ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވަން މާލޭގެ އިތުރުން ގއ. އަތޮޅުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކްތައް ހުއްޓުވައި، ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕްރޭޝަން އަލިމަގު"ގެ ދަށުން ހާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ގއ. އަތޮޅާއި މާލެ ސަރަހައްދުގައި ކުރިޔަށްގެންދާނެ ކަމަށެވެ.

"މިއަދު ކުރިޔަށްގެންދާ މި އޮޕަރޭޝަނަކީ ގދ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިޔަށް ގެންދާ އޮޕަރޭޝަނެއް." ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އިތުރަށް ބުނީ އެ އޮޕަރޭޝަން ކުރިޔަށްގެންދަނީ ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ގެނައި ބަދަލުތާއެކު ނިޒާމުތައް ހަރުދަނާކޮށް، މަސްތުވާތަކެތީގެ މައްސަލަތަކަށް ހަރުކަށި އަދަބުތަކެއް ދޭން ވަނީ ކަނޑައަޅައިފައެވެ.

މަސްތުވާތަކެއްޗާބެހޭ ގާނޫނަށް ގެނައި ތިންވަނަ އިސްލާހުގެ ގޮތުގައި، 2025 ޑިސެމްބަރު މަހުގެ ތިންވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ޑިސެމްބަރުމަހުގެ 6 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި އިސްލާހުން، މަސްތުވާތަކެތި ހުއްޓުވުމަށް އެންމެ ހަރުކަށި އަދަބު ކަނޑައަޅާފައިވަނީ މަސްތުވާއެއްޗެއް ރާއްޖެއަށް އެތެރެކުރުން ނުވަތަ ރާއްޖެއިން ބޭރުކުރުމުގެ ކުށަށެވެ.

އެގޮތުން ވަކި ޝަރުތުތަކެއް ފުރިހަމަ ވާނަމަ، އެފަދަ ކުށްކުރާ މީހެއްގެ އަދަބަކީ މަރުގެ އަދަބު ކަމަށް ވަނީ ކަނޑައަޅައިފައެވެ. ނަމަވެސް އެއީ ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައެވެ.

ގާނޫނަށް ގެނައި ބަދަލުގައި ކަނޑައަޅާފައިވަނީ ތިން ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު ދޭން ޖެހޭނެ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައި ވުން.
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވުން.
  • އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު އެކެއްގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުން.

ނަަމަވެސް މަރުގެ އަދަބު ކަނޑައެޅޭނީ އެ މީހަކު ރާއްޖެއަށް އެތެރެކުރި މަސްތުވާ އެއްޗަކީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ އެވެ.