މަސްތުވާތަކެއްޗާ ދެކޮޅަށް ފެށި "އޮޕަރޭޝަން އަލިމަގު"ގެ ދަށުން މިއަދު ދިހަތަނެއް ބަލާފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި އެ އޮޕަރޭޝަން ކުރިޔަށްގެންދާ ކަމަށެވެ.

އެ އޮޕަރޭޝަނަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވުމަށްޓަކައި ކުރިއަށް ގެންދާ އޮޕަރޭޝަނެއްކަމަށް ފުލުހުން ބުންޏެވެ.

"މި އޮޕަރޭޝަނަކީ ގދ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިޔަށް ގެންދާ އޮޕަރޭޝަނެއް." ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ އޮޕަރޭޝަން ކުރިޔަށްގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށެވެ.