ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކުޅުނު މެޗުގައި ފަހުވަގުތު ގޯލްތައް ޖަހައިދިން ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފިއެވެ.

މިރޭ ގައުމީ ދަނޑުގައި ކުޅުނު މެޗުގެ އިތުރު ވަގުތުގައި ނިއުއިން ގޯލްތައް ޖހި އިރު، އެޓީމުން މޮޅުވީ 2-0 އިންނެވެ. މެޗަށް ނުކުތް އިރު، ހަތަރު ވަނައިގައި އޮތް ނިއުއިން މޮޅާއެކު ތިންވަނައަށް ޖެހިލީ 14 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ.

މިރޭގެ މެޗުގެ ބޮޑު ބައެއްގައި ނިއުއިން ނުރައްކާ ކުރަން މަސައްކަތް ކުރި ނަމަވެސް، ޓީސީން ވަނީ ރަނގަޅަށް ޑިފެންސް ކޮށްފައެވެ. މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކައިރިންވެސް އެއްވަރުކުރި ޓީސީން މިރޭގެ މެޗުގައިވެސް ރަނގަޅަށް ޑިފެންސް ކުރަމުން ގޮސް، އެޓީމު ކޮޅަށް ފުރަތަމަ ގޯލް ވަނީ އިތުރުން ވަގުތުގެ 98 ވަނަ މިނެޓުގައެވެ.

އަރިމަތިން އަހުމަދު ވިޖުދާން (ވިޖުއްކޮ) ނެގި ހުރަސް ގޯލަށް ވައްދާލީ އަލްހާޖީ ގޭރޯއެވެ. އޭގެ އިރުކޮޅެއް ފަހުން ގޭރޯ އިތުރު ގޯލެއް ޖެހި އިރު، އެ ގޯލަށް ފުރުސަތު ތަނަވަސް ކޮށްދިނީ ގޯމޭޒް ޑަ ސިލްވާއެވެ.

ލީގުގައި މާދަމާރޭ ކުޅޭ މެޗުގައި ދެ ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބުން ކުޅޭނީ ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.