވާ އިރު، ދެން އަނެއް ގޯލްތައް ޖެހީ ރުހުޝާން ޖަމީލާއި އަހުމަދު މާއިންނެވެ.
މާޅޮހުން ޖެހި ހަމައެކަނި ގޯލް ޖެހީ އަހުމަދު އާރިފެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް