ރެއާލް މެޑްރިޑްގެ ކޯޗުކަމުގައި ހުރި ޒަބީ އެލޯންސޯ އެ މަގާމު ދޫކޮށްލައިފިއެވެ.

އުމުރުން 44 އަހަރު އެލޯންސޯ މަގާމު ދޫކޮށްލާފައި ވަނީ ހަވާލުވިތާ އަށް މަސް ފަހުންނެވެ. ރެއާލުން ބުނީ އެލޯންސޯ މަގާމު ދޫކޮށްލުމުން މިވަގުތު ވަގުތީ ގޮތުން ޓީމާ ހަވާލުވެފައި ވަނީ ކުރިން ލިވަޕޫލާއި ރެއާލަށް ކުޅެފައިވާ އަލްވާރޯ އާބެލޯއާއެވެ.

އާބެލޯއާ ކުރިން ހަވާލުވެ ހުރީ ރެއާލްގެ ބީ ޓީމާއެވެ. އޭގެ ކުރިން 2020 ވަނަ އަހަރުން ފެށިގެން އާބެލޯއާ ވަނީ ރެއާލްގެ ޔޫތު ޓީމަށްވެސް ކޯޗުކަން ކޮށްދީފައެވެ.

ކުރިން ރެއާލަށް ފަސް އަހަރު ދުވަހު ކުޅެފައިވާ އެލޯންސޯ މަގާމު ދޫކޮށްލާފައި ވަނީ ދެ ފަރާތުން އެއްބަސްވެގެން ކަމަށް ކްލަބުން ބުނެފައިވެއެވެ. އޭނާ މަގާމު ދޫކޮށްލީ ރޭ ބާސެލޯނާއާ ވާދަކޮށް، ސުޕަ ކަޕް ފައިނަލް ގެއްލިފައި ވަނިކޮށެވެ.

އެލޯންސޯގެ އިރުޝާދުގެ ދަށުން ރެއާލުން ކުޅުނު 34 މެޗުގެ ތެރެއިން 24 މެޗުން މޮޅުވެފައިވެއެވެ. ލީގުގައި އެންމެފަހުން ރެއާލުން ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު ސަޕޯޓަރުން ވަނީ އެލޯންސޯއަށް ނުރުހުން ފާޅުކޮށްފައެވެ.

ސަޕޯޓަރުންގެ ނުރުހުން ފާޅުކުރުމާއެކު މިދިޔަ ހަފުތާ ތެރޭގައި ރެއާލްގެ ހައިރާކީން ވަނީ އެލޯންސޯގެ ކުރިމަގާ މެދު ގޮތެއް ނިންމަން ކުއްލި ބައްދަލުވުމެއްވެސް ބާއްވާފައެވެ.

އެލޯންސޯގެ އިރުޝާދުގެ ދަށުން ރެއާލުން އެތުލެޓިކޯ މެޑްރިޑް ކައިރިން 5-2 ގެ ނަތީޖާއަކުން ބަލިވެފައިވާ އިރު، ޗެމްޕިއަންސް ލީގުގައި އެޓީމުން ވަނީ ލިވަޕޫލާއި މެންޗެސްޓާ ސިޓީ ކައިރިންވެސް ބަލިވެފައެވެ.

އެލޯންސޯ ރެއާލާ ހަވާލުވެފައި ވަނީ ބަޔާން ލެވަކޫސަންއާއެކު ކާމިޔާބީތަކެއް ހޯދުމަށްފަހުއެވެ.