"އޮޕަރޭޝަން އަލިމަގު" ގެ ދަށުން މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކޮށްފައިވަނީ ގއ. ވިލިނގިލި، ޝެވޯނާ، ޝައްފާހު ލަތީފު (28އ)، ގއ. ވިލިނގިލި، މިޔުޒިކީއާގެ، އަހުމަދު މަދީހު (33އ)، ގއ. ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމް (30އ) އަދި ގއ. ވިލިނގިލި، އަރާއިރުގެ، ނޫރުއްނިޒާމް (35އ) އެވެ.
ފުލުހުން ބުނީ އެ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝައްފާހު ލަތީފު، އަހުމަދު މަދީހު އަދި އަހުމަދު އަނާމް އިބްރާހިމް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެެވެ.
ނޫރުއްނިޒާމްގެ ބަންދަށް ކޯޓުންވަނީ 15 ދުވަސް ޖަހައިދީފައިކަމަށް ފުލުހުން ބުންޏެވެ.
އެ ހަތަރު މީހުންގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅުގައި އަދި މާލޭ ސަރަހައްދުގައި "އޮޕަރޭޝަން އަލިމަގު" ކުރިއަށްގެންދާ ކަމަށެވެ.
އެ އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުންޏެވެ.
"މި އޮޕަރޭޝަނަކީ ގދ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިޔަށް ގެންދާ އޮޕަރޭޝަނެއް." ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ އޮޕަރޭޝަން ކުރިޔަށްގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށެވެ.
މުހައްމަދު އިޝާން
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް