"އޮޕަރޭޝަން އަލިމަގު" ގެ ދަށުން އަތުލައިގަތް ގއ. ވިލިނގިލިއަށް ނިސްބަތްވާ ޑްރަގް ނެޓްވޯކުގެ އިސް މީހުންގެ އެކައުންޓުގައި 300 މިލިއަން ރުފިޔާ ދައުރުވިކަމަށް ފުލުހުން މިރޭ ބުނެފިއެވެ.

ފުލުހުން ރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާހު ލަތީފު (28އ)، ގއ. ވިލިނގިލި، މިޔުޒިކީއާގެ، އަހުމަދު މަދީހު (33އ)، ގއ. ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމް (30އ) އަދި ގއ. ވިލިނގިލި، އަރާއިރުގެ، ނޫރުއްނިޒާމް (35އ) އެވެ.

ފުލުހުން ބުނެފައިވަނީ އެ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝައްފާހު ލަތީފު، އަހުމަދު މަދީހު އަދި އަހުމަދު އަނާމް އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެެވެ.

ނޫރުއްނިޒާމްގެ ބަންދަށް ކޯޓުންވަނީ 15 ދުވަސް ޖަހައިދީފައިކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ހަތަރު މީހުންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، މަނީ ލޯންޑަރިންގެ ނެޓްވޯކު ހިންގާ އިސް ހަތަރު މީހުންކަމަށް ތުހުމަތުވާ މީހުން ކަމަށެވެ. އެ ނެޓްވޯކުން 2015 ވަނަ އަހަރުން ފެށިގެން މަސްތުވާތަކެތި ޓްރެފިކް ކުރަމުން ގެންދާކަން ފުލުހުންގެ ތަހުގީގަށް ހޯދިފައިވާކަމަށް ފުލުހުން ބުންޏެވެ.

"އެގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި މި ނެޓްވޯކް މެންބަރުންގެ ބޭންކު އެކައުންޓުތަކުގައި 300 މިލިއަންއަށްވުރެ ގިނަ ދިވެހި ރުފިޔާއާއި ހަތަރު ލައްކައަށް ވުރެން ގިނަ އެމެރިކާ ޑޮލަރު ދައުރުކޮށްފައިވާކަންވަނީ ފާހަގަކުރެވިފައެވެ." ފުލުހުން ބުންޏެވެ.

އެ ނެޓްވޯކުގެ މެންބަރެއްކަމަށްވާ އަހުމަދު މަދީހުގެ ބޭންކު އެކައުންޓުތަކުގައި 17،174،461.12 ރުފިޔާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

"ނަމަވެސް މި މުއްދަތުގެ ތެރޭގައި އޭނާގެ އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 430،638.99 ރުފިޔާ" ފުލުހުން ބުންޏެވެ.

އަހުމަދު އަނާމް އިބްރާހިމްގެ ބޭންކު އެކައުންޓުތަކުގައި 38،812،690.60 ރުފިޔާ ދައުރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

"މި މުއްދަތުގެ ތެރޭގައި އަހުމަދު އަނާމް އިބްރާހިމް ބޭންކު އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 271،874.32 ރުފިޔާ" ފުލުހުން ބުންޏެވެ.

އަދި ޝައްފާހު ލަތީފުގެ ބޭންކު އެކައުންޓުތަކުގައި 6،916،752.83 ރުފިޔާ ދައުރުވެފައިވާކަމަށް ފުލުހުން ބުންޏެވެ.

"މި މުއްދަތުގެ ތެރޭގައި ޝައްފާހު ލަތީފުގެ ބޭންކު އެކައުންޓަށް މުސާރައިގެ ގޮތުގައި ޖަމާވެފައިވަނީ 317،635.36 ރުފިޔާ" ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މި ނެޓްވޯކް އިސްވެ ހިންގާ ފަރާތާއި، އޭނާގެ ދަށުން މަސްތުވާތަކެތި ވިއްކާ ވިޔަފާރިކޮށް މަނީލޯންޑާ ކުރުމުގައި އެކި ގޮތްގޮތުން ހަރަކާތެރިވި 19 ފަރާތެއް، ތަހުގީގަށް ދެނެގަނެވިފައިވާ ކަމަށެވެ. އެ ހުރިހާ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުގީގަށް ކޯޓު އަމުރެއްގެ ދަށުން މިހާތަނަށް 13 ފަރާތެއްގެ ބޭންކު އެކައުންޓް ފްރީޒްކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.